Advertisement

އުތުރުގެ އައިޔޫއެމް ކެމްޕަސް އުނގޫފާރު އިސްލާމީ މަރުކަޒުގައި

28 ނޮވެންބަރު 2023 - 14:47 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޑރ.އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާކުރި އިސްލާމީ މަރުކަޒާއި މިސްކިތް


އުތުރުގެ އައިޔޫއެމް ކެމްޕަސް އުނގޫފާރު އިސްލާމީ މަރުކަޒުގައި

28 ނޮވެންބަރު 2023 - 14:47 1

އުތުރުގެ އައިޔޫއެމް ކެމްޕަސް އުނގޫފާރު އިސްލާމީ މަރުކަޒުގައި ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އައިޔޫއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ އަލީ ޒާހިރު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ޝަހީމް ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރާއިރު އުނގޫފާރު އިސްލާމީ މަރުކަޒު އެބޭފުޅަކަށް ހާއްސަވާ އުނގޫފާރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަކޮށްލި އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާން އާކުރުން މުހިންމު ކަމަށެވެ.

ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީއަށް އަފްރާޝީމް ކުރެއްވި ކުރެއްވި ހިދުމަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.

"އެހެންކަމުން އެމަނިކުފާނުގެ ހަނދާނުގައި ބިނާކުރެވިފައިވާ އިސްލާމީ މަރުކަޒުގައި އެމަނިކުފާނުގެ މަސައްކަތުން ގާއިމްވި އިސްލާމީ ޔުނިވާސިޓީީގެ ކޯސްތައް ފެށިގެން މުޅި އެ އަތޮޅަށް، އުތުރުގެ ރަށްތަކަށް އިލްމު ފެތުރިގެން ދިއުމަކީ އެމަނިކުފާނަށްޓަކާ ކިހާ މަތިވެރި ހިދުމަތަކަށް ވާނެ" ޝަހީމް ވިދާޅުވި އެވެ.

ވައިސް ޗާންސެލާ އަލީ ޒާހިރު ވިދާޅުވީ ރ. އަތޮޅަކީ ނިސްބަތުން އާބާދީ ބޮޑު އެއް އަތޮޅަށް ވާތީ ގިނަ އަދަދެއްގެ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް ފަސޭހަ ވާނެ ކަމަށެވެ.

އުނގޫފާރު އިސްލާމީ މަރުކަޒުގައި ކެމްޕަސް ހިންގުމަށް ހަވާލުކުރީ މިނިސްޓަރު ޝަހީމްގެ އިސްނެންގެވުމުގެ ދަށުންކަން ފާހަގަކުރައްވައި އޭނާ ޝުކުރު ދެންނެވި އެވެ.

"މިކަމަކީ އިސްލާމިކް ޔުނިވާސިޓީއަށް ލިބުނު ވަރަށް ބޮޑު ހެވެއްގެ ގޮތުގައި އަދި ކުރިއެރުމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. ގުޅުންހުރި މިނިސްޓްރީތަކާ އެކުގައި އިރާދަކުރެއްވިއްޔާ ޔުނިވާސިޓީއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" އަލީ ޒާހިރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ދެކުނުގެ ރަށްތަކަށް ހާއްސަ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ހިންގުމަށް ގދ. ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒު ދިނުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.