Advertisement

ވޮލީ އެސޯސިއޭޝަންގެ އޭޖީއެމް ސްޕޯޓްސް ކޮމިޝަނަރު ބަލައެއްނުގަތް!

17 ނޮވެންބަރު 2023 - 10:01 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ނޫސްވެރިންނާ ވާހަކަދައްކަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވޮލީ އެސޯސިއޭޝަންގެ އޭޖީއެމް ސްޕޯޓްސް ކޮމިޝަނަރު ބަލައެއްނުގަތް!

17 ނޮވެންބަރު 2023 - 10:01 0

މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަހަރީ އާންމު ޖަލްސާ ބަލައިނުގަންނަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމައިފި އެވެ.

ތިން އަހަރަށް ފަހު ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި އެސޯސިއޭޝަނުގެ އިންތިޚާބުގައި ވޯޓުލާ އުސޫލަށް ބަދަލު ގެނައުމާއި، އެސޯސިއޭޝަންގެ ވޯޓުލެވޭ މެންބަރުން ކަނޑައެޅުމާއި، އެސޯސިއޭޝަންގެ ބަޖެޓު އަދި އަހަރީ ރިޕޯޓް ފާސްކުރުން ވެސް އޮތެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ވީއޭއެމުގެ ފުރިހަމަ މެންބަރު ކުލަބުތައް ކަނޑައަޅާ އުސޫލަށް ގެނައި ބަދަލެވެ. އެ ގޮތުން ފުރިހަމަ މެންބަރުކަމަށް ޝަރުތު ހަމަވާ ހަތް ކުލަބުގެ ބަދަލުގައި 16 ކުލަބަކަށް ފުރިހަމަ މެމްބަރުކަންދޭން މި ޖަލްސާގައި ވަނީ ނިންމައިފަ އެވެ. އެއީ، މިދިޔަ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު މުބާރާތްތަކުގައި ބައިވެރިވި ކްލަބްތައް ކަނޑައެޅުމުގައި، ދަތިތަކެއް ހުރެ، އެސޯސިއޭޝަނުން މެމްބަރު ކްލަބްތައް ކަމަށް ކަނޑައެޅި ކްލަބްތަކުން ހުރިހާ ކްލަބަކަށް މެމްބަރުކަން ދޭން ތާއީދުކުރުމުން ނިންމި ގޮތެކެެވެ.

އޭގެ ފަހުން، މިރޭ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އޮތީ ނިންމައިފަ އެވެ.

ނަމަވެސް އިއްޔެ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ނޮވެމްބަރު ތިނެއްގައި ބޭއްވި އޭޖީއެމް އަކީ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދާއި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އެއްގޮތަށް ބޭއްވިފައިވާ ޖަލްސާއެއް ނޫންކަމަށް ބުނެފަ އެވެ.

އެކްޓިން ކޮމިޝަނާ އޮފް ސްޕޯޓްސް އައިޝަތު ސަމާހު ސޮއިކުރައްވާ ވީއޭއެމް އަށް ފޮނުވާފައިވާ ސިޓީގައި މައިގަނޑު ފަސް ކަމެއް ވަނީ ފާހަގަކުރައްވާފަ އެވެ. އެއީ ވީއޭއެމްގެ މެމްބަރުން ކަނޑައެޅުމުގައި ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާއިން އަމަލުކޮށްފައިވާ ގޮތާއި، ވީއޭއެމުން އޭޖީއެމްގައި އަމަލުކޮށްފައިވާ ގޮތާއި، ހިންގާ ކޮމިޓީގެ ދައުރާއި، އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ އިތުރުން ފާސްކުރަން ހުށަހެޅި ހިންގާ ގަވާއިދުގައި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދާއި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފު ކަންތައްތަކެއް ފާހަގަވެފައިވާކަމަށެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނޮވެމްބަރު ތިނެއްގައި ބޭއްވި އޭޖީއެމްއާ ގުޅޭގޮތުން އެއްވެސް ކުލަބަކުން މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށާއި، އޭޖީއެމްގައި ވެސް ކުލަބަކުން މައްސަލައެއް ފާހަގަކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޓީގައި ހުރި ކަންކަން އަޅުގަނޑުމެން މި އަންނަނީ ބަލަމުން. އެއްވެސް ކުލަބަކުން އޭޖީއެމްއާ ގުޅޭގޮތުން މައްސަލައެއް ނުޖައްސާ" ރަނޭޝް "އަދަދު" އަށް ވިދާޅުވި އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިމިވަނީ މިދިޔަ އަހަރުތަކުގައި ގަވާއިދާ އެއްގޮތަށް އަހަރީ ޖަލްސާ ބާއްވާފައިނުވާތީ، ލިޔެކިޔުން ހަމަނުވެގެން އުވާލާން އިއުލާންކުރި ޖަމިއްޔާތަކުގެ ތެރޭގައިވެސް ވީއޭއެމް މިއަހަރު ހިމަނާފައިވަނިކޮށެވެ.

އަހަރީ އާންމު ޖަލްސާގައި ފާސްކުރެވުނު ކަންތައްތަކާ އެކު އެ އިދާރާއިން އައީ އާ ހިންގާގަވާއިދުގައި ބުނެފައިވާ އެކްސްކޯގެ މަގާމުތަކަށް މީހުން އައްޔަނުކުރަން އާ އިންތިހާބެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މަގާމްތަކަށް ވާދަކުރަން ހުޅުވާ ނުލި ނަމަވެސް ކުލަބުތަކުގެ އެދުމަށް އިންތިހާބު އަވަސްކުރުމަށް ވީއޭއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަންނަނީ ތުހުމަތު ކުރެވެމުންނެވެ.