27 ނޮވެންބަރު 2023 - 19:12 1
މުހައްމަދު އުޝާމް
27 ނޮވެންބަރު 2023 - 19:12 1
އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައިވާ ކަން ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.
ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހެވެ. އެއީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފަ އެވެ. އަދި އޭނާ ދޫކޮށްލީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ އުފުލީ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާ އާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރި ނަމަވެސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.
އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27، ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16، ގަ އެވެ.
މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.
އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ނެގި ކަމަށް ތުހުމަތުކޮށެވެ.
Comment