26 ނޮވެންބަރު 2023 - 14:48 0
މުހައްމަދު އުޝާމް
އެމްއެންޕީގެ ޖަލްސާއެއް ތެރެއިން: މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރަން އެދިއްޖެ - ފޮޓޯ: އަދަދު ފައިލް
26 ނޮވެންބަރު 2023 - 14:48 0
އެމްއެންޕީ އުފެއްދި އިރު މަޖިލީހުގައި ތިއްބެވި ތިން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު މަޖިލިހުން ވަކިވެފައި ވާތީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލުމުން ގަވާއިދު ބަދަލުކޮށްދޭން އެ ޕާޓީން އެދިއްޖެ އެވެ.
މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ބ) ގައި ބުނަނީ މަޖިލީސް އިންތިހާބުވާއިރު މަޖިލީހުގައި ނުހިމެނޭ ޕާޓީއެއްނަމަ، އެ ޕާޓީ މަޖިލީހުގައި ދަފްތަރު ކުރެވޭނީ މަދުވެގެން ތިން މެންބަރުން ތިބިއްޖެނަމަ އެވެ. އެހެންވެ އެމްއެންޕީ މަޖިލީހުގައި ދެން ތަމްސީލްނުވާނެ ކަން ރިޔާސަތުން މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރި އެވެ.
އެމްއެންޕީގެ ފަރާތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގައި ވަނީ، ރިޔާސަތުގެ އެ ނިންމުމާއި މަޖިލީހުގެ ގަވާއިދުގެ އެ މާއްދާއަކީ ގާނޫނު އަސާސީގެ 17، އަދި 30 ވަނަ މާއްދާއާ ހިލާފު ކަމަށެވެ. އެހެންވެ އެޕާޓީއިން އެދިފައިވަނީ މަޖިލީހުގެ ގަވާއިދު ބަދަލުކޮށްދިނުމަށެވެ.
ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނަނީ މީހެއްގެ ސިޔާސީ ނުވަތަ އެ ނޫން ވިސްނުމަކަށް ބަލައިގެން ހައްގުތައް ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނަނީ ކޮންމެ މީހަކަށް ވެސް ސިޔާސީ ޕާޓީ ހެދުމާއި އޭގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އޮންނަ ކަމެވެ.
އެމްއެންޕީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބަޔާންކުރާ މައްސަލަ ދިރާސާކުރަން ފޮނުވީ އާންމު ކޮމިޓީއަށެވެ. އާންމު ކޮމިޓީން މިއަދު ބައްދަލުވެ، މެންބަރުން ވަރަށް ގިނަ އިރު މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ލަފައެއް ހޯދުމަށެވެ. އެއީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ހުށަހެޅުއްވުމެކެވެ.
މަޖިލީހުގައި އެމްއެންޕީގެ މެންބަރުންގެ އަދަދު ތިނަކަށް ވުރެ މަދުވީ، ވިލިމާލޭ ދާއިރާގެ މެމްބަރު ކަމުން އަހުމަދު އުޝާމް ނޮވެމްބަރު 17 ގައި، އިސްތިއުފާ ދެއްވުމުންނެވެ. އުޝާމް އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވައި، ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމަށް އޭނާ އައްޔަނުކުރެއްވުމުންނެވެ.
އެހެންކަމުން މިވަގުތު މަޖިލީހުގައި ތިއްބެވީ އެމްއެންޕީގެ ދެ މެމްބަރުންނެވެ. އެއީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
މި މެންބަރުންގެ ތެރެއިން ނާޒިމާއި ރިޔާޒު މަޖިލީހަށް އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ. އުޝާމް މަޖިލީހަށް އިންތިހާބުވީ އަމިއްލަ ގޮތުންނެވެ. އެމްއެންޕީއަކީ މި ތިން މެންބަރުން އިސްވެ ތިބެގެން އުފެއްދެވި ޕާޓީއެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment