Advertisement

ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި 5400 އަށްވުރެ ގިނަ މީހުން

21 ނޮވެންބަރު 2023 - 13:06 1

ނިމާ ހަސަން

ނިމާ ހަސަން

އެކަނިވެރި މައިންގެ ގޮތުގައި ރާއްޖޭގައި 5400 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކާ -- ފައިލް ފޮޓޯ: އަދަދު


ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި 5400 އަށްވުރެ ގިނަ މީހުން

21 ނޮވެންބަރު 2023 - 13:06 1

ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި އެލަވަންސް ލިބޭ 5400 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި, ރާއްޖޭގައި އެކަނިވެރި ބެލެނިވެރިންގެ ގޮތުގައި ކުދިން ބަލާ 5443 ބެލެނިވެރިންނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެލަވަންސް ލިބެ އެވެ.

އަދި ވަގުތީ ގޮތުން ކުދިން ބަލަން 148 މީހުންނަށް ފޮސްޓާ ޕޭރެންޓް އެލަވަންސްގެ ގޮތުގައި އެންސްޕާއިން އެލަވަންސް ދެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 31 ޕަސަންޓަކީ ކުޑަކުދިންނެވެ. 61,150 ފިރިހެން ކުދިންނާއި 58,009 އަންހެން ކުދިންނާއެކު ޖުމްލަ ކުޑަކުދިންގެ އަދަދަކީ 119,159 އެވެ.

ޖުމްލަ ކުޑަކުދިންގެ ތެރެއިން 38 ޕަސަންޓު ކުދިން ދިރިއުޅެނީ މާލެ ސަރަަހައްދުގަ އެވެ. އެއީ 45,252 ކުދިންނެވެ. އަދި އަތޮޅުތެރޭގައި ދިރިއުޅެނީ 73,907 ކުދިންނެވެ.

ކުޑަކުދިންގެ ތެރެއިން އެވްރެޖްކޮށް 4.5 ޕަސަންޓު ފިރިހެން ކުދިންނަށް އަދި 3.1 ޕަސަންޓު އަންހެން ކުދިންނަކީ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިން ކަމަށް ވެސް ސްޓްޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހަމައެއާއެކު ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ މަލްޓިޑިމެންޝަނަލް ޕޮވާޓީގައި ދިރިއުޅޭ ކުދިން ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މަލްޓިޑިމެންޝަނަލް ޕޮވާޓީއޭ ކިޔަނީ އެކި ދާއިރާތަކުން ފަގީރުކަން ތަހަންމަލު ކުރުމަށެވެ.