Advertisement

މެމްބަރުންގެ އަދަދު ތިނަކަށް ވުރެ މަދުވެ، އެމްއެންޕީ މަޖިލީހުގައި ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެ

21 ނޮވެންބަރު 2023 - 09:49 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އެމްއެންޕީ ތަމްސީލްކުރައްވަން މިވަގުތު ތިއްބެވީ ނާޒިމާއި ރިޔާޒް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މެމްބަރުންގެ އަދަދު ތިނަކަށް ވުރެ މަދުވެ، އެމްއެންޕީ މަޖިލީހުގައި ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެ

21 ނޮވެންބަރު 2023 - 09:49 0

އެމްއެންޕީ އުފެއްދި އިރު މަޖިލީހުގައި ތިއްބެވި ތިން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ވަކިވެފައި ވާތީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ ދަށުން މަޖިލީހަށް އިންތިހާބުވި ތިން މެމްބަރުން އެމްއެންޕީ ތަމްސީލުކުރުމަށް ހުށަހެޅައި އެ ތިން މެމްބަރަކު އެމްއެންޕީ ތަމްސީލް ކުރާނެކަން 27 އޮކްޓޫބަރު، 2021 ގައި އިއުލާންކުރި ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާއާ ހަވާލާދެއްވައި އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް އިންތިހާބުވުމަށްފަހު، ޕާޓީއެއް ތަމްސީލުކުރަން ތިބި މެމްބަރުންގެ އަދަދު އެއްވެސް އިރެއްގައި ތިނަކަށް ވުރެ ދަށް ވެއްޖެނަމަ ޕާޓީ ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލޭނެ ކަމަށެވެ.

މަޖިލީހުގައި ތިއްބެވި މެމްބަރުންގެ އަދަދު ތިނަކަށް ވުރެ މަދުވީ ވިލިމާލޭ ދާއިރާގެ މެމްބަރުކަމުން އަހުމަދު އުޝާމް ނޮވެމްބަރު 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އުޝާމް އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވައި، ދައުލަތުގެ ބަންޑާރަނައިބުގެ މަގާމަށް ވަޑައިގެންނެވުމަށެވެ.

އެހެންކަމުން މިވަގުތު މަޖިލީހުގައި ތިއްބެވީ އެމްއެންޕީގެ ދެ މެމްބަރުންނެވެ. އެއީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

އަސްލަމް މިއަދު އިއުލާނުކުރެއްވި ގޮތުގައި އެ ދެ މެމްބަރުން މަޖިލީހުގައި ދެން މަސައްކަތްކުރައްވާނީ ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުންގެ ގޮތުގަ އެވެ.