28 ނޮވެންބަރު 2023 - 17:45 2
ސާއިފް ޝިޔާދު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް. ކައުންސިލަށް މެމްބަރުން ހޮވުން އޮންނާނީ ޖެނުއަރީ 13 ގައި --- ފޮޓޯ: އެމްޑީޕީ
28 ނޮވެންބަރު 2023 - 17:45 2
އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށާއި ސިޓީ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17, ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.
އެމަނިކުފާނުގެ ސަރުކާރުގެ މަގާމުތަކާއި ބައެއް ކައުންސިލަރުން ހަވާލުވެވަޑައިގަތުމާ ގުޅިގެން އެ މަގާމުތައް ވެސް ވަނީ ހުސްވެފަ އެވެ.
އެގޮތުން, މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެ އިންތިހާބު އޮންނާނީ ޖެނުއަރީ 13, ގަ އެވެ.
އެމްޑީޕީން ވަނީ ޑިސެމްބަރު 1, ގެ 16:00 ގެ ކުރިން އެ ޕާޓީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފަ އެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް އެ ޕާޓީގެ ޓިކެޓަށް މީގެކުރިން ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. ނަމަވެސް, އޭގެ ފަހުން އެކަމާ ގުޅޭ ވާހަކައެއް އޭނާ ދައްކަވާފައި ނުވެ އެވެ.
އެމްޓީސީސީގެ ވެރިޔަކަށް އެމްޑީޕީގެ ވެރިކަމުގައި ހުންނެވި އާދަމް އާޒިމް އެ ޕާޓީގެ ޓިކެޓުގައި ނުކުމެދާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
މާލޭގެ މޭޔަރު ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނީ މިހާރު ވެސް ކައުންސިލުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ސައިފް ފާތިހު އެވެ. ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު ކުރީގެ ރައީސް އަބްދުالله ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފަރާތުން ހުސައިން ވަހީދު ވާދަކުރައްވާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ.
Comment