Advertisement

އިން ކަނޑަނާޅައި ގޯތީގެ ރަޖިސްޓްރީ ދޫނުކުރެވޭނެ، އޭގެ ސައްހަ ކަމާ މެދު ގާނޫނީ ލަފާ ހޯދަން ޖެހޭ: ހައިދަރު

20 ނޮވެންބަރު 2023 - 21:36 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހައިދަރު ވާހަކަ ދައްކަވަނީ.


އިން ކަނޑަނާޅައި ގޯތީގެ ރަޖިސްޓްރީ ދޫނުކުރެވޭނެ، އޭގެ ސައްހަ ކަމާ މެދު ގާނޫނީ ލަފާ ހޯދަން ޖެހޭ: ހައިދަރު

20 ނޮވެންބަރު 2023 - 21:36 1

ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ދޫކޮށްފައިވާ ރެޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު އަހްމަދު ސުވާލު އުފައްދަވައިފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.

ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާއިރު ގޯތިތަކުގެ ރަޖިސްޓްރީ އޮގަސްޓު 27, އިން ފެށިގެން އެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ދިޔައީ ދޫކުރަމުންނެވެ. ހައިދަރު ދެކެވަޑައިގަންނަވާ ގޮތުގައި އެގޮތަށް ރަޖިސްޓްރީއެއް ހަވާލު ނުކުރެވޭނެ އެވެ.

"އޭގައި އެބަ އުޅޭ ވަރަށް ބޮޑު ގާނޫނީ މައްސަލައެއް. ރެޖިސްޓްރީއެއް ދުލެއް ނުކުރެވޭނެ އިން ކަނޑަނޭޅޭ ތަނަކުން. މޫދަކުން ދޭ ބިމަކަށް ރެޖިސްޓްރީ ކަނޑަނޭޅޭނެ. އެއީ ގަވާއިދު އޮތް ގޮތް," މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވި އެވެ.

"ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" އަށް އޭގެ އެއް ދުވަސް ކުރިން އޭރުގެ ސަރުކާރުން ގެނައި އިސްލާހުގެ ދަށުން ގޯތި ދޫކުރާއިރު، ނުހިއްކާ ނުވަތަ އިން ނުކަނޑާ އޮތް ތަނަކުން ވެސް ގޯތި ދޫކުރެވިދާނެ އެވެ.

"އެކަމަކު ގަވާއިދު ބަދަލުކޮށްގެން ލިޔުމެއް ދޫކުރެވޭ ގޮތަށް އޮތީ ހަދާފައި, އެއީ ރެޖިސްޓްރީއަކަށް ނުވާނެ. އެއީ އެކަމާ ބެހޭ ގޮތުން އޮތް ގޮތަކީ, އެހެންވީމާ އޭގެ ވެލިޑިޓީއާ ބެހޭ ގޮތުން ޖެހޭނީ ގާނޫނީ ލަފައެއް ހޯދަން. އެއީ ކިހާވަރެއްގެ ބުރަދަނެއް އޮތް ލިޔުމެއްތޯ," އޭނާ ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ.