27 ނޮވެންބަރު 2023 - 09:38 0
ނިމާ ހަސަން
ރައީސް ޔާމީން, ޕީއެންއެފްގެ ޕާޓީ އޮފީހުގައި ޑރ. ޖަމީލާއެކު -- ފޮޓޯ: މަލީހު
27 ނޮވެންބަރު 2023 - 09:38 0
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިން ލުއިތަކާއެކު، ޕެރޯލް ގާނޫނާއި އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި އިގުރާރާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގަމުންދާތީ، ލުއިތައް އުވާލާނެ ކަމަށް ކަރެކްޝަންސްއިން އިންޒާރު ދީފައި ވަނިކޮށް, އަނެއްކާވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލަން ފަށައިފި އެވެ.
ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ, ޔާމީން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި, އެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޔާމީން ވަނީ, އެމަނިކުފާނު އިސްވެ ހުންނަވައި, އަލަށް އުފައްދަން މަސައްކަތް ކުރަމުންދާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި އެ ޕާޓީއަށް ސޮއި ކުރުމުގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު 1، ގަ އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް ދިނީ އޮކްޓޯބަރު 28، ވަނަ ދުވަހު އެވެ.
މާލޭ ބަންދަށް ބަދަލުކުރުމާއެކު ޔާމީން، ޕީޕީއެމް އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރެއްވި އެވެ. އެއަށް ފަހު އޮކްޓޯބަރު 30، ގައި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ވެސް ދެއްކެވި އެވެ.
އެމަނިކުފާނުގެ އެ އަމަލުތަކާ ގުޅިގެން ކަރެކްޝަންސް އިން ވަނީ, ޔާމީނަށް ދީފައިވާ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އެ ފަހުން ސިޔާސީ ހަރަކާތެއްގައި ފާޅުކޮށް ހަރަކާތްތެރިވެ ވަޑައިނުގެން ހުންނެވުމަށްފަހު އަނެއްކާވެސް މިވަނީ ރޭ ޕީއެންސީ އޮފީހަށް ވަޑައިގެންފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment