20 ނޮވެންބަރު 2023 - 13:57 0
މުހައްމަދު ޝަހްޒާން
ސުޕްރީމް ކައުންސިލުގެ ރައީސްއާއެކު މިނިސްޓަރު ޝަހީމް ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އިސްލާމިކް މިނިސްޓަރީ
20 ނޮވެންބަރު 2023 - 13:57 0
ފަތުވާ ކައުންސިލަށް މެމްބަރުން އައްޔަން ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް އެފެއާސްގެ ސުޕްރީމް ކައުންސިލުގެ ރައީސް، މުހައްމަދު ރަޝީދު އިބްރާހިމްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
މިއަދު ކުރިއަށް ގެންދެވި އެ ބައްދަލުވުމުގައި އިސްލާމިކް އެފެއާސްގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހުގެ މެމްބަރުން އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު މެމްބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރައްވާ އެއް މެމްބަރުގެ މައްޗަށެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ކައުންސިލް އެންމެ އެކަށީގެންވާ ގޮތަށް މެމްބަރުން ލައިގެން ހިންގިފައި ނުވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
މިދިޔަ ދައުރުގެ ތެރޭގައި އާންމުވި ޔޯގާގެ މައްސަލައާ ގުޅިގެން ވެސް ފަތުވާ ކައުންސިލުގެ ކޯރަމް ހަމަނުވެގެން އޭރު ފަތުވާއެއް ނެރެވޭ ގޮތް ވަނީ ނުވެފަ އެވެ. އެ މައްސަލައިގައި ގޮތެއް ނިންމައި ފުލުހުންނަށް ސިޓީއެއް ފޮނުވަން ޖެހުނީ މިނިސްޓަރީންނެވެ.
ފަތުވާ މަޖިލިސް ފަންނީ ގޮތުން ތަރައްގީކޮށް، އިސްލާމް ދީނާ ގުޅުން ހުރި ތަފާތު ކަންކަމަށް ސައިންޓިިފިކު ހައްލުތައް ހޯދައިދޭ ވަރުގަދަ އިލްމީ މުއައްސަސާއަކަށް ބަދަލުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ވެސް އިގުތިސާދީ ގޮތުންނާއި ދީނީ ގޮތުންނާއި ސިއްހީ ގޮތުން ވެސް އިސްލާމް ދީނާއި ގުޅިފައި ހުންނަ ކަންތައްތަކުގައި އިސްލާމީ ބަހެއް ބޭނުންވާ ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ވަކިވަކި އިލްމުވެރިން ނެރޭ ފަތުވާތަކުގެ ބަދަލުގައި އިލްމުވެރިންގެ ޖަމާއަތަކުން މަޝްވަރާކޮށްގެން ނެރޭ ފަތުވާ ކަމަށް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ހ. ގައިވާ ގޮތުން ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ދިނުމަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. އެ މާއްދާގެ ށ. ގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކަށް ވެސް އިސްތިޝާރީ ލަފާ ދޭނީ އެ މަޖިލީހުންނެވެ.
ފިގުހީ މައްސަލަތަކުގައި ދިވެހިންނަށް ފަތުވާ ދޭން ޖެހޭ މައްސަަލަތަކަކީ ކޮބައިކަން ދަނެގަތުމަކީ ވެސް އެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. ކޮވިޑް ދުވަސްވަރު ނެރުނު ފަތުވާތަކާއި އެނޫން ބައެއް ފަތުވާ ވެސް އެ މަޖިލީހުން ނެރުނީ އެ އުސޫލުންނެވެ.
ހިޔާލުތަފާތުވާ މައްސަލަތަކުގައި ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތަކީ ހަމަ އެކަނި ފަތުވާ ނެރުމެއް ވެސް ނޫނެވެ. ދީނީ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި ހިޔާލު ހޯދައި މަޝްވަރާކުުރުމަކީ ވެސް ފަތުވާ މަޖިލީހުގެ ގާނޫނީ މަސްއޫލިއްޔަތެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment