about 3 hours 0
އަހުމަދު އާއިދު
މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ: ޖަލްސާއަށްފަހު އެމަނިކުފާނު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރާ ބިލު މަޖިލީހުން ބޭރުކޮށްލާނެ ކަމަށް ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 3 hours 0
މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހުށަހަޅާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން" ބިލު ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ގުޅުވާ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއަށް ފަހު ނޫސްވެރިންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރަކު ވަނީ، ބިލަކީ އެމަނިކުފާނުގެ ސިޔާސަތު އޮތް ބިލެއް ނޫން ކަމަށާއި މީޑިއާތައް ކޮންޓްރޯލް ކުރައްވަން ނޫޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ ބިލާ މެދު އަމަލުކުރައްވާނެ ގޮތެއް އައްސަވާފަ އެވެ.
"އޭތި ބޭރުކުރާނަން. އެކަަމާ ދެކޮޅޭ ބުނެފަ އޭތި ބަލައިގަތީމަ ކޮންތާކަށް އެ ދިޔައީ
ނޫސްތަކާއި ޓީވީ ޗެނަލްތައް އަދި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ސަރުކާރަށް ތާއިދުކުރައްވާ އަމިއްލަ މެންބަރު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު އެވެ.
މިއާއެކު ކުރިމަތިވި ފާޑުކިޔުންތަކަށް މިރޭގެ ޖަލްސާގައި އަދި ސޯޝަލް މީޑިއާގައިވެސް މީގެ ކުރިން ރައީސް ރައްދު ދެއްވި އެވެ. ނަމަވެސް ބިލު މަޖިލީހުން ބޭރުކުރާނެކަމަކަށް ވިދާޅެއް ނުވެ އެވެ.
"މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން. އަޅުގަނޑެއް ނޫޅެން މީޑިއާތައް ކޮންޓްރޯލް ކުރާ ހިތަކުންނެއް. އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން," ރައީސް ވިދާޅުވި އެވެ.
ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރައްވާނީ މީޑިއާތައް ބާރުވެރި ކުރުވަން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން, ސަރުކާރުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމާއި މީޑިއާތައް މަސައްކަތް ކުރުމަށް ޖާގަ ހޯދައިދިނުން ހިމެނެ އެވެ.
ނަމަވެސް، މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުން ބިލެއް ތައްޔާރުކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް ވިދާޅުވި ފަހުންނެވެ. އޭޖީ އޮފީހުން ބުނާގޮތުން މަޖިލީހުގައި އޮތީ އެ އޮފީހުން ތައްޔާރުކުރި ބިލެއް ނޫނެވެ.
މީގެއިތުރުން، މި ސަރުކާރުގެ މި ވީ އަހަރެއްހާ ދުވަސް ތެރޭ އެކި ނޫސްތަކާ ދެކޮޅަށް މީޑިއާ ކައުންސިލަށް ރައީސް އޮފީހުން ހުށަހެޅީ ޝަކުވާތައް ނުބަލާތީ އެ އޮފީހުން ވަނީ މަޖިލީހަށް ސިޓީއެއްވެސް ފޮނުވާފަ އެވެ. އެކަމާ ގުޅިގެން މަޖިލީހަށް މީޑިއާ ކައުންސިލް ހާޒިރުވެސް ކޮށްފައިވެ އެވެ.
Comment