16 ނޮވެންބަރު 2023 - 09:22 0
މުހައްމަދު އުޝާމް
16 ނޮވެންބަރު 2023 - 09:22 0
މުޖުތަމައެއްގެ އެންމެ ބޮޑު އެއް މުޖުރިމުންނަކީ ހިޔާނާތްތެރީންނެވެ. ބާރުތަކާއެކު ހަވާލުކުރި ޒިންމާއަށް ހިޔާނާތްތެރިވާ މީހުންނެވެ. ގޭބިސީތަކުން ދައުލަތަށް ދައްކާ ފައިސާއަށް ހިޔާނާތްތެރިވާ މީހުނެވެ. ދައުލަތުގައި ހުރި އަގުހުރި މުދާތަކާއި ގުދުރަތީ ވަސީލްތަތަކުން ނުހައްގު މުއްސަނދި ކަން ހޯދައިގެން އުޅޭ މީހުނެވެ.
މިފަދަ ކުށެއްގެ މޭސްތިރިންނަށް އާންމުކޮށް ތިބޭނީ ސިޔާސީ ވެރީންނެވެ. އެ ފުރުސަތާއި ޖާގަ ވެސް ލިބެނީ އެ ވެރިންނަށެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ފަޅުތަކާއި ރަށްތައް ބޭނުންކޮށް ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ "މުގުލުގައި" ތިބީ ސިޔާސީ ގޮތުން އޭރު ބާރުގަދަ ބަޔެކެވެ.
އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އޭރު ޓުއަރިޒަމް މިނިސްޓަރު ކަމާއި ފަހުން ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި އަހުމަދު އަދީބަކީ ކުށަށް އިއުތިރާފުވެފައިވާ ތިއްބެވި ހަމައެކަނި ބޭފުޅުންނެވެ. ދެން، އޭގެ ބޮޑު ތުހުމަތެއް އޮތް އަނެއް ބޭފުޅަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.
މީގެ ފަސް އަހަރު ކުރި އެވެ. ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިން ވޯޓަކީ ދައުލަތަށް ގެއްލުނު ބިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދުމަށް ދިން ވޯޓެކެވެ. ބޭނުމަކީ އެ ފައިސާއިން، މަޑު ދުވެލީގައިވާ ތަރައްގީއަށް ކުރިއެރުންތަކެއް ހޯދައިދިނުމެވެ. ރާއްޖޭގެ މުއައްސަސާތަކުގެ ވަސީލަތްތައް ވަރުގަދަކޮށް، ދިވެހިންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިދޭނެ ސިޔާސަތުތަކެއް ތަންފީޒު ކުރުމެވެ.
ފަސް އަހަރު ފަހެވެ. ރިޔާސީ އިންތިހާބުން ސޯލިހު ނާކާމިޔާބުވެފައިވަނިކޮށް، މި ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މޭސްތިރިން މިނިވަންވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ "މުތުލަގު" ބާރުގެ ދަށުން އަދަބަށް ލުއި ދެއްވުމުންނެވެ. އާންމު ފިކުރެއްގައި ތިބި އެތައް ހާސް އާންމުން މާޔޫސްކޮށްލައިފަ އެވެ.
"2018 ގައި، ފަސް ގަޑިއިރު ކޮޅަށް ހުރެ، އުމުރުގެ ފުރަތަމަ ވޯޓު ލީ، ގައުމުގެ ބައިތުލްމާލަށް އިންސާފު ހޯދަން، ފުއްގިރި މީހުން ކޭކު އަޅައި ކޭކު ކައި ވެސް ފި، 2023 ގައި މަ ވޯޓު ނުދިން ކަން ރަނގަޅު،" ފަސް އަހަރު ކުރިން ކުރެވުނު އުންމީދާއި އިތުބާރު ގެއްލުމުން ޒުވާނަކު އެކްސްގައި ލިޔެފައިވެ އެވެ.
ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް ކުރަން ޖެހޭ "ބޮޑު ހަރަދަށް" އޭރު ފައިސާ ހޯދި "ބިޒްނަލް މޮޑެލް" އަކީ މި ހިޔާނާތެވެ. މި ހިޔާނާތުން ދައުލަތަށް ލިބުނު ގެއްލުން ބޮޑެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ހަތިޔާރަކީ ވެސް މިއީ އެވެ.
"އެ ފައިސާއާއި އައިޖީއެމްއެޗްގައި ހެދި އާ އިމާރާތަށް ކުރި އިތުރު ހޭދައަށް އެކަނި ބެލިކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެބަ ހެދޭ ހުޅުމާލޭގެ ތިން ހުޅުމާލެ، 14،000 މީހުންގެ ބޯހިޔާވަހިކަން އެބަ ފޯރުކޮށްދޭ، 34 ބަނދަރު އެބަ ހެދޭ، 15 އެއާޕޯޓު އެބަ ހެދޭ،" ރައީސް ސޯލިހު އޭރު ވިދާޅުވެފައިވެ އެވެ.
އެކަމަކު ފަސް އަހަރު ފަހުން، ކަންކަން އަދި މާ ގޯހެވެ. ދައުލަތަށް ހޯދުނު ފައިސާއެއް ނެތެވެ. ހަމައެކަނި ވަކި ވެރިޔަކަށް އެކަނި ޖެހި ހުކުމުން، މި ހިޔާނާތުގެ ފަސްފަހަތުގެ މަންޒަރު ވެސް ދެން ސާފުކޮށްނުދެވޭނެ އެވެ. އިންސާފާއި އަދުލުން އެކަން ހާސިލްކޮށްދެވޭނެ، އިތުބާރު ހުރި އިހުލާސްތެރި ވެރިޔަކު ވެސް ނެތެވެ.
ހަމައެކަނި ޔާމީނަށް ފިޔަވަޅެއް އެޅުމަކީ، އެމަނިކުފާނަށް އެކަނި އަމާޒުކޮށް ކުރެވުނު ކަމެއް ގޮތުގައި ދެކުމަށް ދެވުނު ޖާގައެކެވެ. އޭގެ އަނެއް ނަތީޖާއަކީ، ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް އޮތް ޔާމީން މިނިވަންކުރުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވުމެވެ.
ޔާމީނަށް މައާފު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ "މުތުލަގު ބާރުން" މުއިއްޒަށް ވެސް ކުރެވެން އޮތް ކަމެކެވެ. އިސްތިއުނާފުގެ ފުރުސަތުތަކުން ކުރި ނުލިބިއްޖެނަމަ ބޭނުންކުރެވިދާނެ އުކުޅެކެވެ. މުއިއްޒުގެ ސިޔާސީ ހަޔާތުގެ އުސްތާޒު، ޔާމީން މިނިވަން ކުރުމަކީ، އެމަނިކުފާނަށް މި ވަގުތު އޮތް އިހުތިޔާރެއް ކަމަކަށް ވެސް ނުބެލެވެ އެވެ. އެކަން މަޖުބޫރު ކަމެއްގެ ދަރަޖައިގަ އެވެ.
ދެން ވެސް ފެންނަން އޮތީ އަނެއްކާ ހަމަ މި ޒާތުގެ ކަމެއް ހެއްޔެވެ؟ މި ހުޅުވައި ދިނީ ނުބައި ދޮރެއް ނޫންތޯ އެވެ.
ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަ ބާގަނޑުތަކެއް އެބަ ހުއްޓެވެ.
ފުލުހުންގެ ތަހުގީގުގައި ތަކުރާރުވާ ގޯސްތައް ވަކި މަދެއް ނޫނެވެ. ޕްރޮސެކިއުޓް ކުރުމުގެ މަރުހަލާގައި ވެސް އުނި ކަންކަން އެބަ ހުއްޓެވެ. ޖުޑިޝަރީގެ އިދާރީ ދުވެލި ވެސް މަޑެވެ. ޖަލުތަކުގައި ހިންގާ އިސްލާހު ކުރުމުގެ ޕްރޮގްރާމްތަކުން ވެސް ނަތީޖާއެއް ނުފެނެ އެވެ.
ފުލުހުންނާއި، ޕްރޮސެކިއުޓަރުންނާއި، ޖުޑިޝަރީ ގުޅިގެން އެތައް މަސައްކަތެއް ކުރި ނަމަވެސް މައްސަލައެއް ނިމެން ވަގުތު ނަގަ އެވެ. އަދި އެއިން ކުށް ސާބިތުވެގެން ދަނީ ވެސް މަދު މައްސަލައެއްގަ އެވެ. ދެން އޮތީ ޖަލުތަކެވެ. ހުކުމް ތަންފީޒުކޮށް ނިމިގެން ދޫކޮށްލާ މީހުން ވެސް ކުށް ތަކުރާރު ކުރާ ނިސްބަތް ވަކި މަދެއް ނޫނެވެ. މިއިން ކަމަކަށް މާ ބޮޑު ދިރާސާތަކެއް ވެސް ހެދިފައެއް ނުހުރެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމު މިހާ ނާޒުކުކޮށް އޮތް މުޖުތަމައެއްގައި، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުން، މާ ހަރުދަނާ އުސޫލެއް ނެތި ބޮޑެތި ކުށްވެރިން ދޫކޮށްލުމަކީ އަދި މާ ބޮޑު ގޯހެކެވެ.
"އަދީބާއި ޒިޔަތުގެ ވާހަކަ ބާއްވަމާ، އަނަސްގެ މަރުގެ މައްސަލައެއްގައި ހިމެނޭ މީހަކު ވެސް ދޫކޮށްލައިފި، މިއަށް ވުރެ އަދި މާ ސީރިއަސް ކަމެއްތާ އެއީ،" ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް، މިހެން ދޫކޮށްލާ ކުށްވެރިން ގިނަ ކަން ވެސް އެއީ ހާމައަށް ފެންނަން އޮތް ހަގީގަތެކެވެ. ޖިނާއީ ބޮޑެތި ކުށްތަކުން ފެށިގެން، ކުދިކުދި ކުށް ކޮށްފައި ތިބޭ މީހުން މި އިންތިހާބާއި 2018 ގެ އިންތިހާބާ ދިމާކޮށް ވެސް ދޫކޮށްލާފައި އެބަ ހުއްޓެވެ.
ވެރިމީހާއަށް ހުރިހާ ބާރެއް ދޫކޮށްލާފައި އޮންނަ ހުދުހުމުހުތާރު ނިޒާމަކުން ބާރުތައް ބަހާލައި ޖަވާބުދާރީކުރެވޭ ގޮތަށް ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމުގެ އެއް ބޭނުމަކީ ވެސް ސިޔާސީ މިފަދަ ނަހަމަ ކަންކަން ކުރަން ފުރުސަތު ނުދިނުމެވެ. ފެހި ގާނޫނު އަސާސީގެ ޖީލުގައި ވެސް މި ފެންނަނީ ކުރީ ޖީލުގެ އާދަ އެވެ.
"އަޅުގަނޑުމެން ޖީލު ބޮޑުވީ، ޖުމްހޫރީ ދުވަހާއި ޖުލައިން ސައްބީހާ ގުޅުވައިގެން އަފޫ އާންމެއްގައި އަޅައިގަންނަ ވާހަކަ އަޑުއަހަމުންނެވެ،" ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ އެ އާދަތަކާއި ސިފަތައް އެއްގޮތްކަން ދޭހަކޮށްދެއްވަމުން ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައި ވެ އެވެ.
ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ކްލެމެންސީގެ އުސޫލުތަކެއް ހަމަޖައްސައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ވެސް ރައީސުލްޖުމްހޫރިއްޔާއަށް މާ ފުޅާ ބާރުތަކެއް ދީފަ އެވެ.
"މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބެ އެވެ." މާ ގިނަ ތަފުސީލުތަކެއް ނެތް ނަމަވެސް މި އިބާރާތުން ޝަމީމް ލިޔުއްވާފައި ވެ އެވެ.
ޝަމީމްގެ ހިޔާލަށް މުހުތާޒު ވެސް އެއްބަހެވެ. އޭނާ ވިދާޅުވީ ގާނޫނުގައި ޝަރުތުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް ގާނޫނުގެ މާއްދާތަކުން ރައީސަށް ލިބިދޭ ބާރުތަކުގެ ތެރެއިން ޝަރުތުތައް ފަހަނައަޅައި ގޮސް ވެސް މާފު ދެވޭނެ އެތައް މާއްދާއެއް އެބަ ހިމެނެ އެވެ.
"ކްލެމެންސީގެ ގާނޫނުގައި ވަރަށް ފުޅާކޮށް އެ ބާރު އެ އޮތީ، ގާނޫނުގެ އެއް ބައިގައި ޝަރުތުތަކެއް އެބަ އޮވޭ، އެކަމަކު ގާނޫނުގެ އަނެއް ބައިގައި އެ ޝަރުތުތައް ބައިޕާސްކޮށްފައި ވެސް އެބަ ދެވޭ،" މިހާރު ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުހުތާޒު ވިދާޅުވި އެވެ.
ގާނޫނުގައި މައާފު ނުދެވޭނެ ކުށްތަކެއް ވެސް ކަނޑައަޅާފައި ވެ އެވެ. މީހުން މެރުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްކުށާއި، ޓެރަރިޒަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި، ރޭޕް ފަދަ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ހިމެނެ އެވެ.
އޭގެ ތެރެއިން މަރުގެ މައްސަލަތަކުގައި، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދިނުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އެބަ އޮވެ އެވެ.
މައާފު ދިނުމަށާއި އަދަބު ލުއިކޮށްދިނުމަށް ކަނޑައެޅިފައި އޮންނަ އުސޫލަކީ ކްލެމެންސީ ބޯޑަކަށް ހުށަހަޅައިގެން ގެންދިޔުމެވެ. ކްލެމެންސީ ބޯޑަށް ވެސް މެންބަރުން އައްޔަންކޮށް ވަކި ކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ބޯޑުން އަރުވާ ލަފައަކަށް އަމަލު ނުކުރުމުގެ އިހުތިޔާރު ވެސް ލިބެ އެވެ.
މިހެންވުމުން ގާނޫނުން ލިބިދޭ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރަން ފުރުސަތު އެބަ އޮތެވެ. "އިމެއް، ހަމައެއް ނެތި" މުތުލަގު ބާރެކޭ ބުނުމަށް ޖާގަ ލިބިދޭ ވަރަށެވެ.
(ހ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ހުށަހެޅި އިލްތިމާސަކާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަކިގޮތަކަށް އަމަލުކުރުމަށް ފެންނަކަމަށް، ބޯޑުން ލަފާ ދިނުމުން، އެ ދިން ލަފަޔާއެއްގޮތަށް އަމަލުކުރުމާއި ނުކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ. (ށ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ހުށަހެޅި އިލްތިމާސަކާ ގުޅޭގޮތުން، ބޯޑުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިންގޮތަށް އަމަލު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފި ހިނދެއްގައި، އެގޮތަށް ކަނޑައެޅި ސަބަބު ރައީސުލްޖުމްހޫރިއްޔާ ބޯޑަށް ލިޔުމުން އަންގަން ވާނެ އެވެ.
ކޮންމެ ސުލޫކެއް ގާނޫނެއްގައި ލިޔާކަށް ވެސް ނުޖެހެ އެވެ. އެކަމަކު ގާނޫނުތަކެއް އެކަށައެޅުމުގެ ހިޔާލާތު އުފަންވީ ވެސް މުޖުތަމައެއްގެ އެއް ބަޔަކު ހަމަ ދޫކޮށްލާތީ، ވަކި ތަރަހައެއްގެ ތެރޭގައި މުޅި މުޖުތަމައު ބޭއްވުމުގެ ތަސައްވުރުގަ އެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަނީ ކްލެމެންސީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާތީވެ އެ ފުރުސަތު ނުދެވޭނެ ގޮތަކަށް އިޖުރާއަތްތަކެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު އޭގައި ކަނޑައެޅޭނެ އިމަކީ ކޮބައި ހެއްޔެވެ؟
މި ވަގުތު ޕްރޮސެކިއުޝަން ލީޑުކުރައްވަން ހުންނެވި ޝަމީމް ހުށަހަޅުއްވާ ހައްލަކީ ކްލެމެންސީ ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ކުރުމުގެ އުސޫލު އުވާލުމެވެ. ނޫނީ މިހާރު ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށް ބަޔާންކުރާ ނިސްބަތް ކުޑަ ކުރުމަށެވެ.
މިހާރު އޮންނަނީ ފައިސާ ދައްކަން ޖެހޭ އަދަބުތައް ފިޔަވައި އެހެން އަދަބެއް، ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކުރަން ޖެހޭ ކަމަށެވެ. ޝަމީމްގެ ނަޒަރުގައި އެ ނިސްބަތް މާ ކުޑަ އެވެ. އޭނާ ހުށަހަޅުއްވަނީ ހަތަރުބައިކުޅަ ތިންބަޔަށް ނިސްބަތް ބޮޑު ކުރުމަށެވެ.
"އަޅުގަނޑަށް ފެންނަނީ ކްލެމެންސީގެ އުސޫލު އުވާލަށެވެ. ނަމަވެސް، އެ ކަން ބާއްވާނަމަ، އެކަން އޮންނަންވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ. އޭރުން، 20 އަހަރުގެ ހުކުމެއްނަމަ، 15 އަހަރު ތަންފީޒު ކުރަން ޖެހޭނެ އެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.
ނަމަވެސް ކްލެމެންސީއަކީ އިންސާނީ ހައްގެކެވެ. އިންސާނީ ކަރާމާތްތެރިކަމުގެ ނަޒަރިއްޔާތަކުން، ދުނިޔޭގެ ކޮންމެ މުޖުތަމައެއްގައި ވެސް ބަލައިގެންފައިވާ ހަމައެކެވެ. ކުށެއް ކުރިޔަސް ދެވަނަ ފުރުސަތެއް ދިނުމާއި، ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި މީހާ އިސްލާހުކޮށް މުޖުތަމައަށް ފައިދާވާނެ މީހެއް ބިނާ ކުރުމެވެ.
"މިއުޅެނީކީ ކްލެމެންސީގެ މައްސަލައެއް ނޫން، ކްލެމެންސީ މިސްޔޫސް ކުރުމުގެ މައްސަލައެއް، ނަހަމަ ގޮތުގައި އޭގެ ބޭނުން ހިފުމުގެ މައްސަލައެއް، ދެން ސެލެކްޓިވް ޖަސްޓިސްގެ މައްސަލައެއް،" މި މައްސަލާގައި މުހުތާޒުގެ ރައުޔު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ހަނިކުރުމަށެވެ. އަދި ފަނޑިޔާރުންނަށް އިހުތިޔާރުތަކެއް އިތުރަށް ދެއްވުމަށެވެ.
"ކޯޓުން ހުކުމް ކުރާއިރު، ވަކި ބާވަތެއްގެ މައްސަލަތަކުގައި، ހާއްސަކޮށް ދައުލަތުގެ މަސްލަހަތު ބޮޑު މައްސަލަތައް، ކްލެމެންސީއަށް އެލިޖިބަލް ނޫން ކަމަށް ކަނޑައެޅޭ ގޮތަށް، ގާނޫނުގައި އޭގެ އިޖުރާއަތްތަކެއް ކަނޑައަޅައި ގާނޫނީ ފްރޭމްވޯކެއްގެ ތެރެއިން،" ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ މުހުތާޒު ވިދާޅުވި އެވެ.
މައާފު ދިނުމަކީ ސިޔާސީ ބޭނުމަކަށް އޮންނާނެ ކަމަކަށް ވެގެން ނުވާނެ އެވެ. ދައުލަތުގެ ޒިންމާދާރު ބޮޑު މަގާމެއްގައި ހުންނަވައިގެން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކޮށްފައި މިހާ ފަސޭހައިން ރެކެވޭނެ ގޮތަކަށް އުސޫލުތައް އޮވެގެން ނުވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް، މީހަކު ކުރާ ކުށަކަށް މައާފު ދިނުމަށް މި އޮތް ހަމައަކީ، ދީފައިވާ މުތުލަގު ބާރަކީ، މިހާރު ސިޔާސީ ކެމްޕެއިންތަކުގެ އުކުޅަކަށް ހެދުމުގެ ފުރުސަތު އޮތް ކަން އެއީ ސާފު ހަގީގަތެކެވެ. އޭރަށް މި އަށަގަތީ ހަމަ ހުދުމުހުތާރު ވެރިކަމުގެ އާދައެކެވެ. މި އާދަ ނައްތާލަން އެބަ ޖެހެ އެވެ.
Comment