Advertisement

ނައިބު ރައީސް "ވަޑައިގެން އުޅުއްވަނިކޮށް" މަޖިލީހުގެ ރިޔާސަތު ޝަރީފަށް، އީވާ އިހުތިޖާޖަށް

15 ނޮވެންބަރު 2023 - 13:38 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްުޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅީގައި އީވާއާ ރިޔާސަތު ހަވާލުނުކުރުމުން އިހުތިޖާޖްކުރައްވަނީ.


ނައިބު ރައީސް "ވަޑައިގެން އުޅުއްވަނިކޮށް" މަޖިލީހުގެ ރިޔާސަތު ޝަރީފަށް، އީވާ އިހުތިޖާޖަށް

15 ނޮވެންބަރު 2023 - 13:38 0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިގެން "މަޖިލީހުގައި އުޅުއްވަނިިކޮށް"، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާ ހަވާލުކުރުމުން، މަޖިލީހުގެ ތަޅުމުގައި އީވާ އިހުތިޖާޖު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން މެމްބަރަކު ޖަލްސާއެއްގެ ރިޔާސަތަށް ވަޑައިގަންނަވާނީ އެ ދެބޭފުޅުން ވެސް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގަ އެވެ. އެގޮތަށް ހަވާލުކުރާނެ މެމްބަރުން ކަނޑައަޅާނެ ގޮތް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮވެ އެވެ.

މިއަދުގެ ޖަލްސާގެ ފުރަތަމަ ހުސްވަގުތުކޮޅަށް ފަހު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާނުކުރެއްވީ ޖޭއެސްސީގެ ޖަލްސާއަކަށް އެމަނިކުފާނު ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ތަޅުމުގައި ވަޑައިގެން ނެތްކަން އިއުލާނުކުރެއްވުމަށް ފަހު، ރިޔާސަތު ބަލަހައްޓަވަން އަސްލަމް ހަވާލުކުރެއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފާ އެވެ.

މެމްބަރު ޝަރީފަކީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނާ އުސޫލުން ރިޔާާސަތު ބަލަހައްޓަވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. އެ އުސޫލުގައިވާ ގޮތުން، ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ރިޔާސަތު ހަވާލުކުރާނީ މަޖިލީހުގައި މެދުނުކެނޑި މަސައްކަތްކުރައްވާތާ އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރެއިން، ކަނޑައަޅާ މެމްބަރެކެވެ.

"މަޖިލީހުގެ ފްލޯގައި މަޖިލީހުގެ ނައިބު ރައީސް ނެތުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން، ބޭފުޅަކު ރިޔާސަތު ބަލަަހައްޓަވައިދެއްވުން އެދެން. އެގޮތުން މިވަގުތު ވަޑައިގެން އިންނެވި މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހީމް ޝަރީފު،" ޝަރީފާ ރިޔާސަތު ހަވާލުކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

ޝަރީފު ރިޔާސަތަށް ވަޑައިގެން ޖަލްސާ ފަށްޓަވައި މެމްބަރުންނަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އީވާ މަޖިލީހުގެ ތަޅުމަށް ވަޑައިގެން ފުރަތަމަ މަސައްކަތް ކުރެއްވީ "ނިޒާމާ ބެހޭ މައްސަލައެއް" ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވާށެވެ.

އެެ ފުރުސަތު ޝަރީފު ނުދެއްވުމުން، އީވާ ވަޑައިގެންނެވީ އެ ވަގުތު ވާހަކަ ދައްކަވަން ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމްގެ މޭޒު ކައިރިއަށެވެ. އެ ތަނަށް ވަޑައިގެން، އެ މޭޒުގައި ހުރި މައިކަށް އަޑު އަރާ ގޮތަށް އިހުތިޖާޖު ކުރައްވަން ފެށްޓެވި އެވެ.

"އަޅުގަނޑު މިތާ ހުއްޓާ އެހެން މީހަކާ ރިޔާސަތު ހަވާލުކުރާނެ ގޮތެއް ވިދާޅުވޭ," އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށް ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. އެ ހިސާބުން ރިޔާސަތުން ޝަރީފު ވިދާޅުވީ ޖަލްސާގެ ނިޒާމު ގެއްލިފައިވާތީ ވަގުތީ ގޮތުން މެދުކަނޑައިލާ ކަމަށެވެ.

ޖަލްސާ މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު އަސްލަމް ވަޑައިގެން ރިޔާސަތުގައި އިންނެވި އެވެ. ނިޒާމާ ބެހޭ މައްސަލައެެއް ކަމަށް ވިދާޅުވެ، އީވާ އެދިވަޑައިގެންނެވި "ނިޒާމާ ބެހޭ މައްސަލަ" ހުށަހަޅުއްވަން ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތުގައި އޭނާ ވިދާޅުވީ މެމްބަރު ޝަރީފު ރިޔާސަތު ބަލަހައްޓަވާ ގޮތަށް އަސްލަމް ނިންމެވީ އޭނާ ވަޑައިގެން މަޖިލީހުގައި އުޅުއްވަނިކޮށް ކަމަށާއި އެކަން އަސްލަމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އެއީ ނިޒާމާ ބެހޭ މައްސަލައެއް ، އެއީ އަޅުގަނޑު މިއަދު މަޖިލީހުގައި ހެނދުނު އަށްގަޑި ބައިން ފެށިގެން އުޅޭކަން ، އިއްޒަތްތެރި ރައީސް މަނިކުފާނަށް ރަނގަޅަށް އެނގިވަޑަައިގަންނަވާނެ،" އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ އެކަން "ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ބަލައި ނުގަންނަ" ކަމަށެވެ.