21 ނޮވެންބަރު 2023 - 11:24 0
މުހައްމަދު ޖަމްޝަތު ވަހީދު
21 ނޮވެންބަރު 2023 - 11:24 0
މިއަހަރުގެ ބާކީ ބަޔަށް ހުށަަހެޅި ސަޕްލިމަންޓަރީ ބަޖެޓުގައި ސަރުކާރު ކުންފުނިތަކަށް ދޭން ހިމަނާފައިވާ ފައިސާ ބޭނުންވާ ސަބަބު ބަލަން ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާ ދެއްވެއިފި އެވެ.
މިއަހަރުގެ ބާކީ ބަޔަށް ސަރުކާރުން ހުށަހަޅާފައި އޮތީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ފައިސާ އެވެ. ސަޕްލެމްޓަރީ ބަޖެޓާއެކު މި ހިނގަމުންދާ އަހަރުގެ ޖުމުލަ ބަޖެޓު 49.3 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
މި ބަޖެޓާއެކު މި އަހަރުގެ ޖުމްލަ ބަޖެޓު ޑެފިސިޓް 17 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވާނެ ކަމަށް އަންދާޒާތަކުން ދައްކަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު އެ ބަޖެޓާ މެދު އޮޑިޓް އޮފީހުން ގިނަ ކަންބޮޑުވުންތަކެއް ހުރީ ފާޅުކޮށްފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ ބަޖެޓުން ފައިސާ ދިނުމުގެ ކުރިން ކުންފުނިތަކަށް ކުރިން ބަޖެޓުން ދީފައި ހުރި ފައިސާ ހަރަދުކުރި ގޮތް ސާފުކުރުމަށާއި ކަުންފުނިތަކުން އިތުރަށް ފައިސާ ހޯދާ ސަބަބު ބަލަން ކުންފުނިތައް މަޖިލީހަށް ހާޒިރުކުރުމަކީ މުހިއްމުކަމެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެ ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަނެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރެވޭނެ މަގުޗާޓެއް އެކުލަވާލައި ތަންފީޒުކުރަން ވެސް ލަފާ ދިނެވެ.
މިއަހަރުގެ ބަޖެޓުގައި ކުންފުނިތަކުގެ ކެޕިޓަލް ދޭން ފާސްކުރީ 764 މިލިއަން ރުފިޔާއެވެ. ނަމަވެސް ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ކުންފުނިތަކުގެ ކެޕިޓަލް އަށް އެއް ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
އަދި ސަޕްލިމެންޓްރީ ބަޖެޓުގައިވެސް ކުންފުނިތަކަށް ކެޕިޓަލް ދިނުމަށް 611.7 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އަދި ފެނަކަ އާއި އާރުޑީސީގެ ވޯކިން ކެޕިޓަލަށް ހަމަޖެއްސުމަށް ބަޖެޓުން ޓްރެޒަރީ ލޯނު ދޫކުރަން 291.3 މިލިއަން ރުފިޔާ ހަރަދުކުރަންވެސް ވަނީ ހިމަނާފަ އެވެ.
އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރެވިއްޖެ ނަމަ ކުންފުނިތަކަށް ކުރާ ކެޕިޓަލް ހަރަދާއި ފެނަކަ އަދި އާރްޑީސީ ލޯނުދޭން އެކުރާ ހަރަދަކީ ބަޖެޓަށް ލުއިކުރެވޭނެ ހަރަދުތަކެވެ. އަދި ސްޓެލްކޯ އާއި ފެނަކައިގެ ހިންގުން ރަނގަޅުކޮށްފި ނަމަ ކަރަންޓް ސަބްސިޑީގެ ގޮތުގައި ދައުލަތުން ކުރާ ހަރަދުތައްވެސް ބޮޑުތަނުން ދަށްކުރެވޭނެ ކަން ވަނީ ފާހަގަކޮށްފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް އޮޑިޓް އޮފީހުން ދީފައި ހުރި އިތުރު ލަފާތަކުގެ ތެރޭގައި ސްޓޫޑެންޓް ލޯނުތަކުގެ ރިކަވަރީ ނިޒާމު ހަރުދަނާ ކުރުމާއި ޕީއެސްއައިޕީ މަޝްރޫއުތަކަށް އިތުރު ބަޖެޓު ދިނުމުގެ ކުރިން އެ މަޝްރޫއުތަކުގެ މަސައްކަތް ނިމިފައި ހުރި މިންވަރު ހުރީ ޝެޑިއުލްއާ އެއްގޮތައް ތޯ ބަލަންޖެހޭކަމަށް ވަނީ ބުނެފަ އެވެ.
އަދި ބަޖެޓު ފައިނޭންސިން އަށް ހޯދާ ލޯނުތަކަކީ ދަރަނީގެ ސްޓްރެޓެޖީގައި ފާހަގަކޮށްފައިވާ ހިރާސްތައް ކުޑަކުރެވޭ ގޮތައް ނަގާ ލޯނުތޯ ކަށަވަރުކުރަންޖެހޭ ކަމަށާއި ދައުލަތުގެ ދަރަނި ކުޑަކުރުމަށް އަޅަން ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރާނެ ހަރުދަނާ ސިޔާސަތެއް އެކުލަވާލައި އެކަމުގެ މަސްއޫލު ފަރާތްތައް ޒިންމާދާރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މުހިއްމުކަން އޮޑިޓް އޮފީހުން ފާހަގަކުރި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment