17 ނޮވެންބަރު 2024 - 13:54 0
ލީވާން އަލީ ނާސިރު
17 ނޮވެންބަރު 2024 - 13:54 0
މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހުށަހަޅާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން" ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން (އެމްޖޭއޭ) އިން އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާ މިއަދު ބައްދަލުކޮށްފި އެވެ.
އެ ބައްދަލުވުމުގައި އޭޖީގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ބައްދަލުވުމަށްފަހު އޭޖި އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުމުގައި ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވައި، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ބަންޑާރަ ނައިބު އަރުވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމަށްފަހު އެމްޖޭއޭއިން ބުނީ އެ ބިލަށް ސަރުކާރުން ތާއީދު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އެކަން ރަސްމީކޮށް ސަރުކާރުން އިއުލާން ކުރަންދެން މަޑުކޮށްގެން ތިބި ކަމަށެވެ.
އެމްޖޭއޭއިން ވަނީ ބިލާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތައް ސިޓީއެއް މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާ ކުރައްވައި، ބައްދަލުވުމަކަށް އެދިފަ އެވެ.
މީޑިއާ ކޮމިޝަން ބިލާ ގުޅިގެން އެމްޖޭއޭއިން ބުނީ އެ ބިލު ފާސްވެއްޖެ ނަމަ، ރާއްޖޭގައި އޮތް މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ޖެހޭނެ ކަމަށެވެ. އެގޮތުން ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
Comment