Advertisement

ސިފައިންގެ ކްލަބްގެ ރެކޯޑް ނިމުމަކަށް، އެއް ވަނަ ޓީމަކަށް ސާއިދު ސްޕޯޓްސް

26 ނޮވެންބަރު 2023 - 13:00 0

ސާއިދު ސްޕޯޓްސް ޓީމުގެ އެތުލީޓުން އިއްޔެ އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސިފައިންގެ ކްލަބްގެ ރެކޯޑް ނިމުމަކަށް، އެއް ވަނަ ޓީމަކަށް ސާއިދު ސްޕޯޓްސް

26 ނޮވެންބަރު 2023 - 13:00 0

ދިވެހި ސިފައިންގެ ކްލަބުން ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން އެއް ވަަނަ ޓީމުގެ ގޮތުގައި ދަމަހައްޓަމުން އައި ރެކޯޑް، ސާއިދު ސްޕޯޓްސް އިން ނިމުމަކަށް ގެނެސްފި އެވެ.

އިއްޔެ ނިމުނު 32 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެއް ވަނަ ފިިރިހެން ޓީމުގެ މަގާމު ސާްއިދު ސްޕޯޓްސް އިން ހޯދާފައިވަނީ 171 ޕޮއިންޓް ހޯދައިގެންނެވެ.

ވޭތުވެދިޔަ، 18 އަހަރު ތެރޭ ދިވެހި ސިފައިން ކްލަބް ނޫން ޓީމަކަށް ފިރިހެން އެއް ވަނަ މަގާމު ލިބިފައިނުވެ އެވެ. މި ފަހަރުގެ މުބާރާތުގައި ސިފައިންގެ ކްލަބް ދެ ވަނަ އަށް ދިޔައީ 168.5 ޕޮއިންޓެވެ.

ސިފައިންގެ ކްލަބުން ވަނީ 2005، 2006، 2007، 2008، 2010، 2011، 2012، 2013، 2014، 2015، 2016، 2017، 2018، 2019، 2021 އަދި 2022 ވަނަ އަހަރުގެ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން ޓީމުގެ މަގާމު ހޯދައިފަ އެވެ.

ގައުމީ އެތުލެޓިކްސް މުބާރާތް، 2009 އާއި 2020 ވަނަ އަހަރު ނުބާއްވަ އެވެ.

ފިރިހެން ޓީމު އިވެންޓުން މި ފަަހަރު، ތިން ވަނަ އަށް ދިޔައީ، ނަސީރު ސްޕޯޓްސް އެވެ. އެ ޓީމަށް 103.5 ޕޮއިންޓް ލިބުނެވެ. ކުރީގެ މަޝްހޫރު ދުވުންތެރިޔާ، ނަސީރު އިސްމާއިލްގެ ޓީމުން އަންނަނީ އަހަރަކަށް ފަހު އަހަރެއް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އިސްވެ، އުފައްދާފައިވާ ސާއިދު ސްޕޯޓްސް އިން ގައުމީ އެތުލެޓިކްސް މުބާރާތުގެ އެއް ވަނަ ފިރިހެން ޓީމަކަށް ހޮވުނުއިރު، ސާއިދު މި ފަހަރު ވެސް ވަނީ ދިވެހި ސިފައިންގެ ކްލަބްގެ ޓީމުގައި ހިމެނި، އެންމެ މޮޅު ފިިރިހެން އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.

ކ. ގާފަރަށް އުފަން، ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓު، ސާއިދުގެ މޭސްތިރި ކަމުގެ ދަށުން، 2017 ވަނަ އަހަރުގެ އޮގަސްޓް އެއް ވަނަ ދުވަހު، ވުޖޫކުރި ކްލަބުން އަންނަނީ ގައުމީ ލެވަލްގައި އެތުލީޓުންނަށް ފުރުސަތު ހޯދައިދޭން ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.

މި ފަހަރު ވެސް އެންމެ މޮޅު އަންހެން ޓީމަކަށް ހޮވިފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ. އެ ޓީމުން މި ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެ މަގާމު ހޯދައިފަ އެވެ.