28 ނޮވެންބަރު 2023 - 17:03 0
ސާއިފް ޝިޔާދު
ނޫސްވެރިޔާ ރިލްވާން ގެއްލުވާލައި މަރާލި މައްސަލާގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއްގ ތެރެއިން. --- ފޮޓޯ: ފައިލް
28 ނޮވެންބަރު 2023 - 17:03 0
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގުތަކުގެ ފުރިހަމަ ރިޕޯޓުތައް އާންމުކޮށް އެ ކަމުގައި އިހުމާލުވާ ދައުލަތުގެ އިދާރާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި އެވެ.
ރާއްޖޭގައި ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކަށް އިންސާފު ހޯދައިދިނުން އަވަސް ކޮށްދިނުމަށް ގޮވާލައި ރާއްޖެ އާއި ބައިނަލްއަގްވާމީ ހަ ޖަމިއްޔާއެއް ހިމެނޭހެން މިއަދު ވަނީ ގޮވާލާފަ އެވެ. އެއީ, ހިއުމަން ރައިޓްސް ވޮޗް, ޓްރާންސްޕޭރެންސީ މޯލްޑިވްސް, ރިޕޯޓާސް ވިތައުޓް ބޯޑާސް, މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން, އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އަދި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ ފަރާތުން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޕޯޓެއް ނެރެފައިވެ އެވެ. އަދި, ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އާއި ރިލްވާންގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ.
ކްރިމިނަލް ކޯޓުން ވަނީ ނޮވެމްބަރު 22, 2023 ގައި އެ ދައުވާތައް ބޭރުކޮށްލާފަ އެވެ. އެކަމުގެ ކަންބޮޑުވުން އޮތް ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.
އެކަމާ ގުޅިގެން ތަހުގީގީ އިދާރާތަކުން މި މައްސަލަތަކުގެ ތަހުގީގުގައި ނިންމާފައިވާ ނިންމުންތަކާ މެދު އެ ޖަމިއްޔާތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.
"މައްސަލަތައް ސިއްރު ކުރަމުން ދިޔުމާއި, ނޫސްވެރިންނާ ދެކޮޅަށް ހިންގިފައިވާ ބޮޑެތި ކުށްތަކުގެ މައްސަލަތައް ސިޔާސީ ޕާޓީތަކުން އަމިއްލަ ފައިދާއަށް ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ތަހުގީގީ އިދާރާތަކާއި, ޝަރުއީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު މުޅިން ހެން ނެތިގޮސްފައިވާކަން ފާހަގަކުރަމެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކަންކަން އިސްލާހު ކުރުމުގެ ގޮތުން ހަތަރު ކަމެއް ސަރުކާރުން ކުރުމަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.
އެގޮތުން, މަރު ކޮމިޝަން އުފެދުނީއްސުރެ 2023 އަށް ކޮށްފައިވާ މަސައްކަތްތަކާއި ހިންގާފައިވާ ތަހުގީގުތަކުގެ ފުރިހަމަ މައުލޫމާތު ރިޕޯޓު އާންމު ކުރުމާއި މައްސަލަތަކުގެ ތަހުގީގު މަރުހަލާ އަވަސްކޮށް ދައުވާ ކުރަން ޖެހޭ މީހުންނަށް ދައުވާ ކުރަން ވަނީ ގޮވާލާފަ އެވެ.
އޭގެ އިތުރުން, މި މައްސަލަތައް ފެށިގެން މިއަދާ ހަމައަށް އެކި މަރުހަލާތަކުގައި އިހުމާލުވެފައިވާ އިދާރާތަކާއި, ފަރާތްތަކުގެ މައްސަލަ ވަކި މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރުމަށާއި އަދި ކޯޓުން ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ނިންމެވި ސަބަބުތައް ހާމަކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.
ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.
Comment