Advertisement

ކުވޭތުގައި ފަލަސްތީނަށް އޮތް ލޯބި ދެއްކީ ފަލަސްތީނުގެ ޓީމަށް ކުރި ސަޕޯޓުން

22 ނޮވެންބަރު 2023 - 10:20 0


ކުވޭތުގައި ފަލަސްތީނަށް އޮތް ލޯބި ދެއްކީ ފަލަސްތީނުގެ ޓީމަށް ކުރި ސަޕޯޓުން

22 ނޮވެންބަރު 2023 - 10:20 0

ކުވޭތު ސިޓީ (22 ނޮވެމްބަރު) - ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި އިއްޔެ އޮސްޓްރޭލިއާއާ ދެކޮޅަށް ފަލަސްތީނު ކުޅުނު މެޗަކީ، ފަލަސްތީނު އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗެކެވެ. އެކަމަކު، ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އަމިއްލަ ފަސްގަނޑުގައި ފަލަސްތީނަށް ކޮލިފައިންގެ މެޗުތަކެއް ނުކުޅެއެވެ.

އެހެންކަމުން ރޭ މެޗު ކުޅުނީ ކުވޭތުގެ ޖާބެރް އަލް އަހްމަދު ސްޓޭޑިއަމްގައެވެ. އެކަމަކު އަމިއްލަ ގައުމުގައި ނުކުޅުނަސް، މި މެޗުގައި ފަލަސްތީނަށް އޮތް ސަޕޯޓް ވަކި ކުޑައެއް ނޫނެވެ. ފަލަސްތީނުގެ ޓީމަށް ބޮޑު ސަޕޯޓެއް އޮތެވެ. ފަލަސްތީނަށް ކުވޭތުގައި އޮތް ލޯބި މި މެޗު ކުޅުނު ސްޓޭޑިއަމް އިން ފެނިގެންދިޔައެވެ.

ޖާބެރް އަލް އަހްމަދު ސްޓޭޑިއަމްގައި ކުޅުނު މެޗަށް އެތައް ސަތޭކަ ސަޕޯޓަރުން ވަނެވެ. މިއީ އިޒްރޭލުން ގައްޒާ އަށް ހަމަލާތައް ދޭން ފެށި ފަހުން، ސަޕޯޓަރުންގެ ކުރިމަތީގައި ފަލަސްތީންގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

ފަލަސްތީން - އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން. -- އޭއެފްޕީ


ފަލަސްތީނުގެ ފަހަތުގައި ތިބި ކުޅި ބެލުންތެރިންގެ ތެރެއިން ފެންނަން އޮތީ ފަލަސްތީނުގެ ދިދަތަކާއި ކަޅާއި ހުދުގެ ކަފިއްޔާތަކެވެ. ފަލަސްތީނަށް އޮތް ލޯތްބާއި ސަޕޯޓް، ދަނޑަށް ވަދެ ތިބި ކުޅި ބެލުންތެރިން ދެއްކި އެވެ.

"އަހަރެންގެ ހިތުގައި އޮތީ ފަލަސްތީނު. ކުވޭތުގެ ކުދި ބޮޑު ރައްޔިތުން މިއަދު ދަނޑަށް މި ވަނީ ފަލަސްތީނަށް އޮތް ސަޕޯޓް ދައްކަން،" މެޗު ބެލުމަށް ދަނޑުގައި އިން 45 އަހަރުގެ އަންހެނެއް ކަމަށްވާ އަންފަލް އަލް އަޒްމީ "އޭއެފްޕީ" އާ ވާހަކަދައްކަމުން ބުންޏެވެ.

ބައެއް ސަޕޯޓަރުން ތިބީ ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި، ޝުއޫރުތައް ލިޔެފައިވާ ބޭނާތައް ވެސް ހިފައިގެނެވެ.

މި މެޗުން އޮސްޓްރޭލިއާ 1-0 އިން މޮޅުވީ ޑިފެންޑަރު ހެރީ ސޫޓާ މެޗުގެ 18 ވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފެށުނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއްގެ ނަމުގައި، އިޒްރޭލުން ދަނީ ހުއްޓުމެއް ނެތި ގާޒާ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

މި މެޗުން އޮސްޓްރޭލިއާގެ ކުޅުންެރިންނަށް ލިބޭ ފައިސާގެ ބައެއް، ގާޒާ އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ހަދިޔާކުރުމަށް އޮސްޓްރޭލިއާގެ ޓީމުން ވަނީ ނިންމައިފަ އެވެ.