Advertisement

ފަސޭހަކޮށްލެވޭތީ ޓީމަށް ގެއްލުން ބޮޑުވޭ: ޒަވީ

26 ނޮވެންބަރު 2023 - 13:21 0


ފަސޭހަކޮށްލެވޭތީ ޓީމަށް ގެއްލުން ބޮޑުވޭ: ޒަވީ

26 ނޮވެންބަރު 2023 - 13:21 0

ބާސެލޯނާ (ނޮވެމްބަރު 26) - ފަސޭހަކޮށްލައިގެން އާދައިގެ ގޮތަކަށް މެޗު ފެށުމުން ޓީމަށް އޭގެ ގެއްލުން ބޮޑުވާ ކަމަށާއި މި ކަންކަމަށް ސަމާލުވާންޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން ރަޔޯ ވަޔެކާނޯއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އުނާއީ ލޮޕޭޒްގެ ގޯލުން ފުރަތަމަ ހާފުގައި ރަޔޯ ވަޔެކާނޯ އިން ލީޑުނެގި އެވެ. ބާސެލޯނާ އިން އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގައި ރަޔޯ ވަޔެކާނޯގެ ފްލޯރިއަން ލެޖެއުން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ ބާސެލޯނާ އިން މެޗު ފަށައިގެން ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް ފަސޭހަކޮށްލަން ހަދައިގެން ޖެހުނީ އެއް ގޯލު ފަހަތުން މެޗުގެ ތެރެއަށް ވަނުމަށް ކަމަށެވެ. މިހާރުގެ ފުޓްބޯޅައިގައި އިދިކޮޅު ޓީމުން ގޯލެއް ޖެހުމަށް ފަހު، ދެން މެޗުގެ ތެރެއަށް ވަންނަން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑުތަނުން އުނދަގޫވާ ކަމަށް ޒަވީ ބުނެފައިވެ އެވެ.

"އަހަރެމެން މެޗު ފަށައިގެން އެބަޖެހޭ ކޮންޓްރޯލް ނަގައިގެން ކުޅޭއިރު، ގޯލު ވެސް ޖަހަން، އެކަން ނުކޮށް، އިދިކޮޅު ޓީމަށް ގޯލެއް ޖަހަން ކުރިން ފުރުސަތު ދެވޭތީ، އޭގެ ގެއްލުން ޓީމަށް އެބަ ދައްކާ، މިއީ ކުރިއަށްދާން އުނދަގޫ ގޮތެއް، މި ހާލަތު ބަދަލުވާންޖެހޭ،" ޒަވީ ބުންޏެވެ.

ސްޕެއިން ގައުމީ ޓީމަށް ކުޅެނިކޮށް ދާދި ފަހުން ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނު ގަވީ ނެތްތަން ބާސެލޯނާ ޓީމުން ދައްކާނެ ކަމަށާއި ރަޔޯއާ ދެކޮޅަށް ވެސް އެކަން ފެނިގެންދިޔަ ކަމަށް ޒަވީ ބުނެފައިވެ އެވެ.

ރޭ ބާސެލޯނާ އިން މޮޅުނުވުމުގެ ފައިދާ ނަގައި، އެތުލެޓިކޯ މެޑްރިޑުން ވަނީ 1-0 އިން މަޔޯކާ ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތީ 13 މެޗުން 34 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 13 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް 31 ޕޮއިންޓް ހަމަކުރެވުނީ 14 މެޗު ކުޅެގެންނެވެ.