Advertisement

ބްރިޖުގެ މަސައްކަތް ލަސްވީ ތަޖުރިބާ އާއި ގާބިލުކަން އެފްކޮންސްގައި ނެތުމުން: އިންފްރާސްޓްރަކްޗާ މިނިސްޓަރު

23 ނޮވެންބަރު 2023 - 17:54 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ބްރިޖުގެ މަސައްކަތް ލަސްވީ ތަޖުރިބާ އާއި ގާބިލުކަން އެފްކޮންސްގައި ނެތުމުން: އިންފްރާސްޓްރަކްޗާ މިނިސްޓަރު

23 ނޮވެންބަރު 2023 - 17:54 1

ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީހަށް ނުނިމި ލަސްވެގެންދިޔައީ އެކަމުގެ ތަޖުރިބާ އާއި ގާބިލުކަން ނެތުމުގެ އިތުރަށް އެ މަސައްކަތަކީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ކޮންޓްރެކްޓަރު ދެކުމުން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން މިއަދު މިނިސްޓަރީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެއް ކަމަށެވެ.

"އެއީ ވަރަށް އޮއި ގަދަ ކަނޑުއޮޅިތަކެއްގައި މި އަޅަނީ މޮންސޫން ސްވެލްސްތަކާ އެއްޗެހި، ބޮޑެތި ރާޅުތަކާ އެއްޗެހި ވެސް އާދޭ، އަދި އެއާއެއްކޮށް ޖިއޯ ޓެކްނިކަލް، މާނައަކީ ބިމުގެ އަޑީގައި ހުންނަ ހާލަތު ވެސް އެހެން ގައުމުތަކުގައި ހައި، ޔުނިފޯމް ނުވަތަ އެއްގޮތެއް ނޫން،" ކުރިން ސިނަމާލެ ބްރިޖުގައި ވެސް އަމަލީ ގޮތުން މަސައްކަތް ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

ރާއްޖެ ފަދަ ގައުމެއްގައި ބްރިޖު އެޅުމުގެ ސީދާ ތަޖުރިބާ ނެތް ބަޔަކަށްވެއްޖެނަމަ މަސައްކަތް ކުރަންޖެހޭ ގޮތް ދަސްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން ނޭނގި އެފްކޮންސްއިން މަސައްކަތް ފެށީ ވަރަށް ފަސޭހަ ކޮށްލައިގެން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"އެ ތަޖުުރިބާ ނެތުމާއި އެއަށް ތައްޔަރު ވާންވީ ވަރަށް ތައްޔާރު ނުވެވުމާއި ވޯކްގެ އުނދަގޫކަން އަންޑާ އެސްޓިމޭޓު ކުރުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އިންޖީނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވައިގެން ހުންނެވި މުއްތަލިބު ވިދާޅުވި އެވެ.

ނަމަވެސް މިހާރު މަސައްކަތް ކުރިއަށް ދާގޮތުން ނިންމަންޖެހޭ ތާރީހަށް މަސައްކަތް ނިންމޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށާއި އަދި ޓާގެޓަކީ ވެސް ކުރީ ސަރުކާރުން އެކުލަވާލައިފައިވާ ސަޕްލިމެންޓަރީ އެއްބަސްވުމުގައިވާ ތާރީހަށްވުރެ މަސައްކަތް ލަސްވެގެން ދިޔަނުދިޔުން ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝަޕޫރުޖީ ޕައްލޮންޖީ ކުންފުނިން މެޖޯރިޓީ ހިއްސާ ގަނެފައިވާ އެފްކޮންސްއަކީ އިންޑިއާގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމައިފައިވާ ކުންފުންޏެކެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏާ ވެސް ގުޅުން އޮންނަ އެފްކޮންސްގެ މަޝްރޫއުތަކުގެ ތެރޭގައި، ގަބޯންގައި އެ ގައުމުގެ އިރުން ހުޅަނގަށް ގުޅުވައިދޭ ޓްރާންސް ގަބޮނީސް ރޯޑު ޕުރޮޖެކްޓެއް ވެސް އެފްކޮން އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އެފްރިކާގެ ގާނާގައި އަޅާ ވޮލްޓާ ރެއިލްވޭ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެސް އެފްކޮންސްއާ އެވެ. އެއީ ޖަޕާނުގެ ސަރުކާރުން 100 މިލިއަނަށް ވުރެން ގިނަ ޑޮލަރުގެ ލޯނެއްގެ ދަށުން ގާނާގައި ތަރައްގީކުރާ ޕުރޮޖެކްޓެކެވެ.

ބްރިޖު މަޝްރޫއު އެފްކޮންސްއިން ކާމިޔާބު ކުރީ ބީލަން ހުށަހެޅި އިންޑިއާގެ އަޝޯކާ ބިލްޑުކޮން އާއި ލާސެން އެންޑު ޓުއަބްރޯ ލިމިޑެޓާ ވާދަކޮށެވެ. އެ ތިން ކުންފުންޏަކީ ވެސް މަސައްކަތް ކުރުމުގެ ގާބިލުކަމާއި މާލީ ތަނަވަސްކަން ހުރި ތިން ކުންފުނި ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެ އެވެ.

އެ ބީލަމުގެ ޓެކްނިކަލް އިވެލުއޭޝަން ޓީމަށް މި މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ "އެމްއެސް އަރޫޕް" އިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.