Advertisement

ކޭން އަށް ޖަރުމަނު ލީގުގެ ރެކޯޑެއް

25 ނޮވެންބަރު 2023 - 12:52 0


ކޭން އަށް ޖަރުމަނު ލީގުގެ ރެކޯޑެއް

25 ނޮވެންބަރު 2023 - 12:52 0

މިއުނިކް (ނޮވެމްބަރު 25) - ކޮލޯން އަތުން 1-0 އިން ބަޔާން މިއުނިކް މޮޅުކޮށްދޭން ހެރީ ކޭން ޖެހި ގޯލާ އެކު އޭނާ ޖަރުމަނު ލީގުގައި ލަނޑު ޖެހުމުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް މި ފަހަރު ބަޔާނަށް ބޮޑު އަގުގައި ބަދަލުވި ކޭން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން 18 ގޯލު ޖަހައިފަ އެވެ. ކޭން އަކީ ޖަރުމަނު ލީގުގެ ތާރީހުގައި ވެސް ފުރަތަމަ 12 މެޗުން މި އަދަދަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.

އަނެއްކޮޅުން، ކޭން އަކީ ޖަރުމަނު ލީގުގެ އެއް ސީޒަނުގައި 18 ގޯލު ހަމަކުރި ފުރަތަމަ އިނގިރޭސި ކުުޅުންތެރިޔާ އެވެ. މީގެ ކުރިން ޖަރުމަނު ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި އިނގިރޭސި ކުޅުންތެރިޔަކީ، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޖޭޑަން ސަންޗޯ އެވެ. ސަންޗޯ ވަނީ، ލީގުގެ އެއް ސީޒަނުގައި 17 ގޯލު ޖަހައިފަ އެވެ.

ސީޒަނުގެ ޖުމްލަ އަށް ބަލާއިރު، ކޭން ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 17 މެޗުން 22 ގޯލު ޖަހައިފަ އެވެ.

ކޮލޯން ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި ކޭން ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކޮށްފަ އެވެ. މި ގޯލު ޖެހުނީ ބަޔާންގެ ކެމަރޫން ފޯވާޑް، އެރިކް މެކްސިމް ޗޮޕޫ-މޯޓިންގެ ދައުރާ ވެސް އެކީގަ އެވެ.

ރޭގެ މެޗުން ލިބުނު މޮޅާ އެކު، ބަޔާން ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 12 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓް ހޯދާފައިވާ ބަޔާ ލެވަކޫސަން އެވެ. ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އަންނަ ލެވަކޫސަން މިރޭ ވާޑާ ބްރެމެން ދަނޑުގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އަރާނެ އެވެ.