16 ނޮވެންބަރު 2023 - 12:47 0
މަރިޔަމް އަފާ ނިޒާމް
އާރްޓީއެލް ފެރީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
16 ނޮވެންބަރު 2023 - 12:47 0
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީތަކުގައި ދަތުރުކުރާ 68 ޕަސެންޓު މީހުން ދަތުރުކުރަނީ ސިއްހީ ބޭނުންތަކަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާ ކުރިއަށްގެންދިޔައީ ހއ. ހދ އަދި ށ. އަތޮޅުގެ ރައްޔިތުންގެ މެދުގަ އެވެ. އޭގައި ވަނީ އާރްޓީއެލްގެ ސަބަބުން މުޖުތަމައުއަށް އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރަމުންދާ އަސަރުތައް ދެނެގަނެފަ އެވެ. އޭގެ ހޯދުންތަކުން އެނގޭ ގޮތުގައި އާރްޓީއެލް ހިދުމަތް ބޭނުންކުރާ ގިނަ މީހުންނަކީ ސިއްހީ ފަރުވާ ހޯދުމަށް އެހެން ރަށްތަކަށް ދަތުރުކުރާ މީހުންނެވެ.
އެގޮތުން, އާރްޓީއެލް ފެރީގެ ނިޒާމާއެކު ސިއްހީ ހިދުމަތް ހޯދުމަށް ފަސޭހަވެއްޖެކަ މަށް މި ތިން އަތޮޅުގެ 94 ޕަސެންޓު މީހުން ގަބޫލުކުރާ ކަމަށް މި ދިރާސާއިން ދައްކަ އެވެ. އަދި ފެރީތަކުގައި ދަތުރުކުރާ 68 ޕަސެންޓު މީހުން ދަތުރުކުރަނީ ވެސް ސިއްހީ ހިދުމަތް ހޯދުމަށެވެ. އެންމެ ގިނައިން މީހުން ދަތުރުކޮށްފައިވާ ރަށުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ އެވެ.
ސިއްހީ ހިދުމަތުގެ އިތުރުން ޗުއްޓީ އަދި ކައިރި ރަށްތަކުގައި ދިރިއުޅޭ އާއިލާގެ މީހުންނަށް ޒިޔާރާތްކުރުމަށް ދަތުރުކުރުމަށް ވެސް މި ތިން އަތޮޅުތަކުގެ މީހުން އާރްޓީއެލް ފެރީގެ ހިދުމަތް ބޭނުންކުރެ އެވެ.
ދިރާސާއިން ދައްކާ ގޮތުގައި ފާއިތުވެދިޔަ ތިން މަހުގެ ތެރޭގައި މި ތިން އަތޮޅުގައި ދަތުރުކުރުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އާރްޓީއެލް ފެރީ އެވެ. އެގޮތުން 83 ޕަސެންޓު މީހުން ބޭނުންކުރީ ފެރީގެ ހިދުމަތެވެ.
މީގެ އިތުރުން އާރްޓީއެލް ފެރީގެ ހިދުމަތާއެކު މި ތިން އަތޮޅުގެ ގޭބީސީތަކުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ކުރާ ހަރަދު ދަށް ވެފައިވާކަން މި ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ކޮންމެ ގޭބީސީއަކުން މަހަކު އެވަރެޖްކޮށް 800ރ. ސަލާމަތްކުރެވޭނެ އެވެ. އަހަރަކަށް ބަލާނަމަ މި އަދަދު 9،600ރ. އަށް އަރަ އެވެ.
އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑު ސިޓީގަ އެވެ.
Comment