22 ނޮވެންބަރު 2023 - 10:18 0
22 ނޮވެންބަރު 2023 - 10:18 0
މިއުނިކް (ނޮވެމްބަރު 22) - މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ރަފައެލް ވަރާން ގެންދަން ބަޔާން މިޔުނިކުން ތައްޔާރުވެއްޖެ އެވެ.
ވަރާން 30، ޔުނައިޓެޑު ދޫކޮށްލާނެ ކަމަށް ބެލެވިފައިވަނީ ކުލަބުގެ ފުރަތަމަ 11 އިން ޖާގަ ގެއްލެން ފެށުމާ އެކުގަ އެވެ. މި ސީޒަންގައި ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފެށި ނަމަވެސް މިހާރު ކޯޗު އެރިކް ޓެން ހާގު ފުރުސަތު ދެނީ ކުރީގެ ކެޕްޓަން ހެރީ މެގުއާ އަށެވެ. ނޫންނަމަ ޖޮނީ އެވަންސް އަށެވެ. ވަރާން އަށް ފުރުސަތު ލިބެނީ އޭގެ ފަހުންނެވެ.
މި ވަގުތު އޮތް ހާލަތާ މެދު ހިތްހަމަނުޖެހިގެން ވަރާން ހުރީ ކުލަބު ދުކޮށްލަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ ހޯދުމަށް މި ވަގުތު ތައްޔާރުވަމުން އަންނަނީ ޖަރުމަންގެ ބަޔާން އެވެ. އެ ޓީމުގެ މުހިންމު ޑިފެންޑަރެއް ކަމަށްވާ މަތިއަސް ޑި ލީޓް އަށް ބޮޑު އަނިޔާއެއްވެފައިވާތީ އޭނާ ނެތްތަން ފޫބައްދަން އެކުލަބުން ރަނގަޅު ޑިފެންޑަރެއް އެބަ ބޭނުންވެ އެވެ.
ޖެނުއަރީ ޓްރާންސްފާގައި ވަރާން އަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ބަދަލުވެވެން ނެތެވެ. އެހެންކަމުން އޭނާ ބަދަލުވާން ޖެހޭނީ ދާއިމީ އެއްބަސްވުމެއްގަ އެވެ.
ވަރާން އަށް މުސާރައިގެ ގޮތުގައި އަހަރަކު 14.9 މިލިއަން ޕައުންޑް ލިބޭ މުސާރައެއް ދޭން ބަޔާން އިން ތައްޔާރަށެވެ. ޖެނުއަރީ ޓްރާންސްފާގައި ވަރާން އަށް 26 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެކަމަށް ބެލެވެ އެވެ.
ފްރާންސްގެ ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު، ވަރާން ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވާނީ އެކުލަބުން އާ ޑިފެންޑަރެއް ހޯދައިފަ އެވެ. ސަބަބަކީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން މި ވަގުތު އެކުލަބުގެ މުހިންމު ކުޅުންތެރިންތަކެއް ކުޅުމާ ދުރުގައި ތިބުމެވެ. އޭގެ ތެރޭގައި ޑިފެންޑަރުން ގިނަ އެވެ.
ސްޕެއިންގެ ގަދަ ބާރު ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު 2021 ވަނަ އަހަރު ވަރާން ޔުނައިޓެޑަށް ގެނައީ އޭރު އެ ޓީމްގައި ހުރި އޮލެ ގުނަ ޝޮލްޝެއާ އެވެ. އޭގެ ފަހުން ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ވަރާން ފެނުނަސް އަނިޔާގެ ސަބަބުން ރެއާލްގައި ދެއްކި ފޯމެއް އޭނާ އަށް ނުދެއްކެ އެވެ.
ބަޔާން އަށް ވަރާން ބަދަލުވާން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ފްރާންސްގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އާއި މިޑްފިލްޑަރު ކިންގްސްލީ ކޯމަން އެ ކުލަބުގައި ހުރުމެވެ.
Comment