Advertisement

މަޖިލިސް އިންތިހާބަށް ނުކުންނައިރު ކޯލިޝަނެއް ހަދަން އެމްޑީޕީން ބޭނުންވޭ: ޖޭޕީ

27 ނޮވެންބަރު 2023 - 20:54 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެކުގައި ލޯންޗެއްގައި؛ މަޖިލިސް އިންތިހާބުގައި ގުޅިގެން ނުކުންނަން އެމްޑީޕީން ޝައުގުވެރިވާކަމަށް ޖޭޕީން ބުނެފި


މަޖިލިސް އިންތިހާބަށް ނުކުންނައިރު ކޯލިޝަނެއް ހަދަން އެމްޑީޕީން ބޭނުންވޭ: ޖޭޕީ

27 ނޮވެންބަރު 2023 - 20:54 2

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުންނައިރު އެމްޑީޕީން ކޯލިޝަނެއް ހަދަން ބޭނުންވެގެން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

މަޖިލީހުގެ އިންތިހާބަށް ދެ ޕާޓީން ގުޅިގެން ނުކުތުމަށް ޝައުގުވެރިކަން ފާޅުކޮށް އެމްޑީޕީން ސިޓީއެއް ފޮނުވާފައިވާތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިއަދު ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޒުލީން އަހުމަދު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ނަމަވެސް މިހާތަނަށް ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

"އެމްޑީޕީން ސިޓީއެއް ފޮނުވާފައިވޭ، އަދި މިއަދު މަޖިލީހަށް [ޖޭޕީގެ ލީޑަރު] ގާސިމް އިބްރާހިމް ވަޑައިގަތުމުން، މަޖިލީހުގެ ރައީސް އޮނަރަބަލް މުހައްމަދު އަސްލަމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން [ބިގޭ] އާއެކު ވެސް އެ ވާހަކަތައް ދެކިފައިވޭ،" އަޒުލީން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް އަދި ނުލިބެ އެވެ.

ޖުމްހޫރީ ޕާޓީއަކީ އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެކެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރީ ވަކިންނެވެ.

މިހާރު މަޖިލީހުގައި ތިއްބެވީ ޖޭޕީގެ ދެ މެންބަރެކެވެ. ނަވާރަވަނަ މަޖިލީހަށް ޖޭޕީގެ ޓިކެޓުގައި ފަސް މެންބަރަކު އިންތިހާބުވެފައިވެ އެވެ. އެމްޑީޕީގެ 55 މެންބަރުން ތިބި އިރު، މަޖިލީހަށް އެމްޑީޕީގެ 65 މެންބަރުން އިންތިހާބުވި އެވެ. ކުރިން، 2019، ގެ މަޖިލިސް އިންތިހާބުގައި ދެ ޕާޓީން ނުކުތީ ވަކިންނެވެ.