Advertisement

ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އޭޕްރީލް 2024 - 13:36 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާ: ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ 73 ގޮނޑި ކާމިޔާބުކޮށްފައި -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު/އަދަދު


ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އޭޕްރީލް 2024 - 13:36 0

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބިފައި އޮތުމަކީ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެ ސަބަބެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވަނީ ސަރުކާރުން ސުޕަމެޖޯރިޓީގެ ބޭނުންކުރާނީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބިފައި އޮތުމަކީ އެއްގޮތަކަށް ވެސް އެ ސުޕަމެޖޯރިޓީ އަޅުގަނޑުމެން ނަހަމަ ގޮތުގައި ބޭނުން ކުރާނެ ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނަސް އެ ބޭނުންކުރައްވާނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެ އިންނަ ޕްރޮސެސްގެ ތެރެއިންނޭ," ހީނާ ވިދާޅުވި އެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ މިދިޔަ މަޖިލީހުން ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރައްވައި ހީނާ ވަނީ މި ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

"ރައްޔިތުން އެ ބުނީ ސުޕަމެޖޯރިޓީ ދީފައޭ މިއޮތީ ދެން މި ކަންތައްތައް ކޮށްދެއްވާށޭ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި އޮތީ ސަރުކާރުގެ ހުރިހާ ވަޒީރުން 24 ގަޑިއިރު މަސައްކަތުގައޭ އުޅޭނީ," އެންސްޕާގެ ސީއީއޯއަކަށް ވެސް ހުންނެވި ހީނާ ވިދާޅުވި އެވެ.

އީސީން އިއުލާންކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރި އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ގޮނޑި ހޯދި ހަތް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. އެހެންކަމުން އެ ޕާޓީގެ 73 އިންތިހާބީ މެންބަރުން އެބަތިއްބެވި އެވެ.

ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް، އެމްއެންޕީއަށް ގޮނޑިއެއް، އަދި އެމްޑީއޭއަށް ދެ ގޮނޑި ލިބުނެވެ. އެއިން ތިން ގޮނޑިއަކީ ޕީއެންސީން ވާދަނުކުރާ ހަމައެކަނި ދާއިރާތަކެވެ. އެހެންކަމުން, މުޅި ޖުމުލަ ރައީސް މުއިއްޒުގެ ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ 77 އިންތިހާބީ މެންބަރުން އެބަތިއްބެވި އެވެ.

ވިހިވަނަ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާއިރު ގާނޫނު އަސާސީ ބަދަލުކުރެވޭނީ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިން ބައި އަގުލަބިއްޔަތުންނެވެ. އެހެންކަމުން ސުޕަ މެޖޯރިޓީއަކީ 70 މެންބަރުންނެވެ. ޕީއެންސީއަށް އެކަނި ވެސް ގާނޫނޫ އަސާސީ ބަދަލުކުރެވޭނެ އެވެ. އިންތިހާބީ މެންބަރުން ހުއްވާ ކުރައްވާނީ މެއި 28, ގަ އެވެ.