20 ނޮވެންބަރު 2023 - 09:10 1
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ : އީވާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ، ނޯޓިސް ފޮނުވައިފި - ފޮޓޯ: ރައީސް އޮފީސް
20 ނޮވެންބަރު 2023 - 09:10 1
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލީހުގެ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، އީވާއަށް ނޯޓިސް ފޮނުވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ނޯޓިސް ފޮނުވާފައިވާކަން އީވާ ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. މި މަހު 13 ގައި އެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާ ފެށުމާއެކު ނަޝީދު ވަނީ އިސްތިއުފާދެއްވާފަ އެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި ކަމަށް އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުއުފުލި ފަހުންނެވެ. އެމްޑީޕީއިން ދެކޭ ގޮތުގައި މައްސަލަ ކުރިއަށް ނުގެންގޮސް އީވާ ލަސްކުރުވީ ގަސްތުގަ އެވެ.
ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އެ ދުވަހު ވަޑައިގެންނެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ތަޅުމުގައި ނުރުހުން ފާޅުކޮށްފަ އެވެ.
ދެ ފަހަރެއްގެ މަތިން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެމްޑީޕީން ހުށަހެޅި އެވެ. އެގޮތުން, މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް ސޮއި ހޯދަން ފެށިއިރު ނަޝީދު އަޑީގައި ހުންނަވައިގެން "ދަ ޑިމޮކްރަޓްސް" އުފެއްދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
އެ ކޯޅުމުގައި އެމްޑީޕީން ނަޝީދު ވަކިކުރުމުގެ މައްސަލަ ވެއްދީ 54 މެންބަރުންގެ ސޮޔާއެކު އެވެ. އެ ފަދަ މައްސަލައެއް ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދަށްވުރެ 10 މެންބަރުން އިތުރުކޮށެވެ. މިފަހަރު އެ މައްސަލަ ވެއްދީ 49 މެމްބަރުންގެ ސޮޔާ އެކު އެވެ.
ދެފަހަރު ވެސް އެ މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތު މަޖިލީހުގެ ނިޒާމުގެ ތެރެެއިން ނަޝީދު ދެއްވާފައި ނުވެ އެވެ. ފުރަތަމަ ފަހަރު މަޖިލީހުގެ އާންމު ކޮމިޓީތައް އެކުލަވާނުލެވޭ ކަމަށާއި, މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުން 'ޑެޑްލޮކް' އަކަށް ދިޔައީ ކަމަށް ވިދާޅުވެ މަޖިލީހުގެ މަސައްކަތް އޮތީ ހުއްޓުވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ބަލިވުމާ އެކު ދެވަނަ ބުރުގައި ޑެމޮކްރެޓްސްގެ ތާއީދު ހޯދުމުގެ ގޮތުން އެ މައްސަލަތައް އެމްޑީޕީން އަނބުރާ ނެގި އެވެ. އެއާއެކު, ކޮމިޓީތައް އެކުލަވާލައި މަޖިލީހުގެ މަސައްކަތްތައް ވެސް އަނެއްކާ ވެސް ފެށި އެވެ. ނަމަވެސް, ދެވަނަ ބުރުގައި ނަޝީދުގެ ޑެމޮކްރެޓްސްއިން އެމްޑީޕީއަށް ތާއީދު ކޮށްފައި ނުވެ އެވެ.
އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބޭނެކަން އިންތިހާބުގެ ނަތީޖާއިން ކަށަވަރުވުމާ އެކު ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރުމަށް މަޖިލީހުގެ ރިޔާސަތާ ހަވާލުވާން ޖެހޭ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވިދާޅުވި އެވެ. އަދި, އެއަށްފަހު އަނެއްކާ ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީން ވެއްދި އެވެ.
އޮކްޓޯބަރު 29 އިން ފެށިގެން ނަގަން މަސައްކަތް ކުރަމުންދާ ވޯޓު ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ ނެގޭ ގޮތް ވެފައި ނުވެ އެވެ. މުޅި މަޖިލިސް އެ މަޖިލީހުގެ ގަވާއިދުގެ އެންމެ މާއްދާއެއްގެ ދަށުގައި ތާށިވެ އޮތީ ހުއްޓިފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ.
އެމްޑީޕީން އެދިފައިވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށް ޖަލްސާތައް ނުގެންގޮސްފައިވަނީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ފަސް ފަނޑިޔާރުންގެ ބެންޗުން ހުކުމް ކުރީ އީވާ ނެތް ހާލަތެއްގައި ގަވާއިދުގެ 44 ވަނަ މާއްދާއިން ކަނޑައަޅާ ފަސް މެމްބަރުންގެ ތެރެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.
އެއަށް ފަހު މަޖިލީހުގެ ކޮންމެ ޖަލްސާއަކަށް އެ ގަރާރު އެޖެންޑާ ކުރި ނަމަވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްގެންދިޔުމުގެ ފުރުސަތު އެއްވެސް ވަރަކަށް ދީފައި ނުވެ އެވެ.
އެގޮތުން, ފުރަތަމަ ޖަލްސާގައި ގަވާއިދުގައި ހިމެނޭ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ބުނެ ގަރާރު ބޭރުކޮށްލި އެވެ. އޭރު ރިޔާސަތުގައި އިންނެވީ ނަޝީދުގެ އަރިސް މެމްބަރެއް ކަމަށްވާ ވިލުފުށީ ދާއިރާގެ ހަސަން އަފީފެވެ. ދެވަނަ ޖަލްސާގައި ގަރާރު ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމެވީ ނަޝީދުގެ ކޮއްކޯފުޅު އީވާ އެވެ. އެ ދެ ނިންމުން ވެސް ގޯސް ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވަނީ ވިދާޅުވެފަ އެވެ.
ނޮވެމްބަރު 13, ގައި ވެސް އެ ގަރާރު އެޖެންޑާކޮށް ދެ ޖަލްސާއެއް ބާއްވަފައިވެ އެވެ. ހެނދުނު ބޭއްވި ޖަލްސާގައި އީވާ ރިޔާސަތުގައި އިންނެވިއިރު މަޖިލީހުގެ ނިޒާމެއް ނެތް ކަމަށް ވިދާޅުވެ ޖަލްސާ އޮތީ މެދުކަނޑާލާފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނަމަ ރިޔާސަތުގައި އީވާ އާއި އަފީފަށް ނީނދެވޭނެ ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން އޮތީ މަޖިލިސް އިދާރާއަށް ލަފާ ދީފަ އެވެ. އެ ލަފައަށް އަމީންއާންމު އަމަލުކުރުން މަޖުބޫރެއް ނޫނެވެ. އެމްޑީޕީ މެމްބަރުން ބުނަމުންދިޔައީ 44 ވަނަ މާއްދާގައިވާ ގޮތުން ރިޔާސަތުގައި އިންނަވަން ޖެހޭނީ މަރަދޫ މެމްބަރު ޝަރީފް ކަމަށެވެ.
އެ ޖަލްސާ ނިންމާލުމާ އެކު އަނެއްކާ 16:00 އަށް ޖަލްސާއެއް ތާވަލުކުރި އެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ އެ ޖަލްސާގަ އެވެ. ނަޝީދުގެ އިސްތިއުފާގެ މައްސަލަ މަޖިލީހަށް ވެއްވި ހިސާބުން މަޖިލީހުގެ މަސައްކަތްތައް އެއްކޮށް އޮތީ ހުއްޓިފަ އެވެ.
Comment