28 ނޮވެންބަރު 2023 - 22:17 0
ސާއިފް ޝިޔާދު
28 ނޮވެންބަރު 2023 - 22:17 0
ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ތިން ވަޒީރަކާ އެކު މަޝްވަރާ ބައްދަލުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވައިފި އެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭން ބޭރަށް ރައީސް މުއިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާންއާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ.
އެގޮތުން, އެންމެ ފުރަތަމަ ވަޒީރެއްގެ ގޮތުން ތުރުކީވިލާތުގެ އިންޓީރިއާ މިނިސްޓަރު އަލީ ޔަލިކަޔާ އާ އެމަނިކުފާނު ވަނި ބައްދަލުކުރައްވާފަ އެވެ.
ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބާ ސެކިއުރިޓީގެ ދާއިރާ އާއި، އަދި ދިވެހިރާއްޖޭގެ މަދަނީ ދިފާއުގެ ކަންކަމަށް ބޭނުންވާ ތަމްރީނު ދިނުން ފަދަ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އެ ގައުމުގެ ނޭޝަނަލް އެޑިއުކޭޝަން މިނިސްޓަރާ އެކު ވެސް ރައީސް ވަނީ ރާއްޖޭގެ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަޝްވަރާކުރައްވާފަ އެވެ. ރާއްޖެއަށް އާތު ސައިންސާއި, ޗައިލްޑް ކެއާ, ތެރަޕީ އަދި ރިހެބިލިޓޭޝަންގެ އިތުރުން ބޭސްފަރުވާގެ ތައުލީމުގެ ދާއިރާއިން ރާއްޖެއަށް އިތުރު އެހީ ބޭނުންވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ފަތުރުވެރިކަމުގެ ދާއިރާއިންނާއި، އިމާރާތް ކުރުމުގެ ދާއިރާއިންނާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ތުރުކީގެ ޑެޕިއުޓީ މިނިސްޓާ އޮފް ޓްރޭޑް މުސްތަފާ ޓުޒްކޫއާ އެކު ވެސް ރައީސް މުއިއްޒު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ރާއްޖެ އާއި ތުރުކީވިލާތާ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައްޔިތުން ތިބީ މިހާރަށް ވުރެ ފާގަތި ގައުމީ ތަރައްގީއެއްގެ އިންތިޒާރުގައިކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ހަމައެހެންމެ, ޓާކިޝް އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރެއްވުމަށް ވެސް ރައީސް އެދެވަޑައިގެންނެވި އެވެ.
ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ.
Comment