Advertisement

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް މިނިވަންކުރަމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ހުރަހެއް: ޓްރާންސްޕޭރެންސީ

13 ނޮވެންބަރު 2023 - 20:08 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް މިނިވަންކުރަމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ހުރަހެއް: ޓްރާންސްޕޭރެންސީ

13 ނޮވެންބަރު 2023 - 20:08 0

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް ދިނުމާ އެކު އެ ދެ ބޭފުޅުން މިނިވަންވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސިފަކޮށްފި އެވެ.

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް ދިނީ ޕެރޯލް ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިދޭ ބާރުގެ ދަށުންނެވެ. ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް "އަދަދު" އަށް އެކަން ކަށަވަރު ކޮށްދެއްވި އެވެ.

އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ޓްރާންސްޕޭރެންސީން ވަނީ އެ ދެ ބޭފުޅުން އަދަބު ލުއިކޮށް މިނިވަން ކުރުން ކުށްވެރިކޮށްފަ އެވެ. އަދި, އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އަދަބު ލުއިކޮށްދިނުމުގެ ބާރުގެ ނަހަމަ ބޭނުން ކުރުން ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.

އަދި, މި ނިންމުމުގެ ސަބަބުން އެނގިގެންދަނީ ސިޔާސީ ފަރާތްތަކަށް ކުށް ކުރުމަށް ފަހު ވެސް އެއްވެސް އަދަބެއް ލިބުމެއް ނެތި މިނިވަންކަމާ އެކު އުޅެވޭނެކަން ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ ސިޔާސަތާ އެކު ކަމަށާއި ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި އެފަދަ އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމުގައި އުޅޭ މީހުންނަށް ހިމާޔަތް ދިން މަންޒަރު ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ވައްކަމުގެ މޭސްތިރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.

ޒިޔަތު މިނިވަން ކުރީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް, ގޭ ބަންދުގައި ހުރެ ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މިނިވަންކުރި އިރު, ޒިޔަތުގެ މައްޗަށް އާ ތިން ދައުވާއެއް ކުރަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އެއީ 203 މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލައަކާއި ހަ މިލިއަން ޑޮލަރަކަށް ހިޔާނާތްވި މައްސަލައަކާއި އެއް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވި މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އެ ތިން ދައުވާގެ އަދަބެއްގެ ގޮތުން ޖުމްލަ 12 އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވުމަށް ދައުލަތުން އެދެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު ވެސް ހުރީ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ.

އެހެން ނަމަވެސް އޭނާގެ ބަލި ހާލަތާ ގުޅިގެން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އަދީބަސް މައާފު ދީފައިވާއިރު, އޭނާ ވަނީ މީގެ ކުރިން ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ. އޭނާ އަތުލައިގަނެވުނީ އިންޑިއާގެ ޓުޓިކޮރިން އިންނެވެ.