Advertisement

އިންޑިއާގެ ހިމާލަޔަން ޓަނަލުގެ ތެރޭގައި ތާށިވި މީހުން ސަތާރަ ދުވަސްފަހުން ސަލާމަތްކޮށްފި

29 ނޮވެންބަރު 2023 - 08:29 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އިންޑިއާގެ ހިމާލަޔަން ޓަނަލުގެ ތެރޭގައި ތާށިވި މީހުން ސަތާރަ ދުވަސްފަހުން ސަލާމަތްކޮށްފި

29 ނޮވެންބަރު 2023 - 08:29 0

އުތުރު އިންޑިއާގެ ހިމާލަޔަން ޓަނަލުގައި 41 ކޮންސްޓުރަކްޝަން މަސައްކަތްތެރީން ތާށިވެފައި ތިބޭތާ 17 ދުވަސްފަހުން ކާމިޔާބުކަމާއެކު އެ އެންމެން ސަލާމަތްކޮށްފި އެވެ.

އުއްތަރުހަންދުގައި ހުރި އެ ޓަނަލުގެ ތެރެއިން ސަލާމަތްކުރި ހުރިހާ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ. ފާއިތުވި ދެ ހަފުތާއަށްވުރެ ގިނަ ދުވަހު ޓަނަލުގެ ތެރޭގައި ތާށިވެފައި ތިބި މީހުންނަށް ސަލާމަތީ އިދާރާތަކުން ވަނީ ހަ އިންޗި ހޮޅިއެއް ބޭނުން ކޮށްގެން ފެނާއި ބޭހުގެ އިތުރުން ކާބޯތަކެތި ފޯރުކޮށްދީފަ އެވެ. އެ މުއްދަތުގައި އިތުރު ހޮޅިއެއް ބޭނުންކޮށްގެން މަސައްކަތްތެރީން ނޭވާ ލުމަށްޓަކައި އޮކްސިޖަން ފޯރުކޮށްދެމުންދިޔަ އެވެ.

ޓަނަލުން ސަލާމަތްކުރި ހުރިހާ އެންމެން މިހާރު ވަނީ ސިއްހީ ހާލަތު ދެނެގަތުމާއި ދޭންޖެހޭ އިތުރު ފަރުވާ ދިނުމަށް އިންޑިއާގެ ހޮސްޕިޓަލުތަކަށް ގެންގޮސްފަ އެވެ.

ފާއިތުވި 17 ދުވަހު މުޅި އިންޑިއާގެ ހުރިހާ ލޯތައް ހުއްޓިފައި ހުރި އެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފައި ވަނީ ރޭގަ އެވެ. އެމީހުން ސަލާމަތް ކުރުމަށް އިންޑިއާގެ އެކި އޭޖެންސީތަކުން މަސައްކަތް ކޮށްފައިވެ އެވެ. އެމީހުން ރޭ މިނިވަން ކޮށްފައި ވަނީ "ރެޓު ހޯލް މައިނިން" ކިޔާ އުކުޅެއް ބޭނުން ކޮށްގެން އިންޑިއާގެ އަސްކަރީ އިންޖިނޭރުންނެވެ.

އިންޑިއާގެ އެކި ސްޓޭޓުތަކަށް ނިސްބަތްވާ މަސައްކަތްތެރީން 4.5 ކިލޯމީޓަރުގެ އެ ޓަނުލުގައި ތާށިވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެ ޓަނަލަކީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ތަރައްގީ ކުރަމުންދިޔަ ޗަރްދަމް ހައިވޭގެ ބައެކެވެ. 1.5 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހަދާ އެ ހައިވޭއަކީ ހިންދޫއިން އަޅުކަން ކުރާ ހަތަރު ތަނެއް ގުޅާލަދޭ 890 ކިލޯމީޓަރުގެ "ރޯޑު ނެޓުވޯކު" ޕުރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަގެކެވެ.

ޓަނަލުގައި އެމީހުން ތާށިވާން މެދުވެރިވި ސަބަބެއް މިހައިތަނަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ޓަނަލު ހުރި ސަރަހައްދަކީ ބިންހެލުންތަކާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ތާރީހެއް އޮތް ސަރަހައްދެކެވެ.