Advertisement

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ލަފާދީފި

27 ނޮވެންބަރު 2023 - 16:31 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކޮމިޓީން ހުށަހެޅީ ކައުންސިލަރުންގެ މުސާރަބޮޑުކުރަން. ފޮޓޯ: މަޖިލީހުގެ އިދާރާ


ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ލަފާދީފި

27 ނޮވެންބަރު 2023 - 16:31 1

ކައުންސިލު މެންބަރުންގެ މުސާރައާއި އެލަވަންސަަށް 33 އިންސައްތައިގެ ކުރިއެރުމެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި ބަޖެޓު ކޮމެޓީއަށް ލަފާދޭން ލާމަރުކަޒީ ކޮމެޓީން ނިންމައިފި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކަންބޮޑުވުން ފާޅުކުރީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ މިދިޔަ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން 35 އިންސައްތަ ބޮޑު ކުރުމުން ކައުންސިލުގެ އިދާރީ އިސް މުވައްޒަފުންގެ މުސާރަ ލޯކަލް ކައުންސިލަރުންނާ އެއް ހަމަ ނުވަތަ އެއަށްވުރެ ބޮޑުވެފައި ވާތީ އެވެ.

ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒު ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް އައިސްފައިވާ ބަދަލު، ހާއްސަކޮށް ކައުންސިލުތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރައަށް އައިސްފައިވާ ބަދަލުތަކަށް ރިއާއަތް ކުރާއިރު، ރަށު ކައުންސިލުތަކުގެ މެންބަރުންނަށް މިހާރު ކަނޑައަޅާފައިވާ މުސާރައަކީ އެ އޮނިގަނޑާ އެއްހަމަ ކުރެވިފައިވާ މުސާރަތަކެއް ނޫން ކަމަށެވެ.

ރަށު ކައުންސިލްތަކުގެ މެންބަރުންނަކީ ރައްޔިތުން ވޯޓު ދީގެން އިންތިހާބު ކޮށްފައިވާ މަގާމުތަކުގައި ފުލްޓައިމް ކައުންސިލުތަކުގައި މަސައްކަތް ކުރާ ރަށް ރަށުގެ ވެރިން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. ކައުންސިލްތަކުން ބަލަހައްޓަންޖެހޭ މަސައްކަތުގެ ބާވަތްތަކަށް ބަލާއިރު، ކައުންސިލުތަކުގެ މަސައްކަތުގެ ދާއިރާގައި، ދާއިރާގެ ތެރޭގައި ސިޔާސަތު ކަނޑައެޅުމުގެ ޒިންމާއާއި ރެގިއުލޭޓަރީ ޒިންމާއާއި ހިދުމަތް ދިނުމުގެ ޒިންމާއާއި ތަންފީޒު ކުރުމުގެ ޒިންމާ ހަވާލު ކުރެވިފައި ވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ރަށު ކައުންސިލުތަކުގެ މެންބަރުންގެ މުސާރަ އެއީ ކައުންސިލަރުންގެ މުސާރަ އެއީ އިދާރީ އިސް މުވައްޒަފުންނަށް ވުރެ ކުޑަ ނުވަތަ އެއްވަރު މުސާރައަކަށް ވުމަކީ އިދާރީ ހިންގުމުގެ ނިޒަމަަށް ބަލާއިރު ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ނިޔާޒި ވިދާޅުވި އެވެ.

ރަށު ކައުންސިލްތަކުގެ މުސާރައަށް ބަދަލުގެންނަން ލާމަރުކަޒީ ކޮމެޓީން ހުށަހެޅި ގޮތް:

  • ކައުންސިލް ރައީސް: އަސާސީ މުސާރައިގެ ގޮތުގައި 15400ރ. ލިވިން އެލަވަންސްގެ ގޮތުގައި 4600ރ. ފޯނު އެލަވަންސްގެ ގޮތުގައި 500ރ. އެޓެންޑެންސް ދުވާލަކަށް 225ރ. ގެ މަގުން މަހަކު 4500ރ. އެވެ. އެއީ އެކު ޖުމުލަ 25،000ރ. އެވެ.
    • ނައިބު ރައީސް: އަސާސީ މުސާރައިގެ ގޮތުގައި 11600ރ. ލިވިން އެލަވަންސަށް 3400ރ. ފޯނު އެލަވަންސް 500ރ. އެޓެންޑެންސް އެލަވަންސަށް 4500ރ. އެވެ. އެއީ އެކު ޖުމުލަ 20،000ރ. އެވެ.
    • ކައުންސިލް މެންބަރުން: އަސާސީ މުސާރައިގެ ގޮތުގައި 10،600ރ. ލިވިން އެލަވަންސަށް 2400ރ. ފޯނު އެލަވަންސަށް 500ރ. އެޓެންޑެންސް އެލަވަންސަށް 4500ރ. އެވެ. އެއީ އެކު ޖުމުލަ 18،000ރ.