Advertisement

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއިލް ވާދަކުރަނީ

29 ނޮވެންބަރު 2025 - 20:01 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއިލް ވާދަކުރަނީ

29 ނޮވެންބަރު 2025 - 20:01 0

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހާމަކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

"މި ޕާޓީގެ ލީޑާޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދެން،" އެ މަގާމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން މީކާއިލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް 2024 ގައި އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން މީކާއިލްއަކީ އެކަކެވެ. މިދިޔަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މީކާއިލް ދިފާއުކުރެއްވި އެވެ.

މީކާއިލް އެމްޑީޕިއާ ގުޅުނީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވާތަކުން ވައްޓާލުމާ ގުޅިގެންނެވެ. އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް މީކާއިލް ކުރެއްވި އެވެ. އަދި މިވަގުތު ވެސް އޭނާއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ. ފައްޔާޒު ވަނީ އެ މަގާމުގައި ތިން އަހަރާއި ހަ މަސްދުވަސް ހޭދަކުރައްވާފަ އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.