Advertisement

ގެނެވުނު ބަދަލުތަކާ އެކު ސީޕީއަށް އޮތީ ޒަމާނީ ފުލުހުންގެ ހިދުމަތެއްގެ ޔަގީންކަން

14 ނޮވެންބަރު 2023 - 08:17 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޮމިޝަނަރު މުހައްމަދު ހަމީދު. މާދަމާއަކީ އޭނާ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވާނެ ދުވަސް --- ފޮޓޯ: އަދަދު ފައިލް


ގެނެވުނު ބަދަލުތަކާ އެކު ސީޕީއަށް އޮތީ ޒަމާނީ ފުލުހުންގެ ހިދުމަތެއްގެ ޔަގީންކަން

14 ނޮވެންބަރު 2023 - 08:17 1

ފުލުހުންގެ މުއައްސާސައަކީ އަބަދުވެސް ރައްޔިތުންގެ ފާޑުކިޔުންތަކާއި ނުރުހުން އެންމެ ބޮޑަށް އަމާޒުވެފައި އޮތް މުއައްސަސާ އެވެ. ފުލުހުންގެ ހިދުމަތް އިސްލާހު ކުރުން ނުވަތަ ރިފޯމް ކުރުމުގެ ވާހަކައަކީ އެ މުއައްސަސާ މަދަނީ ހިދުމަތެއްގެ ގޮތުގައި ސެޕްޓެމްބަރު 1, 2004 ގައި ވުޖޫދު ވުމަށް ފަހު މިއަދާ ހަމައަަށް މެދުކެނޑުމެއްނެތި ދެކެވެމުންދާ ވާހަކައެކެވެ.

ފުލުހުންގެ ޔުނީފޯމަކީ ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު އޮފިސަރުންނަށް ލިބޭ ޔުނީފޯމެއް ކަމުގައި އޮތީ ގަބޫލުކުރެވިފަ އެވެ. ޖަވާބުދާރީވުމުގެ ނިޔަތެއް, ތާރީހެއް އަދި ސަގާފަތެއް އެ މުއައްސަސާގައި ނެތުމަކީ އާންމުންގެ އޮތް ކަންބޮޑުވުމެކެވެ. އެ ގޮންޖެހުންތަކާ ފުލުހުންގެ ކޮންމެ ލީޑާޝިޕަކުން ކުރިމަތިލާން ޖެހުނު ނަމަވެސް އެކަންކަމާ ގުޅޭގޮތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެ އެވެ.

ދެހާސް ބާރާގައި ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފަހު އެ ހިދުމަތާ ހަ އަހަރު ދުވަހު ދުރުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ) 2018 ގެ ފަހުކޮޅު އެކްޓިން ކޮމިޝަނަރަކަށް އައްޔަނު ކުރުމާ އެކު ކުރިމަތީގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުއްޓެވެ. ފުލުހުންގެ ހިދުމަތާ މެދު އާންމުންގެ މެދުގައި އޮތީ ނުރަނގަޅު ތަސައްވަރެކެވެ.

ފުލުހުންގެ މައި އިދާރާ. މަދަނީ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ފެށިތާ 20 އަހަރު އަންނަ އަހަރު ފުރޭނެ --- ފޮޓޯ: އަދަދު ފައިލް


ފުލުހުންގެ ހިދުމަތް ސިފައިންގެ ޔުނިޓެއްގެ ގޮތުގައި އޮއްވައި 1995 ގައި އެ ހިދުމަތާ ގުޅިވަޑައިގެންނެވި ހަމީދުގެ ކޮމިޝަނަރުކަމުގައި އެ ހިދުމަތުން މި ދެންނެވި ކަންކަމާ ގުޅޭގޮތުން މުުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުގައި ހަމީދު ވަނީ އޭނާގެ ކޮމިޝަނަރު ކަމުގެ ދައުރާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ހިއްސާ ކުރައްވާފަ އެވެ.

ގިނަ ގޮންޖެހުންތަކެއް ހުއްޓައި އިތުބާރު ހޯދިއްޖެ

އެ މަގާމާ ހަމީދު ހަވާލުވެވަޑައިގެންނެވީ އެންމެން މަޝްވަރާ އާއެކު ފުލުހުންގެ ހިދުމަތާ މެދު އާންމުންގެ މެދުގައި އޮތް ތަސައްވަރު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު އެވެ. އެކަމަކު ކުރަން ހުރި މަސައްކަތްތައް ބުރަވެފައި ބޮޑުކަން ހަމީދުއަށް އެނގިވަޑައިގެންނެވި އެވެ.

އޭނާގެ އަމާޒު އޭރު ވެސް ހުރީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ އެންމެ ބޮޑަށް ހަރަކާތްތެރިވާ މުއައްސަސާއަށް ފުލުހުން ހަދައި، ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ މުއައްސަސާއަކަށް އެތަން ބަދަލު ކުރުމަށެވެ.

"ހާއްސަކޮށް އާންމު ރައްކާތެރިކަމާއި ސަލާމަތާއި މިކަންކަމާއި ގުޅުންހުރި ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ، ނުރަނގަޅު ސިޔާސީ ނުފޫޒުން ދުރުވެފައި އޮތް މުއައްސަސާއަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތް ވަގުތެއްގައި ހަވާލުވީ," އޭރުގެ ހާލަތު ބަޔާންކޮށްދެއްވަމުން ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ހާއްސަ އިވެންޓެއްގެ ތެރެއިން. ކުށް މަދުކުރުމަށް އަމާޒުކޮށް ގިނަ ކަންކަން ކުރެވުނު ކަމަށް ހަމީދު ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް


ހަމީދު ވިދާޅުވާ ގޮތުން އެކަން ކުރުމަށް 2018 ގެ ފަހުކޮޅުން ފަށައިގެން 2019 ގެ މާޗު މަހާ ހަމައަށް ފުލުހުންގެ އެތެރެއިންނާއި ބޭރުން ވަރަށް ގިނަ މީހުންނާ މަޝްވަރާކޮށް ހާއްސަ މަގު ޗާޓެއް އެކުލަވާލެވުނެވެ. އޭގައި އެންމެ އިސްކަމެއް ދިނީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބޭނެ ފަދަ ގޮތަކަށް ފުލުހުންގެ ކަންކަން ތަރުތީބު ކުރުމަށެވެ.

ހަމީދު ގަބޫލުކުރައްވާ ގޮތުގައި އެ ޕްލޭނާ އެއްގޮތަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ އެވެ. އަދި, އޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެގޮތުން, ރައްޔިތުން ފުލުހުންގެ މުއައްސަސާއަށް ކުރިން ކުރަމުންދިޔަ އިތުބާރަށްވުރެ އިތުރު މިންވަރަކަށް މިހާރު އިތުބާރާއި ޔަގީންކަން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ފުލުހުންގެ މުއައްސަސާއަކީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު އެ މުއައްސަސާއެއްގެ ތެރެއަށް ވަދެ އެއިރެއްގައި ސިޔާސީ ބާރުވެރިކަމެއްގައި ތިބި ފަރާތްތަކެއް ބޭނުންހާ ގޮތެއް ހަދަން އޮންނަން ނުވަތަ ބޭނުންހާ ކަމެއްކުރަން އޮންނަ މުއައްސަސާއެއް ކަމަށް ޖުމުލަ ގޮތެއްގައި ނުވަތަ އާންމުކޮށް ދެކެވޭ ދެކުމަށް މިހާރު ބަދަލުތަކެއް އައިސްފައިވާނެ," ހަމީދު ވިދާޅުވި އެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން. ފުލުހުންގެ އެތެރޭގެ ހިންގުމުގެ އޮނިގަނޑަށް މިދިޔަ ފަސް އަހަރު ގިނަ ބަދަލުތަކެއް ގެނެސްފައިވޭ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


"އެގޮތަކަށެއް ނޫން މި ނިމުނު ފަސް އަހަރު މުއައްސަސާ އޮޕަރޭޓް ކުރަމުން ދިޔައީ. އެކަން ހާސިލު ވިކަމުގެ ހިތްހަމަޖެހުން އެބައޮތް,"

ސިޔާސީ ނުފޫޒާ އެއްގޮތަށް ހަމީދު ބައެއް ކަންކަން ކުރާ ކަމަށް ބުނެ އޭނާއަށް ފާޑުކިޔުން މި ފަސް އަހަރުގެ ތެރޭގައި އަމާޒުވި އެވެ. އަދި, އޭނާ އެ މަގާމަށް އައްޔަނުކުރި ގޮތާ ގުޅޭގޮތުން ވެސް ބައެއް މީހުންގެ ނުރުހުން އޮތެވެ. އޭނާ ހިދުމަތާއި އެ ވާހަކަތަކާ ގުޅޭގޮތުން ގޮތް ނިންމާނީ ރައްޔިތުން ކަމަށް ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކިހާވަރަކަށްތޯ އެ ގުޅުން އޮތް ކަމުގައިވިޔަސް ނުފޫޒު ވަނަ ނުދީ ނުފޫޒު އެއްވެސް ވަރަކަށް މިތަނަށް ފޯރުވާފައި ނެތްކަން ދައްކުވައިދީ ރައްޔިތުން ބޭނުންވާ ފަދަ ގޮތަކަށް މުއައްސަސާގެ ކަންކަން ތަރުތީބުވެފައިވާކަން ނިންމާނީ ރައްޔިތުން," ހަމީދު ވިދާޅުވި އެވެ.

އުސޫލުން ބޭރުވާ ފުލުހުންނަށް ފިޔަވަޅުން ނުރެކެވޭނެ

ވަކިވަކި ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައި އެެބަހުއްޓެވެ. އަނިޔާ ކުރުމުގެ ސަގާފަތެއް އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފުލުހުންގެ މުއައްސަސާގެ ބައެއް އޮފިސަރުން އަނިޔާ ކުރާ ކަމީ ފެންނާން ހުރި ހެކިތަކުން އެނގޭ ކަމެކެވެ. އެ މައްސަލަތައް މީގެކުރިން ބެލޭނެ ނިޒާމެއް ގާއިމުކޮށްފައި ނުވެ އެވެ.

ހަމީދު ގަބޫލުކުރައްވާ ގޮތުގައި ފުލުހުންގެ ހިދުމަތް އަދި ވަރަށް ޅަ އެވެ. މަދަނީ ހިދުމަތަކަށް ބަދަލުވިތާ 19 އަހަރުވެފައިވާއިރު ދުނިޔެއަށް އައި ބަދަލުތަކާ އެއްވަރަށް އެ ހިދުމަތް ތަރައްގީވެފައި ނުވެ އެވެ. އެ ބަދަލުތަކަށް އަރާ ހަމަކުރުމާއި އެއަށް ހޭނުމާއި އޭގެ ތެރޭގައި އޮޕަރޭޓް ކުރުމަށް އަދިވެސް ގޮންޖެހުން ހުންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ފުލުހުންގެ ބައެއް އޮފިސަރުންތަކެއް. މިފަދަ އޮފިސަރުންގެ ޕްރޮފެޝަނަލް ކެޕޭސިޓީ އިތުރު ކުރުމަށް އަމާޒުކޮށް ގިނަ ކަންކަން ހަމީދުގެ އިސްނެންގެވުމަށް ވަނީ ކޮށްފައި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


"އިމްޕިއުނިޓީ ނުވަތަ ފުލުހުން ގާނޫނު ކުރިމަތީގައި ހާއްސަކޮށް ގާނޫނަށް ޖަވާބުދާރީ ވުމާއި ރައްޔިތުންގެ މައްޗަށް ބާރު ހިންގުމަށް ފުލުހުންނަށް ލިބިފައި އޮންނަ އެ އޮތޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން މީގެ ކުރީގެ ދުވަސްތަކުގައި އެފަދަ ކަންކަން ހިނގާފައި ހުއްޓަސް މިހާރު ވާނީ އެކަން ވަރަށް ބޮޑަށް ބަދަލުކޮށްފައި," ފުލުހުންގެ ހިދުމަތްތަކަށް އައިސްފައިވާ ބަދަލާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.

އެގޮތުން, ފުލުހުންގެ މަސައްކަތާއި ގުޅިގެން ވަކިވަކި ފުލުހުން ވެސް އަދި ފުލުހުންގެ މުޅި މުއައްސަސާ ވެސް ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ފުލުހުންގެ އާ ގާނޫނާ އެކު މިހާރު މާ ބޮޑަށްވެސް ފުޅާވެފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުލުހުން ކަންބޮޑުވޭ ފުލުހުން ރައްޔިތުންގެ ހައްގުގައި ޓަފް ވާން ޖެހޭ ހާލަތްތަކުގައި އެންމެން ނުވަތަ ގިނަ ބަޔަކު ބޭނުންވާވަރަށް ޓަފް ނުވާތީ އެ ޝަކުވާވެސް އެބަހުރި. ބައެއް ފަހަރު އެ ޓަފްވާ ގޮތުގެ ސަބަބުން، ފުލުހަކު އަމަލުކުރާ ގޮތުން، ނުވަތަ ބަހުރުވަ ހުންނަ ގޮތް ނުވަތަ ހަރަކާތް ހުންނަގޮތް ނުވަތަ ކުށްވެރިއަކު ހޭންޑަލް ކުރާގޮތް އަޅުގަނޑުމެން ބޭނުންވާ މިންވަރަށް އެކަންކަން ނުކުރެވުމުގެ ކަންބޮޑުވުން ވެސް އެބަ އޮތް," ހަމީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ސެކިއުރިޓީ ބެލެހެއްޓުމަށް ރަށެއްަގައި ފުލުހުން ހަރަކާތްތެރިވަނީ. ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅޭނެ އިންތިޒާމުތައް މިހާރު ވަނީ ރޭވިފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވީ ޔުނީފޯމު ނާޅައި ތިބި ފުލުހުންތަކެއް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރި ހާލަތަކަށެވެ. އެފަދަ ހާލަތްތަކުގައި ލީޑާޝިޕުން އިސްވެ ފިޔަވަޅު އަޅާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

"އެ މެސެޖު ވަރަށް ސާފުކޮށް ދީފައި އޮންނާނީ. މިއަދު ނޯންނާނެ ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ތެރޭގައި އޮންނަ އުސޫލުން ބޭރުން ކަމެއް ކޮށްގެން އެކަމުގައި ފިޔަވަޅުން ރެކި ނުވަތަ އެބައެއްގެ މައްޗަށް ނޭޅޭނެ މާހައުލެއް މި މުއައްސަސާގައި," މާދަމާ ރިޓަޔާ ކުރައްވާ ހަމީދު ވިދާޅުވި އެވެ.

ގޭންގުތަކަށް ފުރުސަތު ދެނީ މުޅި ދައުލަތުން

"ގޭންގުތައް މިއަދުވެސް އެ އެންޖޯއި ކުރާ ފްރީޑަމްއަކީ ދިވެހި ދައުލަތުގެ ފަރާތުން ހުރިހާ އެންމެން ހިމެނޭހެން އެނޭބަލް ކޮށްފައި އޮތް ކަމެއް. މިއަދު އެއީ ފުލުހުން އެކަނި ނިކުމެ ހުއްޓުވޭނެ ކަމެއް ނޫން," ގޭންގުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ އެންމެ ފުރަތަމަ ވެސް ވިދާޅުވި އެވެ.

މާލޭގައި އަންހެން ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުންގެ ފޮރެންސިކްސް ޓީމުތަކުން ހަރަކާތްތެރިވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ފާއިތުވެދިޔަ ފަސް އަހަރަކީ އޭގެ ކުރީ ފަސް އަހަރަށް ވުރެ ގޭންގު ކުށްތަކުގައި މަރުވި މީހުންގެ އަދަދު ބޮޑުތަނުން މަދު އަހަރުތަކެކެވެ. ފުލުހުން މިދޔަ ފަސް އަހަރު ހާއްސަ މަސައްކަތް ކުރީ ގޭންގު ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުށުން ރައްޔިތުންގެ ހިތަށް ވަންނަ ބިރުވެރިކަން ކުޑަ ކުރުމަށް ކަމަށް ހަމީދު "އަދަދު" އަށް ވިދާޅުވި އެވެ.

ނަމަވެސް, އަދިވެސް އެއީ އޮތް މައްސަލައެއް ކަމަށް ހަމީދު ވިދާޅުވި އެވެ.

"އެ ޖާގަ ހަނިކުރެވިއްޖެ. އެހެންނަމަވެސް އެ މައްސަލައެއް އަދިވެސް ހައްލެއް ނުވޭ. ގޭންގުތަކުގެ މައްސަލަތަކަކީ އަދިވެސް ދެމިއޮތް މައްސަލައެއް. އަޅުގަނޑުމެންނަށް ގޭންގުތަކާއި މެދު ފިޔަވަޅު އެޅުނު ކަމުގެ އިހުސާސް ކުރެވެނީ ރިޔާސީ އިންތިހާބު ނިމުމާއެކު ގޭންގުތަކުގެ ބައެއް މީހުން އަޅުގަނޑުގެ ފޯނަށް ގޮތްގޮތަށް މެސެޖު ކުރީމަ އެނގޭ ކޮންމެވެސް ވަރެއްގެ އިމްޕެކްޓެއް ގެނެވިއްޖެކަން,"

މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ. މާލެ ތެރެ ޕެޓްރޯލް ކުރުން ގިނަކޮށް މަގުމަތީގެ އަމާންކަން ކަށަވަރު ކުރުމަށް އަމާޒުކޮށް މަސައްކަތްތަކެއް ވަނީ ފެށިފައި --- ފޮޓޯ: އަދަދު ފައިލް


އެގޮތުން, ގޭންގުތަކަށް ކުރިން ފުޅާކޮށް ލިބިފައި އޮތް މިނިވަންކަން ނުވަތަ އެ ޖާގަ ހަނިކުރެވިއްޖެ ކަމަށާއި ޖިނާއީ އަދުލުުގެ ނިޒާމުގެ ބޭރުން ވެސް އާންމު ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުމުލަ ގޮތެއްގައި ފާހަގަކުރެއްވީ ގޭންގުތަކުގެ މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ކުރިމަތިލާން ޖެހޭ މައްސަލައެއް ކަމެވެ.

"މިހާރަށްވުރެ ހަރުދަނާ އޮނިގަނޑުތަކެއް ރާވައި ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް، މުއައްސަސާތަކުންވެސް، ސިޔާސީ ފަރާތްތަކުންވެސް، ހާއްސަކޮށް މުއައްސަސާތައް ހިންގަން އިސްކޮށް ތިއްބަވާ ފަރާތްތަކުންވެސް ތެދުވެރިކަމާއެކީ މިކަމުގެ ބޮޑުމިނާއި މެދު ނުވަތަ ނުރައްކާތެރިކަމާއިމެދު ފުންކޮށް ވިސްނާވަޑައިގެން ހަރުދަނާ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އަޅައިގެން މެނުވީ މި މައްސަލައަކުން ނުނިކުމެވޭނެ," ހަމީދު ވިދާޅުވި އެވެ.