Advertisement

އިހަވަންދިއްޕޮޅާއި ލ. ގާދޫގައި އިންޓަނޭޝަނަލް ޕޯޓު އެޅުން ވަރަށް އަވަސް ކުރާނަން: މިނިސްޓަރު

27 ނޮވެންބަރު 2023 - 18:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިހަވަންދިއްޕޮޅުގައި ކޮމާޝަލް ޕޯޓު އަޅާ ސަރަހައްދުގެ ކުރެހުމެއް -- ފޮޓޯ: މިނިސްޓަރު ސައީދު ޓްވިޓާ


އިހަވަންދިއްޕޮޅާއި ލ. ގާދޫގައި އިންޓަނޭޝަނަލް ޕޯޓު އެޅުން ވަރަށް އަވަސް ކުރާނަން: މިނިސްޓަރު

27 ނޮވެންބަރު 2023 - 18:43 0

ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު ގުދުރަތީ އަތޮޅާއި ކުރިން ތިމާވެށި ހިމާޔަތްކޮށްފައިވާ ލ. އަތޮޅު ގާދޫގައި އިންޓަނޭޝަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ދެ އިންޓަނޭޝަނަލް ޕޯޓު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި ހަފުތާ 14 ގައި، (ފުރަތަމަ 100 ދުވަހުގެ ޕްލޭން) ގައި ވެސް ހިމަނާފައިވާ ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވީ ގާދޫ ކައިރީގައި ތަރައްގީ ކުރާ ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެޓް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި ތަރައްގީކުރާ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ސައީދު ލިޔުއްވާފައިވެ އެވެ.

ގާދޫގެ މަޝްރޫއު

ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދު އަށް ބަދަލުކުރީ 2016 ގަ އެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނަ އާއި 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ.

ހުވަދު އަތޮޅާއި އާއި ލާމު އަތޮޅު ދެމެދުގައި ހުވަދޫ ކަނޑަކީ ގިނަ އަދަދެެއްގެ އާގު ބޯޓުތައް ދަތުރުކުރާ ވަން އެންޑް ހާފް ޑިގްރީ ޗެނަލެކެވެ. އެ ޗެނަލުން ދަތުރުކުރާ އާގު ބޯޓުފަހަރަށް ތެޔޮ އެޅޭ ގޮތަށާއި އެހެން ބައެއް ހިދުމަތް ދެވޭ ގޮތަށް ގާދޫ ތަރައްގީކޮށް، އެ ރަށާއި ފޮނަދުއާ ދެމެދު އޮތް ފަޅުގައި ރިސޯޓެއް ތަރައްގީކުރަން މުއިއްޒު ވައުދުވެވަޑައިގަތެވެ.

އިހަވަންދިއްޕޮޅު މަޝްރޫއު

ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގަ އެވެ. މި ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރެ އެވެ.

އެ ސަރަހައްދުގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ޕްލޭނުގައި އޮންނަ ކަމެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި "އައި-ހެވަން" ގެ ނަމުގައި ޕްރޮޖެކްޓެއް ޑިޒައިން ކުރި ނަމަވެސް އެ މަސައްކަތް އޭރު އެހާ ބޮޑަކަށް ކުރިއަކަށް ނުދެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެ ގޮތުން ބޮޑެތި އާގު ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފެށުމުގެ ގޮތުން އެސްޓީއޯއިން ބަންކަރިން ޕްރޮޖެކްޓުގެ ގޮތުގައި، ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިންއާ މަސައްކަތް ހަވާލުކުރި އެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓު ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދާނެ އެވެ. ބަންކަރިން ހިދުމަތާ އެކު، ޝިޕިން އެޖެންސީ އާއި ކްރޫ ޗޭންޖާއި ޝިޕް ހޭންޑްލިން ނުވަތަ ބޯޓު ފަހަރު ސާވިސް ކުރުމާއި މަރާމާތު ކުރުމާއި ސްޕެއާ ޕާޓްސް ފޯރުކޮށްދޭނެ އެވެ. މުއިއްޒުގެ ވައުދަކީ ވެސް އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ.