17 ނޮވެންބަރު 2023 - 19:43 0
މުހައްމަދު އުޝާމް
17 ނޮވެންބަރު 2023 - 19:43 0
އާ ރިޔާސީ ދައުރާއެކު، އަށްވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަ މެންބަރަކު މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
އާ ސަރުކާރާ ގުޅިވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ ތެރެއިން އެއް މެންބަރަކީ ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ހުސައިން މުހައްމަދު ލަތީފެވެ. ނަވާރަވަނަ މަޖިލީހުގައި އެމަނިކުފާނު ތަމްސީލް ކުރެއްވީ ފަރެސްމާތޮޑާ ދާއިރާ އެވެ. އެ ގޮނޑި ހުސައިން ދޫކޮށްލެއްވީ ދެ ދައުރު ތަމްސީލް ކުރެއްވުމަށް ފަހު އެވެ.
ދެން އިސްތިއުފާ ދެއްވި މެންބަރުންގެ ތެރެއިން ވިލިމާލެ ދާއިރާގެ މެންބަރު ހަވާލުވަނީ އެޓާނީ ޖެނެރަލްގެ މަގާމަށެވެ. އުޝާމް ވަނީ މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވައިފަ އެވެ. އެ އޮފީހުގެ ޑެޕިއުޓީގެ މަގާމު ވެސް ފުރައްވައިފަ އެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އައްޔަން ކުރައްވަނީ ފިޝަރީޒް މިނިސްޓަރު ކަމާ އެވެ. ޝިޔާމް ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ ދެވަނަ ދައުރެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އައްޔަން ކުރައްވަނީ ލޯގަލް ގަވަނަންސް މިނިސްޓަރު ކަމަށެވެ. ތައުލީމީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުންނެވި އާދަމް ޝަރީފު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވައިފަ އެވެ.
ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހަވާލު ވަނީ ޑިފެންސް މިނިސްޓަރު ކަމަށެވެ. މީގެ ކުރިން ޔާމީނުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެވެ. ޣައްސާނަކީ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލެކެވެ.
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރުގެ މަގާމަށެެވެ. ޔާމީނުގެ ވެރިކަމުގައި ވެސް ސައީދު ހުންނެވީ އެ ވުޒާރާއާ ހަވާލުވެވަޑައިގަތެވެ.
މިއާއެކު މަޖިލީހުގައި ތިއްބަވާނީ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ފަސް މެންބަރެކެވެ.
އެއީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި, މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގުގެ އިތުރުން މި ފަހުން ގުޅިވަޑައިގެންނެވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް، އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment