22 ނޮވެންބަރު 2023 - 11:19 0
މުހައްމަދު ޖަމްޝަތު ވަހީދު
ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (ވ) : އޭނާ ބުނީ އޮޅުވާލަން އުޅެނީ ކޮރެއާ ކުންފުނިން ކަމަށް - ފޮޓޯ: ކޭޕާކު ފޭސްބުކް
22 ނޮވެންބަރު 2023 - 11:19 0
މައްސަލަ ބޮޑުވެފައިވާ, ކޭޕާކު ރެސިޑެންސް އިން އެޕާޓްމަންޓެއް ގަތް މީހަކަށް އެއްބަސްވި މުއްދަތުގައި އެޕާޓްމަންޓު ހަވާލުނުކުރުމުން، އެފަރާތައް 3.2 މިލިއަން ރުފިޔާ އަނބުރާ ދައްކަން ހަމްބޯގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެެވެ.
މި މައްސަލަ އަކީ 12 އޮގަސްޓު 2021 ގައި ކޭޕާކުން އެޕާޓްމަންޓެއް ގަތުމަށް ރަފީފުއްދީން ނަސީމްގެ ފަރާތުން ހަމްބޯ އަށް ދެއްކި 2.1 މިލިއަން ރުފިޔާ އާއި އެތަނަށް ބޭނުންވާ ފަރުނީޗަރާއި ފިނިޝިން ނިންމަން ދެއްކި 20،000 ޑޮލަރު (308،400ރ.) އާއި ގެއްލުމުގެ ބަދަލު ހޯދަން އެދި ސިވިލް ކޯޓުގައި ކުރި ދައުވާ އެކެވެ.
މައްސަލަ ބެއްލެވުމަށްފަހު ގާޒީ އަހުމަދު އަބްދުލްމަތީން ކުރެއްވި ހުކުމުގައި ބުނެފައިވަނީ ކޭޕާކުން އެޕާޓުމަންޓެއް ގަތުމަށް ދައުވާކުރި ފަރާތުން ހަމްބޯއަށް ދެއްކި ދެ މިލިއަން ރުފިޔާ އާއި ޕާކިން ސްލޮޓެއް ނެގުމަށްޓަކައި ދެއްކި އެއް ލައްކަ ރުފިޔާ ހަމްބޯ އިން އެފަރާތައް އަނބުރާ ދޭންޖެހޭ ކަމަށެވެ.
އަދި އެޕާޓްމަންޓު ހަވާލުނުކޮށް ގިނަ ދުވަސްވުމުން އެ ފައިސާ އަނބުރާ ހޯދަން ދައުވާ ކުރި ފަރާތުން ހަމްބޯގައި އެދުމުން ވެސް އެ ފައިސާ ރައްދު ކޮށްދީފައި ނުވާއިރު، އެޕާޓްމަންޓު ވެސް ދީފައިނުވާތީ އެ ފަރާތުން ތަނެއް ކުއްޔަށް ހިފައިގެން އުޅެން ކުރި ހަރަދަށްވާ 375،000ރ ވެސް ހަމްބޯއިން ދޭންޖެހޭ ކަމަށާއި އަދި ގެއްލުމުގެ ބަދަލުގައި ދައުވާ ކުރި ފަރާތަށް އިތުރު 436،00ރ ހަމްބޯއިން ދައްކަންޖެހޭ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
އަދި މި ފައިސާ 24 ޑިސެމްބަރު 2023 ގެ ނިޔަލަށް ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މައްސަލާގައި ދައުވާ ކުރާ ފަރާރުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޭނާ އެޕާޓްމަންޓު ގަންނަސް ވި އެއްބަސްވުމުގައި ސޮއިކޮަށްފައިވަނީ ކޭޕާކުން އެޕާޓްމެންޓު ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލި މައްސަލާގައި ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އެވެ.
އެޕާޓްމަންޓު ގަތުމުގެ ހުރިހާ މުއާމަލާތެއް ހިންގާފައިވަނީ ހަމްބޯގެ ޑޮމެއިންގައި ހަދާފައި ހުރި އީމެއިލް ތަކުންނެވެ. އޭގެ ތެރޭގައި މަމްދޫހު އާއެކު އެޕާޓްމަންޓް ވިއްކުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ޖައިޝަން ސައީދުގެ ނަމުގައި ހަދާފައިވާ މެއިލް އެއްވެސް ހިމެނެ އެވެ. ޖައިޝަން އަކީ ކޭޕާކުގެ މަސައްކަތްކުރާ ލޯކަލް އެހެން ކުންފުންޏެއް ކަމަށްވާ، ކޯދި އިންވެސްޓްމަންޓްސްގެ އެއް ހިއްސާދާރެވެ. އަނެއް ހިއްސާދާރަކީ މަންޑޭ އެވެ.
Comment