27 ނޮވެންބަރު 2023 - 22:16 1
ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުން - ފޮޓޯ: ފިނޭންސް މިނިސްޓްރީ
27 ނޮވެންބަރު 2023 - 22:16 1
މަސްވެރިންނަށް ނުދެއްކި ހުރި ފައިސާ ދެއްކޭނެ ގޮތަށް ހަމަޖައްސަން ފިޝަރީޒް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއިން ބައްދަލުކޮށްފި އެވެ.
މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް ސަރުކާރުން ނުދެ އެވެ. ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ހަމަޖައްސާނެ ގޮތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި، އަދި ކުރިއަށް އޮތް ތަނުގައި ދެ މިނިސްޓްރީ ގުޅިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމް "އަދަދު" ނޫހަށް މިދިޔަ ބުރާސްފަތި ދުވަހު އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ނުދައްކާ 200 މިލިއަން ރުފިޔާ އޮތް ކަމަށެވެ. އެއީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ފައިސާ އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގެން ކުރި މަސައްކަތްތަކުން އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮންމެ ސަރުކާރެއްގައި ވެސް މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައި އޮންނަނީ ވިއްކާ މަހަށް ވަގުތުން މިފްކޯއިން ފައިސާ ނުލިބުމެވެ. އަދި މަސް ކިރަން ކިއޫގައި އެތައް ދުވަހު މަޑުކުރަން ޖެހުމާއި، އައިސް ލިބުމުގެ ދަތިކަމަކީ ވެސް މަސްވެރިން އަބަދުވެސް ކުރާ ޝަކުވާއެކެވެ.
Comment