29 ނޮވެންބަރު 2023 - 09:12 0
29 ނޮވެންބަރު 2023 - 09:12 0
ޕެރިސް (ނޮވެމްބަރު 29) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑާއި ބާސެލޯނާ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެއްޖެ އެވެ.
ގްރޫޕް އެފްގައި ޑޯޓްމަންޑުން ވަނީ އޭސީ މިލާން އަތުން 3-1 އިން މޮޅުވެފަ އެވެ. އެ ގްރޫޕް އަނެއް މެޗުން ނިިއުކާސަލް އާއި ޕީއެސްޖީ އެއްވަރުވުމުން ބާކީ މެޗެއް އޮއްވައި، އަނެއް ބުރުން ޖާގަ ޔަގީންވީ އެވެ. ބާސެލޯނާ އިން ވަނީ އަމިއްލަ ދަނޑުގައި ކުުޅުނު މެޗުން 2-1 އިން ޕޯޓޯ ބަލިކޮށްފަ އެވެ. ބާސެލޯނާ ހިމެނޭ ގްރޫޕް އެޗްގެ އަނެއް މެޗުން ޝަހުތަރު ޑޮނެސްކުން ވަނީ 1-0 އިން ރޯޔަލް އެންޓްވާޕް ބަލިކޮށްފަ އެވެ.
ލިއޮނަލް މެސީ ދިޔަ ފަހުން ބާސެލޯނާ އިން މި ވަނީ ދެ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ. އަކީނޯ ކޯސާގެ ގޯލުން ޕޯޓޯ އިން ލީޑުނަގާފައިވަނިކޮށް، ބާސެލޯނާ އިން ނަތީޖާ އަނބުރާލީ ޔާއޯ ކަންސޭލޯ އާއި ޔާއޯ ފެލިކްސް ޖެހި ގޯލުތަކުންނެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޯޓޯ އާއި ތިން ވަނައިގައި އޮތް ޝަހުތަރަށް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ރޯޔަލް އެންޓްވާޕަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.
މިލާނުގައި ކުޅުނު މެޗުގައި ޑޯޓްމަންޑުގެ މާކޯ ރެއުސް ޕެނަލްޓީ އަކުން އެ ޓީމަށް ލީޑުނަގައިިދިނެވެ. މި މެޗުގައި މިލާނަށް ލީޑުނަގައިދޭން ލިބުނު ފުރުސަތުގައި އޮލިވިއޭ ޖިރޫ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެމިއުލް ޗުކުވޭޒީ ގޯލެއް ޖަހައި މިލާނަށް އެއްވަރުކޮށްދިނެވެ. ޑޯޓްމަންޑް މޮޅުވީ ދެ ވަނަ ހާފުގައި ބީނޯ-ގިޓެންސް އަދި ކަރީމް އަޑެޔޭމީ ޖެހި ގޯލުތަކުންނެވެ.
އަލެކްސަންޑަ އިސާކް، މެޗުގެ 24 ވަނަ މިނިޓްގައި ޖެހި ގޯލުން ނިއުކާސަލް ލީޑުނެގި އެވެ. އެ ޓީމު މެޗުން މޮޅުވާނެ ކަމަށް ބެލެވިފައި އޮއްވައި، އިތުރު ވަގުތުގެ އަށް ވަނަ މިިނިޓްގައި ޕެނަލްޓީއެއް ކާމިޔާބުކޮށް ޕީއެސްޖީން އެއްވަރުކުރި އެވެ. މި ޕެނަލްޓީ ޖެހީ ކީލިއަން އެމްބާޕޭ އެވެ. މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ލަފާގެ މަތިން، ދަނޑު ކައިރީގައި ހުރި މޮނީޓަރުން ވެސް ބަލައިފަ އެވެ. ޕެނަލްޓީ ދޭން ނިންމީ ނިއުކާސަލްގެ ފުލްބެކް، ޓީނޯ ލިވްރަމެންޓޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަަލައިފަ އެވެ.
ގްރޫޕް އެފްގެ އެއް ވަނައިގައި ޑޯޓްމަންޑް އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއުކާސަލް އާއި ހަތަރެއްގައި އޮތް މިލާނަށް ވަނީ ފަސް މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment