13 ނޮވެންބަރު 2023 - 14:56 2
ނިމާ ހަސަން
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު
13 ނޮވެންބަރު 2023 - 14:56 2
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް ދިނުމާއެކު އެ ދެ ބޭފުޅުން މިނިވަން ވެއްޖެ އެވެ.
އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް ދިނީ ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް "އަދަދު" އަށް އެކަން ކަށަވަރު ކޮށްދެއްވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ވައްކަމުގެ މޭސްތިރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.
ޒިޔަތު މިނިވަން ކުރީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް, ގޭ ބަންދުގައި ހުރެ ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މިނިވަންކުރި އިރު, ޒިޔަތުގެ މައްޗަށް އާ ތިން ދައުވާއެއް ކުރަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.
އެއީ 203 މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލައަކާއި ހަ މިލިއަން ޑޮލަރަކަށް ހިޔާނާތްވި މައްސަލައަކާއި އެއް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވި މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އެ ތިން ދައުވާގެ އަދަބެއްގެ ގޮތުން ޖުމްލަ 12 އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވުމަށް ދައުލަތުން އެދެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު ވެސް ހުރީ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ.
އެހެން ނަމަވެސް އޭނާގެ ބަލި ހާލަތާ ގުޅިގެން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އަދީބަސް މައާފު ދީފައިވާއިރު, އޭނާ ވަނީ މީގެ ކުރިންޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ. އޭނާ އަތުލައިގަނެވުނީ އިންޑިއާގެ ޓުޓިކޮރިން އިންނެވެ.
Comment