28 ނޮވެންބަރު 2023 - 18:50 0
މެމްބަރުން އަނދުން ހުސައިން. ފްލެޓުތައް ދީފައިވާ ގޮތާ މެދު ނުރުހުން ފާޅުކުރެއްވި --- ފޮޓޯ: މަޖިލިސް
28 ނޮވެންބަރު 2023 - 18:50 0
ނިމިގެންދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރުން ފްލެޓުތައް ދިނުމަށް އެކުލަވާލީ "ދޯހަޅި އުސޫލެއް" ކަމަށް ވިދާޅުވެ އެކަމާ ގުޅޭގޮތުން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑީގައި އެ ޕާޓީ މަޖިލީހުގައި ތަމްސީލު ކުރައްވާ ހުސައިން ޝަހީމް (އަނދުން ހުސައިން) ނުރުހުން ފާޅުކުރައްވައިފި އެވެ.
ފުލެޓު ލިސްޓުގެ މައްސަލަ ބޮޑުވީ، ވަގުތީ ލިސްޓެއް ނުނެރި، ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ދާއިމީ ލިސްޓެއް ކުރީ ސަރުކާރުން އިއުލާނު ކުރި ހިސާބުންނެވެ. އެ ލިސްޓު ގެޒެޓު ކުރުމާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމަށް އޭސީސީން އޭރު އެންގި އެވެ.
އެ އެންގުމާ އެއްގޮތަށް ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަލުން ދާއިމީ ލިސްޓު އިއުލާނު ކުރީ ވެރިކަން ބަދަލުވުމުގެ އެއް ދުވަސް ކުރިންނެވެ.
އެ ލިސްޓު ނެރުމާއެކު ފުލެޓުތަކުގެ ގުރުއަތު ނެގުން ވެސް ފަށައިގެން ކުރިއަށް ގެންދަން ފެށި އެވެ. ފުލެޓު ލިބުނު ބައެއް ފަރާތްތަކުން އެގުރީމެންޓުގައި ސޮއި ވެސް ކުރި އެވެ. އެ މަސައްކަތް ހުއްޓާލީ ފުލެޓާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލުމަށް އޭސީސީން އެންގުމުންނެވެ.
އާ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބޯހިޔާވަހިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ސިޔާސަތުތައް ހާމަކުރުމަށާއި ލިޔުން ލިބިފައިވާ ހުރިހާ މީހުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވަނީ އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ސަރުކާރަށް ވެސް ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑަށް މީގައި ގަބޫލު ނުކުރެވިގެން މީގައި އުޅޭ އެއް ކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ހަމަ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓު މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަކަށް ފްލެޓު ދެވޭނެ ކަމަށް ފުރަތަމަ 4,000 ފްލެޓުގެ ތެރެއިން ދެވޭނެ ކަމަށް ބުނެފައި އޮތް އޮތުމާއި އެ ނިންމި ނިންމުން ބަލައެއް ނުގަންނަން," އޭނާ ވިދާޅުވި އެވެ.
އެއީ އޭނާ ނިސްބަތްވާ އެމްޑީޕީގެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއަކަށް ވި ނަމަވެސް އެއީ ރަނގަޅަށް ބަލާފައި އޮތް ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިމަންނަމެންނަށް ފްލެޓަށް މި ހުށަހެޅި ހުރިހާ އެޕްލިކޭޝަނެއްގައި ހުރީ ތެެދު ދޮގުތޯ ބަލާނެއް ވަގުތެއް ނެތޭ, ތިމަންނަމެންނަށް ނުލިބުނޭ [ވަގުތެއް]," އެއަށްފަހު އޭނާ ވަނީ ފަސް އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ލިބިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވެފަ އެވެ.
މީހަކު ޖަހާފައި ލިޔާ އެއްޗަކަށް ޕޮއިންޓު ދިނުމަކީ އުސޫލެއް ނޫން ކަމަށާއި ރަނގަޅަށް އިވެލުއޭޓް ކުރުމަށް ފަހު ހައްގުވެރިންނަށް ފްލެޓު ދިނުމަށް އޭނާ ގޮވާލެއްވި އެވެ.
ފްލެޓާ މެދު އަމަލުކުރާނެ ގޮތެއް އެނގިވަޑައިގަންނަވާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދާ ތަހުގީގަށް ފަހު ކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment