14 ޖަނަވަރީ 2025 - 04:39 3
އެމްއެންޕީގެ ހަފުލާއެއްގައި އެ ޕާޓީގެ މެންބަރަކު ބައިވެރިވަނީ: އެ ޕާޓީއަށް މީހަކު ވަގަށް ވެއްދި މައްސަލަ ފުލުހުން ވަނީ ފައިލުކޮށްފަ -- ފޮޓޯ: އަދަދު ފައިލް
14 ޖަނަވަރީ 2025 - 04:39 3
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީއަށް އާންމު މީހަކު ވައްދާފައި ވަނީ ވަގު ފޯމެއް ހުށަހަޅައިގެން ނަމަވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު އަދި ބޭނުންވާ ހެކި، ގަރީނާ ނެތް ކަމަށް ބުނެ އެ މައްސަލަ ފުލުހުން ފައިލުކޮށްފި އެވެ.
އޭނާއަށް ނޭނގި، ޒާތީ މައުލޫމާތާއި ވަގަށް ނަގައި، ސޮއި ފޯޖު ކުރުމަށްފަހު އެމްއެންޕީއަށް ވެއްދި މައްސަލައެއް ހުށަހެޅީ މުހައްމަދު އަނީސް ކިޔާ މީހެކެވެ. އެ މައްސަލަ ބެލުމަށްފަހު ފުލުހުން މައްސަލަ ފައިލު ކުރީ އޯގަސްޓު، 2024، ގަ އެވެ.
މައްސަލަ ފައިލު ކުރުމަށްފަހު ފުލުހުން ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ އަނީސް އެމްއެންޕީއަށް ވައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި އޮތް ފޯމުގައި އޮތީ އޭނާގެ އިނގިލީގެ ނިޝާން ނޫންކަން ކަށަވަރުވެފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް އަދި ހެކި، ގަރީނާ ފުލުހުންނަށް ހޯދިފައިނުވާ ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
"ނަމަވެސް މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް ހޯދިފައިނުވުމާއި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް އެކަށީގެންވާ ހެކި، ގަރީނާ ނެތުމުން އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށްގެންދާ ގޮތަށް މައްސަލަ މި ހިދުމަތުގައި ފައިލު ކުރެވިފައިވާ ވާހަކަ ދެންނެވިން،" ފުލުހުން ބުނެފައިވެ އެވެ.
އާންމުންގެ ޒާތީ މައުލޫމާތު ނެގުމަށްފަހު ސޮއި އަދި އިނގިލީގެ ނިޝާން ފޯޖުކޮށް ޕާޓީތަކަށް ވައްދާ މައްސަލަތައް މިދުވަސްވަރު ވަނީ އާންމުވެފަ އެވެ. އެންމެ ގިނައިން އުޅެނީ ވަގު ފޯމު ފުރައިގެން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް އަށް މީހުން ވައްދާ މައްސަލަ އެވެ.
މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ވިދާޅުވަނީ ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް ވެއްދި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. ވަގު ފޯމު ފުރުމުގެ މަސައްކަތް ކުރި އެއް ތަނަކީ ޕީއެންސީގެ ހަރުގެ ކަމަށް ވެސް އެ ޕީއެންސީން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި އޮންނަނީ، ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް ކަމުގަ އެވެ.
އެކުށަކީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްދާގެ ނ. ގައި ބުނެ އެވެ. އެހެންވީމާ އެކުށުގެ އަސާސީ އަދަބަކަށްވާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ސައްހަ ނޫން ގޮތުގައި ހުށަހެޅި ކޮންމެ ފޯމަކީ ވަކި ކުށެކެވެ.
0.00%
50.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޒުއިމު
2 months ago
މިޤއުމުގަ ފުލުންހެ މުއަށްސަސާގެ ގަދަރެއް ނެތް މިހާރަކު ހުރިހާޖަރީމާއެއްގެ އަޑީގައި ރާވާހިންގުމުގަ ހޯމްމިނިސްޓަރ އާ އެކު ފުލުހުން ކެވުނު ގޮތަކަށް ކާން މިޤައުމު މިއޮތީ އިންސާފު އޮތީ ސަދޫމުގައި އޮތްގޮތަށް އެމިންވަރަށް ﷲ ކޯފާއެއް އަންނާނީ ކޮން ވަގުތެއްގައި ކަމެއް އެގޭނެ އިންސާނަކުނެތް މަތްﷲ ބަޔަކު ކުަޅަ ކަމަކުން އާންމު ވެގެންވާ ކޯފާއިން އަޅަމެން ސަލާމަތް ކުރައްވާތޯ ދުއާކުރަން އަދުލު ވެރިކަމެއް ނެތް ވެރިންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި އާމީ
ރައްޔިތުމީހާ
2 months ago
ކޮންމެ ފޯމެއްގަވެސް ދެމީހުން ބުނެފަވާނީ ޕާޓީއަށް ވަންނަން ސޮއި ކުރީ އެދެ މީހުންގެ ހާޟިރުގައޭ. އެހެން މީހެއްގެ ނަމުގަ ފޯމް ފުރާ ސޮއިކުރި މީހާއާ ދެ ހެކިންނަކީ ވަގު ފޯމު ފުރުމުގަ ބައިވެރިވި 3 މީހުން. އެވަރުންވެސް ތުހުމަތުކުރެވޭ މީހެއްނެތް. ގަރީނާ ނެތް. މީ އެންމެން ގުޅިގެން ޖަރީމާ ހިންގީމަ ނުކުންނާނެ ނަތީޖާ 😆
ސާބަސް
2 months ago
ބަލަ މިގައުމުގަ އެބަހުރިދޯ އެކިވަރުގެ ކޯޓުތައް ކީއްވެބާ ކޯޓުތަކައް ދާންނުކެރިގެން މިއުޅެނީ މިވަރުގެ ބޮޑެތިވައްކަން ކުރާއިރުވެސް ކަމެއްނުވިޔަސް ދިޔަކަން އޮންނާނެދޯ ކޯޓައްދިޔައީމަ ވާގޮތެއްވެސް އިންގިދާނެތާ ބޮޑެތިއަދަބު ކަންޑައަޅާފަ ހުރީމަ ބުނެލީ ސޮއިކުރިމީހާގެ ކާޑުނަންބަރުވެސް ސޮއިވެސް ެބަހުރި ދޯފެންނަން މިވަރައްހެކިލިބޭނީ
Comment