Advertisement

ސަބްސިޑީ ދީގެން 25ރ. މަސް ގަތުމަކީ މާލީ ބުރައެއް، މަޝްވަރާކޮށް ބަދަލެއް ގެންނާނަން: ޝިޔާމް

25 ނޮވެންބަރު 2023 - 12:56 3

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ސަބްސިޑީ ދީގެން 25ރ. މަސް ގަތުމަކީ މާލީ ބުރައެއް، މަޝްވަރާކޮށް ބަދަލެއް ގެންނާނަން: ޝިޔާމް

25 ނޮވެންބަރު 2023 - 12:56 3

މަސް ގަންނަ އަގު ބޮޑުކޮށް، 25ރ. އަށް މަސްކިރުވަނީ ދައުލަތުން މިފްކޯއަށް ސަބްސިޑީ ދީގެން ކަމަށާއި އޭގެ ސަބަބުން ދައުލަތުން ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެ ކުރިމަތިވާ މާލީ ބުރަ ބޮޑުވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުމަހުގެ އަގު 25ރ. އަށް ބޮޑުކުރީ ސިޔާސީ މަގުސަދެއްގައި ކަމަށާއި މިފްކޯއިން މަސްވެރިން އަތުން ގަންނަ މަހުގެ ފައިސާ ބަރާބަރަށް ދިނުމުގައި ދަތިވެގެން އުޅުމުގެ އަސްލަކީ ވެސް އެއީ ކަމަށެވެެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތަކާއިި ސަރުކާރު ކުންފުނިތަކަށް ވެސް ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފްކޯއަށް މަހަށް ފައިސާ ނުދެއްކިދާ ދިޔުމަކީ ހަގީގަތުގައި މީގެ އުނދަގޫ. އަގުގެ ވަރަށް ބޮޑު ތަފާތެއްގެ ވާހަކަ މި ދައްކަނީ. ސަބްސިޑީ ދީގެން މިފްކޯއިން މަސް ގަންނައިރުވެސް ފަސޭހަ އަގެއް ނޫން އެއަކީ. އެތައް މިލިއަން ރުފިޔާއަށް ސަބްސިޑީގެ އަގު ބޮޑުވެއްޖެ. މި ވެސް ހަމަ ދިވެހި ރައްޔިތުންގެ ފައިސާ މި ދިމާއަށް މި ދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މަހުގެ އަގު ބަދަލުކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ޝިޔާމް ވިދާޅުވީ މަހުގެ އަގަށް ބަދަލު ގެނައުމުން އެކަމުގެ އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެނީ މަސް ގަންނަ ޕްރައިވެޓް ކުންފުނިތައް ކަަމަށެވެ. އެ އަގުގަ މަސް ގަނެގެން ނުހިންގޭނެތީ ބައެއް ކުންފުނިތައް މިހާރުވެސް ހުރީ ހުއްޓިފައި ކަމަށާއި އޭގެ ސަބަބުން މަސް ކިރަން ހުރި ފެސިލިޓީތައް މަދުވެ އެތައް ބައެއްގެ ވަޒީފާ ގެއްލޭ ކަމަށް ވިދާޅުވި އެވެ.

"ޕްރައިވެޓް ކުންފުނިތައް މީގަ ވަރަށް ބޮޑަށް ސްޓްރަގަލް އެބަ ކުރޭ. ދައުލަތުގެ ޒިންމާތަކެއް އެބަ ހުރޭ. އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓިގެންދާއިރު ހައްލުތަކެއް ހޯދައިދޭން ޖެހޭ. ދައުލަތުގެ ސްޓްރެންގްތެއް ނެތް ވަރަކަށް ނުވާނެ ދޯ ހަމަޖައްސާކަށް. އޭރަށް ހަލާކުވާނީ މުޅި ސިނާއަތް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖަހާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ވެސް ކުރިއަށް ދެވޭނެ ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ. އަދި މަހުގެ އަގު 20ރ. އަށްވުރެ ކުޑަ ނޫން އަގެއް ކަނޑައަޅައިދޭން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މަހުގެ އަަގަށް ބަދަލު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެކަން ކުރައްވާނީ އެކަމަށް ބޭނުންވާ ކޮންސަލްޓޭޝަން އާއި ސިނާއަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.