27 ނޮވެންބަރު 2023 - 06:35 0
މުހައްމަދު ޝަހްޒާން
ޗައިނާގައި ފެތުރެމުންދާ ރޯގާއިން ސަލަމާތްވުމަށް ބަޔަކު މާސްކު އަޅައިގެން --
27 ނޮވެންބަރު 2023 - 06:35 0
ކޮވިޑާ ގުޅިގެން ޗައިނާގައި އަމަލު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިންފަހުން ކުރިމަތިވި ފުރަތަމަ ފިނި މޫސުމާއެކު އާދަޔާ ހިލާފު ބާރުމިނެއްގައި އެގައުމުގައި ރޯގާއެއް ފެތުރެން ފަށައިފި އެވެ.
މުޅި ޗައިނާގައި ފެތުރެމުންދާ އެ ރޯގާއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެ ރޯގާއާ ގުޅޭ މައުލޫމާތު އެ ޖަމިއްޔާއާ ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި ފެތުރެމުންދާ ރޯގާއަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ޗައިނާގައި ވަރުގަދަ ކުރުމަށް ވެސް ޑަބްލިއުއެޗްއޯއިން ގޮވާލައިފައިވެ އެވެ.
އާދަޔާހިލާފު ބާރުމިނުގައި ފެތުރެމުންދާ އެ ރޯގާ ޖެހުމަށް މެދުވެރިވާ ސަބަބު މިހައިތަނަށް އަދި ހޯދިފައި އެއް ނުވެ އެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން ފުރަބަންދެއްގައި ތިބުމަށް ފަހު މިނިވަންވުމުން ފެތުރެމުންދާ އާންމު ރޯގާއެއް ކަމަށް ބައެއް ސިއްހީ މާހިރުން ލަފާ ކޮށްފައިވާއިރު އަނެއްބައި ސިއްހީ މާހިރުން ވަނީ މިއީ ކޮވިޑުގެ ފުރަތަމަ ކޮޅު ކުރިމަތިވި ފަދަ ކަންތައް ގަނޑެއް ކަމަށް ބުނެފަ އެވެ.
ހަގީގަތް ނޭނގޭ ނިއުމޯނިއާއެއް ފެތުރެމުންދާ ކަމަށް ޗައިނާގެ ގައުމީ ސިއްހީ ކޮމިޝަނުން ފުރަތަމަ ރިޕޯޓު ކުރީ މިމަހުގެ 13 ގަ އެވެ. އޭގެފަހުން ގައިންގަޔަށް އަރާ ބަލިތައް ދެނެގަނެ އަވަސް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާ، ޕްރޮގުރާމް ފޯ މޮނިޓަރިން އެމާޖިން ޑިޒީސެން (ޕްރޯމެޑު) އިން ވަނީ ކުޑަކުދިންގެ މެދުގައި ވެސް އެ ރޯގާ ވަރަށް ބާރަށް ފެތުރެމުންދާ ކަމަށް ރިޕޯޓުކޮށްފަ އެވެ.
މިހައިތަނަށް އެ ރޯގާ ޖެހުނު މީހުންގެ ސީދާ އަދަދު އެނގިފައި ނުވި ނަމަވެސް، ރޯގާ ޖެހިގެން ބެއިޖިންގެ ހޮސްޕިޓަލުތަކުން ފަރުވާ ހޯދާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ޗައިނާގެ ހޮސްޕިޓަލުތަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެ އެވެ.
ފެތުރެމުންދާ ރޯގާއާ ގުޅިގެން ބެއިޖިންގެ ގިނަ ސްކޫލުތަކަށް ހާޒިރު ނުވާ ކުދިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށާއި ބައެއް ސްކޫލުތަކުގެ ކިޔެވުން ވެސް ހަފުތާއަކަށް މެދުކަނޑާލަންޖެހޭ ހިސާބަށް އެ ގައުމުގެ ހާލަތު ގޮސްފައި ވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.
ޗައިނާގެ ފިނިހޫނުމިން ކުރިއަށް އޮތް ދުވަސްތަކުގައި އަދި މާބޮޑަށް ދަށްވާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ. ޗައިނާގެ ސިއްހީ އޮފިޝަލުން ވަނީ މޫސުމާ ގުޅިގެން ރޯގާ ފެތުރޭ މިންވަރު އިތުރުވެދާނެ ކަމަށް އަންދާޒާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Comment