ކުރީގެ ނައިބު ރައީސް އަދީބު: އޭނާގެ ސިޔާސީ ޕާޓީ އުވާލި ސަބަބެއްގެ ގޮތުގައި އީސީއިން ބުނީ މެންބަރުން ހަމަނުވުން ---
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލާފައިވާކަން އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފި އެވެ.
އީސީ އިން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ އެމްޓީޑީ އުވާލަން ނިންމީ ގާނޫނުން ލާޒިމުކުރާ އަދަދަށް މެންބަރުން ނެތިގެންނެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާގޮތުން ޕާޓީއެއްގެ ދަފުތަރުގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ އެވެ. އެ އަދަދު ފުރިހަމަ ނުވާނަމަ، އެކަން ކުރުމަށް ތިން މަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. ޕާޓީއެއް އުވާލަނީ އެ މުއްދަތުގައި ވެސް 3،000 މެންބަރުން ހަމަ ނުވުމުންނެވެ.
އީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އެނގޭ ގޮތުން އެމްޓީޑީގައި ތިބީ 2،272 މެންބަރުންނެވެ. ޕާޓީ އުވުމާއެކު، އެ ޕާޓީގެ ނަމުގައި ދަރަންޏެއް އޮތް ނަމަ އެކަން މި މަސް ނިމުމުގެ ކުރިން ކޮމިޝަނަށް އެންގުމާށް ވެސް އީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަދީބު ވަނީ އާދިއްތަ ދުވަހު ފާހަގަކުރި ގައުމީ ދުވަހާއި ގުޅިގެން ނުސީދާކޮށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދީބު ލިޔުއްވާފައި ވަނީ މި ގައުމުގެ އެންމެ މުހިންމު ގައުމީ ވާޖިބަކީ ރައްޔިތުން ބަނޑުފުރާނަ މުއްތިކޮށް، ދަރަނިން ސަލާމަތްވެފައިވާ ތަނަކަށް މި ގައުމު ހެދުން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން އަދި ނައިބު ރައީސްކަން ކުރެއްވި އަދީބު މަގާމުން ވަކިކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ އެވެ. އޭނާގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކުރި ނަމަވެސް، މިނިވަންވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްވަރު އަދަބު ލުއިކޮށްދެއްވުމުންނެވެ.
މިނިވަންވުމަށްފަހު އަދީބު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ. އެގޮތުން އިރުމަތީ އޭޝިއާގެ ގައުމުތަކާއި މެދުއިރުމަތީގެ ގައުމުތަކުން އޭނާ ވަނީ އެކި ފަހަރުމަތިން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.
Comment