Advertisement

ފްލެޓު ލިބިފައި ވަނީ ހައްގުވެރިންނަށްތޯ ބެލުމަށް ލިސްޓު ރިވިއު ކުރަނީ

20 ނޮވެންބަރު 2023 - 16:31 6

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހައުސިން މިނިސްޓަރް ޑރ. އަލީ ހައިދަރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ


ފްލެޓު ލިބިފައި ވަނީ ހައްގުވެރިންނަށްތޯ ބެލުމަށް ލިސްޓު ރިވިއު ކުރަނީ

20 ނޮވެންބަރު 2023 - 16:31 6

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާކަން މި ސަރުކާރުގެ މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓެއް ކުރީ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން ނެރުނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލާގައި ފުރަތަމަ އޭސީސީން އެންގީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

އެއާއެކު ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާ ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތަށްފަހު ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނެރެ, ގުރު ނެގުމަށްފަހު އެގްރީމަންޓުގައި ސޮއިކުރަން ފެށުމާއެކު އޭސީސީން ވަނީ އެ މަޝްރޫއު މަޑުޖައްސާލަން އަންގާފަ އެވެ.

އޭގެ ފަހުން ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާއިރު އާ ސަރުކާރުން މިއަދު ވަނީ އެކަމާ ގުޅޭގޮތުން ނިންމާފައިވާ ނިންމުން ހާމަކޮށްފަ އެވެ.

"ރިޔާސީ އިންތިހާބައި ފުރަތަމަ ބުރޭ ދޭތެރޭ ދޫކޮށްފައިވާ ފްލެޓުތައް, އެ ފްލެޓުތައް އަޅުގަނޑުމެން ރިވިއު ކުރާނަން އެ [ފްލެޓު] ލިބިފައި އޮތީ ހައްގު ބަޔަކަށްތޯ ނޫންތޯ. ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު ރައީސް މުއިއްޒު ސަރުކާރަށް އިލްތިމާސް ކުރެއްވި އެެއްވެސް ބިމެއް ނޫނީ ފްލެޓު ދޫކުރުން މަޑުޖައްސާލުމަށް," މިހާރު ކުރިއަށްްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވި އެވެ.

އެގޮތަށް އިލްތިމާސް ކުރެއްވި ނަމަވެސް އެކަމަށް ކުރީ ސަރުކާރުން އިހުތިރާމް ކުރައްވާފައި ނުވާ ކަމަށާއި އެ މަސައްކަތް މަޑުޖައްސާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އެ ހިސާބުން [ރައީސް މުއިއްޒުގެ އިލްތިމާސްއަށްފަހު] ދޫކޮށްފައި ހުރި އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ގެދޮރުވެރިކުރުމަށާއި ބޯހިޔަވާހިކަމަށް ދޫކޮށްފައި ހުރި އެއްވެސް ފްލެޓުތައް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމް ކުރާކަށް. އެއީ ރާވާފައި އެބަ ހުރި ވަރަށް ބޮޑެތި މަޝްރޫއުތަކެއް," ހައިދަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

މި ފްލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 7000ރ. އާއި މަރާމާތު ފީއަށް 1000ރ. ހިމެނޭހެން 8000ރ. އެވެ. އަދި ދެ ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 5000ރ. އާއި މަރާމާތު ފީ 1000ރ. ހިމަނައިގެން 6000ރ. އެވެ.

ކުލި ދައްކަން ފަށަން ޖެހެނީ ފްލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހަށް ފަހު އެވެ. އަދި ކުލި ދައްކަން ޖެހެނީ 300 މަހަށެވެ.