27 ނޮވެންބަރު 2023 - 19:54 0
މުހައްމަދު އުޝާމް
މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ މެންބަރުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން: ދެ މުއައްސަސާގެ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި - ފޮޓޯ: ރައީސް އޮފީސް
27 ނޮވެންބަރު 2023 - 19:54 0
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް ގެންނަން ޖެހޭ ކަމަށް ދެ މުއައްސަސާގެ މެންބަރުންނަށް ފެންނަ އިސްލާހުތަކާ ގުޅޭ ގޮތުން، ރައީސް އޮފީހާ އެކު މަޝްވަރާކޮށްފި އެވެ.
ރައީސް އޮފީހުގައި މި ބައްދަލުވުން އޮތީ މެންދުރުގަ އެވެ. އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުޝަން މިނިސްޓަރު އިބްރާހިމް ހަލީލެވެ. އެ ބައްދަލުވުމުގައި ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މިރޭ ޝާއިއުކުރި ލިޔުމެއްގައިވާ ގޮތުން، ދެ މުއައްސަސާިން މީޑީއާގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި ނޫސްވެރިކަމުގެ ދާއިރާގައި ހުރި ކަންބޮޑުވުންތައް އެ ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފަ އެވެ.
އޭގެ އިތުރުން، ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުންން ބިނާކުރުމަށް ބޭނުންވާ ކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަން ވެސް ދެ މުއައްސަސާގެ މެންބަރުން ފާހަގަ ކުރެއްވި އެވެ. އަދި އޭގެ މަޝްވަރާތައް ގެންދެވި އެވެ.
ބްރޯޑްކޮމްއަށް ވަކި ހާއްސަ ގާނޫނެއް އޮވެ އެވެ. އަދި މީޑިއާ ކައުުންސިލަށް ވެސް އޮންނަނީ ވަކި ގާނޫނެކެވެ. އެ ދެ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވާ ކަން ދެ މުއައްސަސާގެ މެންބަރުން ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އޭގެ އިތުރު ތަފުސީލެއް ނުދެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ރިޔާސީ ވައުދުތަކަށް ދެ މުއައްސަސާގެ މެންބަރުން ޝުކުރު އަދާކޮށްފައިވާ ކަމަށް ވެސް ލިޔެފައިވެ އެވެ. އެއީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ވަކި މިންވަރެއް ކަނޑައެޅުއްވުމަށް ވެވަޑައިގެންނެވި ވައުދާއި މީޑިއާގެ އިލްމީ ޖީލަކާއި މީޑިއާ ވިލެއް ގާއިމު ކުރުމުގެ ވައުދަށެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި، ވެރިކަމުގައި މި ހިނގި 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ރައީސް އޮފީހން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment