Advertisement

ހުލާސާކޮށް އިއްޔެ: ނަޝީދު އިސްތިއުފާ ދެއްވުން އަދި މަޖިލީހުގެ އާ ރައީސްއަކަށް އަސްލަމް

14 ނޮވެންބަރު 2023 - 06:05 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މި މަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުޑަދަށުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހުލާސާކޮށް އިއްޔެ: ނަޝީދު އިސްތިއުފާ ދެއްވުން އަދި މަޖިލީހުގެ އާ ރައީސްއަކަށް އަސްލަމް

14 ނޮވެންބަރު 2023 - 06:05 0

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު އިއްޔެ އިސްތިއުފާ ދެއްްވުމުން، އެ މަޖިލީހުގެ އާ ރައީސްކަށް ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިހާބު ކުރި އެވެ.

"ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި, ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެންނެވެ. އެއް ފަރާތުން އަނެއް ފަރާތަށް އިހުތިރާމް ކުރުމާ އެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެންނެވެ. ސަބަބަކީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެތީ އެވެ." ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އިސްތިއުފާގެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީން މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވާނެ ގޮތަށް އަމަލުކުރަމުންދާ ކަމަށާއި ކޯޓަށް ގޮސް މެމްބަރުންނަށް ލިބިދީފައިވާ ބާރެއް ހަނިކޮށްފައިވާ ކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް މިމަގުން ގެންދާކަމީ ބޮޑު ހިތާމައެކެވެ. ދިވެހިންނަށް ވެވޭ ބޭއިންސާފެކެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި, މަޖިލީހުގެ ރައީސްކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން, މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ," އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

ހަމައެހެންމެ, އެމަނިކުފާނުގެ އިސްތިއުފާއަކީ ޑިމޮކްރަޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި, ނަޒާހަތްތެރިކަން އަލުން އާލާކުރަން އެހީތެރިވެދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

ބޮޑު ހައިޖާނަކަށް ފަހު ނަޝީދުގެ އިސްތިއުފާ

ދެ ފަހަރެއްގެ މަތިން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެމްޑީޕީން ހުށަހެޅި އެވެ. އެގޮތުން, މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް ސޮއި ހޯދަން ފެށިއިރު ނަޝީދު އަޑީގައި ހުންނަވައިގެން "ދަ ޑިމޮކްރަޓްސް" އުފެއްދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

އެ ކޯޅުމުގައި އެމްޑީޕީން ނަޝީދު ވަކިކުރުމުގެ މައްސަލަ ވެއްދީ 54 މެންބަރުންގެ ސޮޔާއެކު އެވެ. އެ ފަދަ މައްސަލައެއް ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދަށްވުރެ 10 މެންބަރުން އިތުރުކޮށެވެ. މިފަހަރު އެ މައްސަލަ ވެއްދީ 49 މެމްބަރުންގެ ސޮޔާ އެކު އެވެ.

ދެފަހަރު ވެސް އެ މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތު މަޖިލީހުގެ ނިޒާމުގެ ތެރެެއިން ނަޝީދު ދެއްވާފައި ނުވެ އެވެ. ފުރަތަމަ ފަހަރު މަޖިލީހުގެ އާންމު ކޮމިޓީތައް އެކުލަވާނުލެވޭ ކަމަށާއި, މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުން 'ޑެޑްލޮކް' އަކަށް ދިޔައީ ކަމަށް ވިދާޅުވެ މަޖިލީހުގެ މަސައްކަތް އޮތީ ހުއްޓުވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ބަލިވުމާ އެކު ދެވަނަ ބުރުގައި ޑެމޮކްރެޓްސްގެ ތާއީދު ހޯދުމުގެ ގޮތުން އެ މައްސަލަތައް އެމްޑީޕީން އަނބުރާ ނެގި އެވެ. އެއާއެކު, ކޮމިޓީތައް އެކުލަވާލައި މަޖިލީހުގެ މަސައްކަތްތައް ވެސް އަނެއްކާ ވެސް ފެށި އެވެ. ނަމަވެސް, ދެވަނަ ބުރުގައި ނަޝީދުގެ ޑެމޮކްރެޓްސްއިން އެމްޑީޕީއަށް ތާއީދު ކޮށްފައި ނުވެ އެވެ.

އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބޭނެކަން އިންތިހާބުގެ ނަތީޖާއިން ކަށަވަރުވުމާ އެކު ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރުމަށް މަޖިލީހުގެ ރިޔާސަތާ ހަވާލުވާން ޖެހޭ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވިދާޅުވި އެވެ. އަދި, އެއަށްފަހު އަނެއްކާ ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީން ވެއްދި އެވެ.

އޮކްޓޯބަރު 29 އިން ފެށިގެން ނަގަން މަސައްކަތް ކުރަމުންދާ ވޯޓު ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ ނެގޭ ގޮތް ވެފައި ނުވެ އެވެ. މުޅި މަޖިލިސް އެ މަޖިލީހުގެ ގަވާއިދުގެ އެންމެ މާއްދާއެއްގެ ދަށުގައި ތާށިވެ އޮތީ ހުއްޓިފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ.

އެމްޑީޕީން އެދިފައިވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށް ޖަލްސާތައް ނުގެންގޮސްފައިވަނީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ފަސް ފަނޑިޔާރުންގެ ބެންޗުން ހުކުމް ކުރީ އީވާ ނެތް ހާލަތެއްގައި ގަވާއިދުގެ 44 ވަނަ މާއްދާއިން ކަނޑައަޅާ ފަސް މެމްބަރުންގެ ތެރެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އެއަށް ފަހު މަޖިލީހުގެ ކޮންމެ ޖަލްސާއަކަށް އެ ގަރާރު އެޖެންޑާ ކުރި ނަމަވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްގެންދިޔުމުގެ ފުރުސަތު އެއްވެސް ވަރަކަށް ދީފައި ނުވެ އެވެ.

އެގޮތުން, ފުރަތަމަ ޖަލްސާގައި ގަވާއިދުގައި ހިމެނޭ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ބުނެ ގަރާރު ބޭރުކޮށްލި އެވެ. އޭރު ރިޔާސަތުގައި އިންނެވީ ނަޝީދުގެ އަރިސް މެމްބަރެއް ކަމަށްވާ ވިލުފުށީ ދާއިރާގެ ހަސަން އަފީފެވެ. ދެވަނަ ޖަލްސާގައި ގަރާރު ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމެވީ ނަޝީދުގެ ކޮއްކޯފުޅު އީވާ އެވެ. އެ ދެ ނިންމުން ވެސް ގޯސް ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވަނީ ވިދާޅުވެފަ އެވެ.

ނޮވެމްބަރު 13, ގައި ވެސް އެ ގަރާރު އެޖެންޑާކޮށް ދެ ޖަލްސާއެއް ބާއްވަފައިވެ އެވެ. ހެނދުނު ބޭއްވި ޖަލްސާގައި އީވާ ރިޔާސަތުގައި އިންނެވިއިރު މަޖިލީހުގެ ނިޒާމެއް ނެތް ކަމަށް ވިދާޅުވެ ޖަލްސާ އޮތީ މެދުކަނޑާލާފަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނަމަ ރިޔާސަތުގައި އީވާ އާއި އަފީފަށް ނީނދެވޭނެ ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން އޮތީ މަޖިލިސް އިދާރާއަށް ލަފާ ދީފަ އެވެ. އެ ލަފައަށް އަމީންއާންމު އަމަލުކުރުން މަޖުބޫރެއް ނޫނެވެ. އެމްޑީޕީ މެމްބަރުން ބުނަމުންދިޔައީ 44 ވަނަ މާއްދާގައިވާ ގޮތުން ރިޔާސަތުގައި އިންނަވަން ޖެހޭނީ މަރަދޫ މެމްބަރު ޝަރީފް ކަމަށެވެ.

ނަޝީދު ވަކިކުރަން އިއްޔެ ހަވީރު 4:00 އަށް އެޖެންޑާކުރި ޖަލްސާ ފެށުމުގެ ކުރިން ނަޝީދު ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވައިފަ އެވެ. އަދި އެ ސިޓީ އެ ޖަލްސާގައި ރިޔާސަތުން އިއްވެވި އެވެ. އެއީ އެ މަނިކުފާނު ފޮނުއްވި ސިޓީއެއް ކަމަށް އެ ވަގުތު މައްޗަންގޮޅީމެދު ދާއިރާގެ މެމްބަރުގެ ގޮނޑީގައި އިންނެވި ނަޝީދު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު