28 ނޮވެންބަރު 2023 - 15:11 0
އަމަން ހަލީމް
ގދ. ކޮޑެގަލާ: މި ރަށް ތަރައްގީކުރަނީ އެއްވެސް މޫދު ކޮޓަރިއެއް ނުހުންނަ ގޮތަށް -- ފޮޓޯ/ގޫގުލް އާތު
28 ނޮވެންބަރު 2023 - 15:11 0
ގދ. ކޮޑެގަލާގައި 20 ކޮޓަރީގެ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ގައްދޫ ހުޅަނގު އުތުރުން ކޮޑެގަލާއަކީ ޒަމާންތަކެއް ވަންދެން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް 3.4 ހެކްޓަރުގެ ކުޑަ ފަޅު ރަށެކެވެ. ކުރިން މި ރަށް އެއްވެސް ބޭނުމަކަށް ކުއްޔަށް ދޫކޮށްފައިވާ ކަން އެނގޭކަށް ނެތެވެ. ނަމަވެސް 2017 ގައި ހުވަދު އަތޮޅުން ވަރުވާއަށް ދޫކުރަން ހުޅުވާލި ލިސްޓުގައި މި ރަށް ހިމެނުނެވެ.
ޓޫރިޒަމްގެ ބޭނުންތަކަށް މި ރަށް ހާއްސަކުރީ ކުރީ ސަރުކާރުގަ އެވެ. އެއީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދަން ކްރޮސް ސަބްސިޑީ އުސޫލުން ދޫކުރާ ރަށެއްގެ ގޮތުގަ އެވެ.
ކްރޮސް ސަބްސިޑީ އުސޫލުން މި ރަށަށް އިންވެސްޓްކޮށްފައި ވަނީ އިޓަކާ ހޯމް މޯލްޑިވްސް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ހިއްސާދާރުންނަކީ މުހައްމަދު ހަސަން ކިޔާ ދިވެއްސަކާއި އިޓަލީގެ ކަރީސްމާ ކުންފުންޏެވެ. ކަރީސްމާއަކީ އެކި ވައްތަރުގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހޯލްޑިން ކުންފުންޏެކެވެ.
ކޮޑެގަލާ ކުއްޔަށް ދިން ނަމަވެސް ރަށް ދީގެން ލިބުނު ފައިސާގެ އަދަދާއި ކުއްޔަށް ދިން މުއްދަތެއް ނޭނގެ އެވެ. މި މައުލޫމާތު ހޯދަން ގުޅިއިރު ޓޫރިޒަމް މިނިސްޓްރީގެ އެއްވެސް އޮފިޝަލަކު ފޯނަށް ޖަވާބެއް ނުދެ އެވެ.
ކޮޑެގަލާގައި ރިސޯޓެއް ތަރައްގީކުރަން ފާސްކޮށްފައިވާ އީއައިއޭގައިވާ ގޮތުގައި އެތަނުގައި އެއްވެސް މޫދު ކޮޓަރިއެއް ނުހުރެ އެވެ. މުޅިން ހުންނަނީ ބީޗު ވިލާ އެވެ. އެއީ:
މި ރަށް ތަރައްގީކުރަން ހޭދަވާނެ ކަމަށް އަންދާޒާ ކުރާ މުއްދަތަކީ ދެ އަހަރެވެ. އަދި އަމާޒު ހިފާފައިވަނީ މަސައްކަތް އެއްކޮށް ނިންމާ، 2026 އަށް ރިސޯޓު ހުޅުވުމަށެވެ.
މި ރަށް ކުއްޔަށް ނަގާފައިވާ އިޓަކާ ހޯމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ އިޓަލީގައި މަރުކަޒުވެފައިވާ ކަރިސްމާ ހޯލްޑިންސްގެ ހިއްސާ އޮންނަ މި ކުންފުނިން ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރަނީ މުޅިން އަލަށެވެ.
ކޮޑެގަލާއަކީ ކަރީސްމާ ކުންފުނިން ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ރިސޯޓެވެ. މި ރިސޯޓު ހުޅުވުމުން މި ރަށް ވެގެންދާނީ ގދ. އަތޮޅުގައި ހުޅުވާ ހަތަރު ވަނަ ރިސޯޓަށެވެ. މިހާރު އެ އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓުތަކަކީ އެންއެޗް ކަލެކްޝަން މޯލްޑިވްސް ހަވޮއްޑާ ރިސޯޓު (ހަވޮއްޑާ) އާއި އައުޓްރިގާ ކޮނޮއްޓާ މޯލްޑިވްސް ރިސޯޓު (ކޮނޮއްޓާ) އާއި އަޔާޑާ މޯލްޑިވްސް (މަގުއްދުވާ) އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment