Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ސާފުކޮށްދިނުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

28 ނޮވެންބަރު 2023 - 10:48 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު، ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓަރަށް އަމާޒު ވެފައިވޭ - ފޮޓޯ: ހައުސިން މިނިސްޓްރީ


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ސާފުކޮށްދިނުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

28 ނޮވެންބަރު 2023 - 10:48 0

އާ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބޯހިޔާވަހިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ސިޔާސަތުތައް ހާމަކުރުމަށާއި ލިޔުން ލިބިފައިވާ ހުރިހާ މީހުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލު ނަސީމެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 29 މެމްބަރުންގެ ވޯޓާއެކުގަ އެވެ. މައްސަލަ ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

މީކާއިލްގެ ކުއްލި މައްސަލާގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޕީއެންސީ ސަރުކާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެއްވެސް ފްލެޓެއް ނުވަތަ ގޯއްޗެއް އަތުނުލާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވާކަން އެވެ.

އެހެންނަމަވެސް ސަރުކާރު އުފެދުމަށްފަހު ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެ ވައުދާ ހިލާފު ވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

އެގޮތުން, ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީގެ ސައްހަކަމާ މެދު ސުވާލު އުފައްދައިގެން ނުވާނެ ކަމަށާއި ގޯތީގެ ލޮކޭޝަން ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު މިނިސްޓަރު ދެއްވިކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި, ފްލެޓާއި ގޯއްޗަށް އެދި އަލުން ފޯމު ހުށަހަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް މިނިސްޓަރު ދެއްވިކަމަށް މީކާއިލް ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު، ގިރާވަރު ތަރައްގީކުރުމަށާއި އެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާފައިވާއިރު 2024ގެ ބަޖެޓުގައި އެކަމަށް އެއްވެސް އަދަދެއް ކަނޑައަޅާފައި ނެތް! އޭގެ ބަދަލުގައި ފުށި ދިއްގަރު ފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތީ! ރައްޔިތުން ތިބީ ވާނުވާ ނޭންގި ހާސްކަމެއްގައި،" މީކާއިލް ވިދާޅުވި އެވެ.

އެހެންކަމުން މީކާއިލްގެ ކުއްލި މައްސަލާގައި ގޮވާލެއްވީ ހައުސިން މިނިސްޓަރުގެ ހަގީގީ ސިޔާސަތު ހާމަކުރުމަށާއި ލިޔުން ލިބިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަށް ފްލެޓާއި ގޯތި ދިނުމަށް ގޮވާލާފައިވެ އެވެ.

ހައުސިން މިނިސްޓަރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވެސް، މިނިސްޓަރަށް ރުހުން ނުދިނުމަށް މެމްބަރުން ގޮވާލާފައިވެ އެވެ.

ހައުސިން މިނިސްޓަރު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ހައިދަރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާކަމަށް ވިދާޅުވެ، "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދޫކޮށްފައިވާ ރަޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފައިވެ އެވެ.

ބަޖެޓުގައި ހުޅުމާލެ، ގުޅިފަޅު، ގިރާވަރު ތަރައްގީކުރުމަށް އެއްވެސް އަދަދެއް ކަނޑައަޅާފައި ނުވާތީ އާއި އޭގެ ބަދަލުގައި ފުށި ދިއްގަރު ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފައިވާތީ، އާ ސަރުކާރުން އިސްކަން ދޭނީ ކޮން މަޝްރޫއަކަށްތޯ ބެލުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީއަށް މިނިސްޓަރު ހާޒިރުކޮށްފައިވެ އެވެ.

ކޮމެޓީއަށް ހާޒިރު ކުރުމުން މިނިސްޓަރު ހައިދަރު ވިދާޅުވީ އާ ސަރުކާރުގެ ޕްރައޮރިޓީއަކީ ނުވަތަ އިސްކަން ދެއްވާނީ ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންގޮސް ރައްޔިތުންނާ ހަވާލު ކުރުން ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ތިލަމާލެ ބްރިޖު ގޮސް ގިރާވަރާ ގުޅާލުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ހައިދަރު ވިދާޅުވެފައިވެ އެވެ.

އާ ހައުސިން މިނިސްޓްރީގެ ސިޔާސަތުތައް އާންމުންނަށް ސާފު ނުވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅު ކުރަމުންނެވެ.