15 ނޮވެންބަރު 2023 - 11:21 0
މުހައްމަދު ޝަހްޒާން
އިސްލާމް މަޚާޗެވް ރާއްޖޭގެ ހުކުރު މިސްކިތު ގޯތި ތެރޭގައި ހުރެ ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: އިންސްޓަގުރާމް
15 ނޮވެންބަރު 2023 - 11:21 0
އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް، ޔޫއެފްސީ ލައިޓްވެއިޓް ޗެމްޕިއަން އިސްލާމް ރަމަޒަނޮވިޗް މަޚާޗެވް ރާއްޖެއަށް އައިސްފި އެވެ.
ރަޝިޔާގެ ދާގެސްތާނަށް އުފަން މަޚާޗެވް ރާއްޖެ އައިސްފައި ވަނީ ކޮން ބޭނުމެއްގައި ކަމެއް މިހައިތަނަށް އެނގިފައެއް ނުވެ އެވެ. އެނާ ވަނީ އިންސްޓަގުރާމްގެ ރަސްމީ އެކައުންޓުން ރާއްޖޭގައި ތިބި އޭނާގެ ރައްޓެހިންނާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި އޭނާއާ އެކު އެއް މޭޒެއްގައި އިން، މުހައްމަދު އިނާހު ވެސް ވަނީ އޭނާގެ އިސްޓަގުރާމުގައި މަޚާޗެވްއާ އެކު ހުކުރު މިސްކިތުގައި ހުރެ އިއްޔެ ނަގާފައިވާ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ.
އުަމުރުން އެންމެ ހަތް އަހަރުގައި މަޚާޗެވް ފުރަތަމަ ދަސްކުރީ ޓައިކްވޯންޑޯ އެވެ. އެއަށްފަހު މަޝްހޫރު މާޝަލް އާޓިސްޓު އަބޫބަކަރް ނޫމަގަމެޑޯވްއާ އެކު އެއް ސްކޫލެއްގައި ކިޔެވި ދުވަސްވަރު ޗައިނީސް ކިކްބޮކްސިންއަށް އޭނާ ހާއްސަވި އެވެ. ޔޫއެފްސީ ލައިޓްވެއިޓް ޗެމްޕިއަންކަމުގެ މަގާމު އެންމެ ގިނަ ދުވަހު ދިފާއު ކުރި، ޚަބީބް ނޫމަގަމެޑޯވްއާ މަޚާޗެވް ދިމާވީ އެތަނުންނެވެ.
މިކްސްޑު މާޝަލް އާޓްސްއަށް ހާއްސަވުމަށް ޚަބީބްގެ ބައްޕަ، އަބްދުލްމަނާޕް ނޫމަގަމެޑޯވްގެ ކޯޗު ކަމުގެ ދަށުން މަޚާޗެވް ޓުރެއިން ކުރަން ފެށީ މިކްސްޑު މާޝަލް އާޓްސް ޕްރޮފެޝަނަލަކަށް ޚަބީބް ވިކަން އެނގި އެކަމުން ހިތްވަރު ލިބިގެންނެވެ.
މަޚާޗެވް ވަނީ 2016 ވަނަ އަހަރު ދުނިޔޭގެ ކޮމްބެޓު ސަމްބޯ ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައިފަ އެވެ. ޔޫއެފްސީ ލައިޓްވެއިޓް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ގައި ޗާލްސް އޮލިވެއިރާ ބަލިކޮށްގެންނެވެ. އޭގެފަހުން ޔޫއެފްސީ ލައިޓްވެއިޓް ޗެމްޕިއަންގެ މަގާމު އޭނާ ވަނީ ދެފަހަރު ދިފާއު ކޮށްފަ އެވެ.
މާޝަލް އާޓްސްއަކީ ދިވެހިންގެ ތެރޭގައި މީގެ ކުރިން އެހައި މަގުބޫލުކަން ލިބިފައިވާ ކުޅިވަރެއް ނޫން ނަމަވެސް ބޮޑުވަމުން އަންނަ ޖީލުގެ މެދުގައި ފޯރިގަދަ ކުޅިވަރެކެވެ. ރާއްޖޭގައި މާޝަލް އާޓްސްގެ އެކި ވައްތަރުތަކަށް ހާއްސަ ޓުރެއިންނިން ދޭ އެކަޑެމީތައް ވެސް ހިންގަމުންދެ އެވެ.
Comment