Advertisement

ހައި ކޯޓު ފަނޑިޔާރު ކަމަށް ޖޭއެސްސީން އިސްތިއުފާ ދެއްވި މާނިއު އައްޔަނު ކޮށްފި

16 ނޮވެންބަރު 2023 - 16:31 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖޭއެއެސްސީގެ ހުވާ މާނިއު ކުރައްވަނީ. އޭނާ އެ ކޮމިޝަނުގައި ތަމްސީލު ކުރެއްވީ ގާނޫނީ ވަކީލުން --- ފޮޓޯ: ރައީސް އޮފީސް


ހައި ކޯޓު ފަނޑިޔާރު ކަމަށް ޖޭއެސްސީން އިސްތިއުފާ ދެއްވި މާނިއު އައްޔަނު ކޮށްފި

16 ނޮވެންބަރު 2023 - 16:31 1

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުން މި ފަހުން އިސްތިއުފާ ދެއްވި ގާނޫނީ ވަކީލު އަބްދުލްމާނިއު ހުސައިން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކޮށްފި އެވެ.

ހއ.އިހަވަންދޫ، އަންބަރީގެ، މާނިއު ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމީ، ކޮމިޝަނަށް ލަފާދޭ ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށް ފަހު، ކޮމިޝަނަށް ދީފައިވާ ލަފައާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށް ފަހު އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފަ އެވެ.

ހައި ކޯޓުގައި ފަނޑިޔާރު ގޮނޑިއެއް ހުސްވީ، ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔާ ކުރެއްވުމުންނެވެ. ހައި ކޯޓު ފަނޑިޔާރު ކަމަށް ޝަކީލް އައްޔަން ކުރެއްވީ މި އަހަރު މާޗު މަހުގަ އެވެ. އޭނާ ރިޓަޔާ ކުރައްވަނީ ސިއްހީ ސަބަބަކާ ގުޅިގެނެވެ.

ހައި ކޯޓުގައި ހުސްވި ފަނޑިޔާރު ކަމުގެ މަގާމަށް މާނިއު އައްޔަން ކުރަން ކޮމިޝަނުން ނިންމާފައި މި ވަނީ، އެ މަގާމަށް މާނިއު ހިމެނޭހެން ޖުމުލަ ހަ މީހަކު ކުރިމަތިލާފައި ވަނިކޮށެވެ. ކޮމިޝަނުގެ އުސޫލުގައިވާ ގޮތުގެ މަތިން އެންމެނާ އެކު އިންޓަވިއު މަރުހަލާ ގެންގޮސްފައިވެ އެވެ.

މާނިއު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރެއްވީ ޖުލައި 31، 2019 ގައެވެ. އޭނާއަކީ ކޮމިޝަނުގައި އިންނަވާ ގާނޫނީ ވަކީލުން ތަމްސީލް ކުރެއްވި މެންބަރެވެ.

ޖޭއެސްސީގައި އިންނަވާ ގާނޫނީ ވަކީލުންގެ މެންބަރަކީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެކެވެ. މާނިއު ވެސް އެ މަގާމަށް އިންތިހާބުވީ އިތުރު ހަތަރު ވަކީލުންނާ ވާދަކުރައްވައިގެންނެވެ.

މާނިއު އިންތިހާބުވީ 199 ވަކީލުންގެ ވޯޓުންނެވެ. 1،400 އެއްހާ ވަކީލުންނަށް ވޯޓު ލެވޭ އެ އިންތިހާބުގައި ވޯޓު ދިނީ 404 ވަކީލުންނެވެ.

ވިލާ ކޮލެޖުން ޝަރީއާ އެންޑް ލޯއިން މާސްޓާސް ހާސިލްކުރައްވާފައިވާ މާނިއުއަކީ ގާނޫނީ ވަކީލު ކަމުގެ ދާއިރާގައި ނުވަ އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަން ނިންމާފައި މި ވަނީ، އެ ކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާއެއް ވެސް ހުށަހަޅާފައިވަނިކޮށެވެ. އޭގައި ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، އެ މަސައްކަތް ހުއްޓާލުމަށް އެދިފައިވީ ނަމަވެސް ކޮމިޝަނުން އެފަދަ ނިންމުމެއް ނިންމާފައެއް ނުވެ އެވެ.